މޮރީނިއޯ ޔުނައިޓެޑަށް ހިތުން ނުފިލާނެވަރުގެ ލަނޑެއް ދީފި

Advertisement

މޮރީނިއޯ ޔުނައިޓެޑަށް ހިތުން ނުފިލާނެވަރުގެ ލަނޑެއް ދީފި

ޢަލީ ޝަހީމް

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާއިން މިރޭ ޔުނައިޓެޑްގެ ދަނޑުގައި ބޮޑު މޮޅެއް ހޯދައިފި އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޔުނައިޓެޑްގެ މައްޗަށް މޮރީނިއޯގެ ޓޮޓެންހަމް ކުރި ހޯދީ 6-1 އިންނެވެ.

މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކޮޅަށް ހަ ލަނޑު ވަން ތިން ވަނަ ފަހަރެވެ. މި ތިން ފަހަރު ވެސް އެޓީމު ކޮޅަށް ހަ ލަނޑު ވަނީ އޮކްޓޫބަރު މަހު އެވެ. މީގެ ކުރިން ހަ ލަނޑު ވަނީ 1996 ވަނަ އަހަރު ސައުތެމްޓަނާއި ދެކޮޅަށް ކުޅުނު މެޗާއި 2011 ވަނަ އަހަރު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

Advertisement

މެޗު ފަށައިގެން ފުރަތަމަ މިނެޓުތެރޭ ޔުނައިޓެޑުން ވަނީ ލީޑު ނަގައިފަ އެވެ. 29 ވަނަ ސިކުންތުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ވައްދާލައިގެން އެޓީމަށް ހިތްހަމަޖެހުން ގެނެސްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. އެކަމަކު ކުޑަ އިރުކޮޅެއްތެރޭ ޓޮޓެންހަމުން ވަނީ ދެ ލަނޑު ޖަހައި މުޅި މަންޒަރު ބަދަލުކޮށްލާފަ އެވެ. ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓޮޓެންހަމަށް މެޗު އެއްވަރުކޮށްދިނީ ޓެންގީ އެންޑޮމްބެލޭ އެވެ. އޭގެފަހުން ހެރީ ކޭންގެ އެހީތެރިކަމާ އެކު ސޮން ހެއުން-މިން ގެ ލަނޑުން ޓޮޓެންހަމް ވަނީ ލީޑު ނަގައިފަ އެވެ. ފުރަތަމަ އަށް މިނެޓު ތެރޭ ޓޮޓެންހަމުން ދެ ލަނޑު ޖަހައި ލީޑު ނެގިއިރު ޔުނައިޓެޑް ޓީމު ފެނުނީ ރޫޅިފައި އޮތްތަނެވެ.

މެޗުގެ ތެރެއަށް ވަންނަން ޔުނައިޓެޑުން ކުރި މަސައްކަތަށް ގޮންޖެހުން ކުރިމަތިވީ 28 ވަނަ މިނެޓުގައި ފޯވާޑް އެންތަނީ މާޝިއަލް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ ޔުނައިޓެޑްގެ އޭރިޔާ ތެރެއިން ޓޮޓެންހަމްގެ އެރިކް ލަމޭލާގެ މޫނުގައި ގަސްތުގައި އަތުން ޖެހުމުން މާޝިއަލް އަށް ދެކި ރަތް ކާޑެކެވެ. އެކަމަކު ރީޕްލޭ އިން ފެންނަ ގޮތުގައި މާޝިއަލްގެ މޫނުގައި އަތުން އެންމެ ފުރަތަމަ ޖެހީ ލަމޭލާ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ފެށިތާ ދެ މިނެޓު ތެރޭ ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލާފަ އެވެ. މި ލަނޑު ވެސް ޖެހީ ޔުނައިޓެޑްގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމްގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ސޮން އެވެ.

މެޗުގެ ދެ ވަނަ ހާފު ޔުނައިޓެޑުން ފެށީ ނިމެންޔާ މަޓިޗާއި ފެނާންޑޭސްގެ ބަދަލުގައި ސްކޮޓް މެކްޓޮމިނޭ އާއި ފްރެޑް ކުޅެން އަރުވައިގެންނެވެ. އެކަމަކު ޔުނައިޓެޑްގެ ކުޅުމަށް ރަނގަޅު ބަދަލެއް އައިސްފައެއްނުވެ އެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ފަސް ވަނަ ލަނޑު ސާޖް އޮރިއޭ ޖެހިއިރު ފަހު ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ކޭން އެވެ.

މި މޮޅާ އެކު ޓޮޓެންހަމް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައި ލީގު ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ. ލީގުގައި މިރޭ ކުޅޭ ފަހު މެޗުގައި ލިވަޕޫލް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *