ރެއާލް މެޑްރިޑް އެއް ވަނަ އަށް، ރަށުގައި ކުޅެގެން ބާސެލޯނާ އަށް ޕޮއިންޓެއް

ސްޕެނިޝް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ލެވަންޓޭ 2-0 ބަލިކޮށް ލީގު ތާވަލުގެ އެއް ވަނަ އަށް އެރިއިރު އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ރެއާލް އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ފަސް ވަނައިގަ އެވެ. ދެ ވަނައިގައި ރެއާލް ބެޓިސް އޮތް އިރު ތިން ވަނައިގައި އޮތީ ރެއާލް ސޮސިއެޑާޑް އެވެ. ހަތަރު ވަނައިގައި އޮތީ ވިޔަރެއާލް އެވެ. ބާސެލޯނާ އަތުން ހޯދި ޕޮއިންޓާ އެކު ސެވިއްޔާ އިން ވެސް ވަނީ ހަތް ޕޮއިންޓް ހަމަކޮށްފަ އެވެ.
ރޭގެ މެޗުގައި ރެއާލަށް ލަނޑުތައް ޖަހައިދިނީ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ވިނީޝަސް އާއި ކަރިމް ބެންޒެމެ އާ އެވެ. ލޫކާ މޮޑްރިޗްގެ އެހީތެރިކަމާ އެކު ވިނީޝަސް ލަނޑު ޖެހިއިރު މިއީ ލީގުގައި ޖެހިޖެހިގެން ދެ މެޗުގައި އޭނާ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ރެއާލްގެ ފަހު ލަނޑު މެޗު ބެންޒެމާ ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން ލަނޑެއް ޖެހިނަމަވެސް އެވަގުތު ފައުލް ކުރުމުން ލަނޑު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ދެ ވަނަ ހާފުގައި ރެއާލްގެ ބެންޒެމާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ. ރެއާލުން ދެ ވަނަ ލަނޑު ޖެހުމުގެ ކުރިން މެޗުގެ އިތުރު ވަގުތުގައި ލެވަންޓޭ އިން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އެކަމަކު ލެވަންޓޭގެ ގޮންޒާލޯ މެލޭރޯ ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ ހުއްޓުވައިފަ އެވެ.
ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ އިން ވަނީ ރޭގެ މެޗުގެ އަށް ވަނަ މިނެޓުގައި ބާސެލޯނާ ކޮޅަށް ލަނޑު ޖަހައިފަ އެވެ. ކޯނަރަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ ފަހަކަށް އައިސް ސެވިއްޔާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލޫކް ޑި ޔޮން އެވެ. ސެވިއްޔާ އިން ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ޖޯޑީ އަލްބާ ދިން ޕާހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ފިލިއްޕޭ ކުޓީނިއޯ އެވެ. މިއީ ލޯނު އުސޫލުން ބަޔާން މިއުނިކާ އެކު މިދިޔަ ސީޒަނުގައި ތިން ތަށި ކާމިޔާބު ކުރުމަށް ފަހު އެނބުރި ބާސެލޯނާ އަށް އައިސް ކުޓީނިއޯ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގައި ބާސެލޯނާގެ އޮންޓުއަން ގްރީޒްމަން އާއި ލިއޮނަލް މެސީ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފަ އެވެ. އަނެއްކޮޅުން ސެވިއްޔާގެ ރޮނާލްޑް އަރޫޖޯ ފައިގައި ޖެހިފައި ދިޔަ ބޯޅައެއް ބައިކޮޅަށް ނުވަނީ ހަމަ ކިރިޔާ އެވެ. އެ ބޯޅަ އަމާޒުވީ ހުރަސް ދަނޑި އަށެވެ. މުޅި މެޗުގައި ވެސް ސެވިއްޔާ އިން ވަނީ ބާސެލޯނާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ލީގުގައި ހޮނިހިރު ދުވަހު އެތުލެޓިކޯ މެޑްރިޑް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު އެތުލެޓިކޯ މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.
Advertisement


Leave a Reply