މުހިއްމު މޮޅެއް ހޯދައި އާސެނަލުން އިތުބާރު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ލީގުގައި އާސެނަލުން އިތުބާރު ބޮޑުކޮށްފި އެވެ.
މޮޅާ އެކު އާސެނަލް ވަނީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައި ތާވަލުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގައި އާސެނަލް މިހާތަނަށް ބަލިވީ މިދިޔަ ހޯމަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މިރޭގެ މެޗަށް އާސެނަލް ނުކުތީ މިދިޔަ ހަފްތާ އިނގިރޭސި ލީގު ކަޕްގައި ރަށުން ބޭރުގައި ލިވަޕޫލް ކަޓުވާލުމަށް ފަހު އެވެ.
އާސެނަލް ހަތަރު ވަނައިގައި އޮތްއިރު އެއް ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދާފައިވާ އެވަޓަން އެވެ. އާސެނަލްގެ ކުރިން ލީގު ތާވަލުގެ ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ލީގުގައި މިއަދު ހަވީރު ލެސްޓާ ސިޓީ އަމިއްލަ ދަނޑުގައި 3-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ވަނީ ބަލިވެފަ އެވެ. ލިވަޕޫލުން މިރޭ 11:45 ގައި ރަށުން ބޭރުގައި ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.
މެޗުގެ ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. 60 ވަނަ މިނެޓުގައި އާސެނަލްގެ ފުރަތަމަ ލަނޑު ހެކްޓާ ބެލެރިން ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލީ ބުކަޔޯ ސަކާ އެވެ. 19 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ މިރޭ ލަނޑު ޖެހިއިރު އޭނާ އަށް މިހާރު ވަނީ އިނގިރޭސި ސީނިއާ ފުޓްބޯޅަ ޓީމުން ވެސް ފުރުސަތު ލިބިފަ އެވެ. ސަކާ ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ބެލެރިންގެ އެހީތެރިކަމާ އެކު އާސެނަލަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ނިކޮލަސް ޕެޕޭ އެވެ. މި ލަނޑު އާސެނަލުން ޖެހީ 19 ޕާސް ފުރިހަމަކޮށްފަ އެވެ. އާސެނަލުން މެޗުގެ ކޮންޓްރޯލް އަތުލާފައި ވަނިކޮށް ޝެފީލްޑް ޔުނައިޓެޑްގެ ޑޭވިޑް މެކްގޯލްޑްރިކް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ ބާކީ ބައިގައި އެޓީމުން ޕޮއިންޓެއް ހޯދަން މަސައްކަތްކުރި ނަމަވެސް އާސެނަލުން ވަނީ އެ ނަތީޖާގައި މެޗު ނިންމާލައިފަ އެވެ.
މިރޭގެ މެޗަކީ މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ޝެފީލްޑް ޔުނައިޓެޑް ލީގުގައި ޖެހިޖެހިގެން ބަލިވި ހަތް ވަނަ މެޗެވެ. ފަހަކަށް އައިސް އެޓީމުގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައިވާއިރު ލީގުގައި އެޓީމަށް ޖެހުނީ އަދި އެންމެ ލަނޑެކެވެ. މިއީ 1976 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ފަހުން ޝެފީލްޑްގެ ނަތީޖާތައް މިހާ ދަށްވި ފުރަތަމަ ފަހަރެވެ.
ލީގުގައި މިއަދު ހަވީރު ވެސްޓް ހޭމް އަތުން ލެސްޓާ ބަލިވިއިރު މުޅި މެޗުގައި ވެސް ވެސްޓް ހޭމްގެ ގޯލާ އަމާޒުކޮށް ލެސްޓާ އަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެ އެވެ. މީގެ ކުރިން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަށް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުނީ އެންމެ ތިން ފަހަރު އެވެ. އެންމެ ފަހުން އެޓީމަށް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
އެހެން މެޗުތަކަށް ބަލާއިރު ސައުތެމްޓަނުން ވަނީ މިއަދު ހަވީރު އަމިއްލަ ދަނޑުގައި 2-0 އިން ވެސްޓް ބްރޮމް ބަލިކޮށްފަ އެވެ. ވުލްވްސް އިން އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅެ މޮޅުވީ 1-0 އިންނެވެ. މިރޭ ދެން ކުޅޭނީ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރާ މެޗާއި އެސްޓަން ވިލާ އާއި ލިވަޕޫލް ވާދަކުރާ މެޗެވެ.
Advertisement


Leave a Reply