ޕިރްލޯ ބޭނުންވަނީ ކޮންމެ މެޗެއްގައި ރޮނާލްޑޯ ލަނޑު ޖަހަން

Advertisement

ޕިރްލޯ ބޭނުންވަނީ ކޮންމެ މެޗެއްގައި ރޮނާލްޑޯ ލަނޑު ޖަހަން

ޢަލީ ޝަހީމް

ކްރިސްޓިއާނޯ ރޮނާލްޑޯ ކޮންމެ މެޗެއްގައި ލަނޑެއް ނޫނީ ދެ ލަނޑު ޖަހަން އޭނާ އުއްމީދުކުރާކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލީ ބުނެފި އެވެ. ޕިރްލޯ މިހެން ބުނީ އިޓާލިއަން ލީގުގައި މިރޭ ނަޕޯލީއާ ދެކޮޅަށް ޔުވެންޓަސް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ އަށް ތައުރީފް ކުރަމުން ވާހަކަދައްކަމުންނެވެ.

ޕްރެސްގައި ޕިރްލޯ ބުނީ އޭނާ ބޭނުންވަނީ އުމުރުން 35 އަހަރުގެ ރޮނާލްޑޯ ގިނަ ލަނޑުތަކެއް ޖަހައި ފޯމު ދަމަހައްޓަން ކަމަށެވެ. ލީގުގައި ޔުވެންޓަސް އިން ކުޅުނު ފުރަތަމަ ދެ މެޗުގައި ރޮނާލްޑޯ ވަނީ ތިން ލަނޑު ޖަހައި އެއް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ޔުވެންޓަސް މިވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.

“ރޮނާލްޑޯ ބަރަށް ބުރަކޮށް މަސައްކަތްކުރޭ. އެންމެ ފުރަތަމަ ފަރިތަކުރުންތަކަށް އައިސް ރޮނާލްޑޯ ދާނީ އެންމެ ފަހުން. އޭނަ މުޅި ޓީމަށް ހިތްވަރު ގެނެސްދޭ. ދަނޑުމަތީގައި އެކަން ފާހަގަވެސް ވާނެ. ރޮނާލްޑޯ ސީޒަން ރަނގަޅަށް ފެށުމުން އެ ފޯމުގައި މުޅި ސީޒަނުގައި ހިފަހައްޓަން އަހަރެން ބޭނުންވޭ. އުއްމީދު ކުރަނީ މެޗެއްގައި ލަނޑެއް ނޫނީ ދެ ލަނޑު ރޮނާލްޑޯ ޖަހަން. އެއީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް” ރޮނާލްޑޯ އަށް ތައުރީފް ކުރަމުން ޕިރްލޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ފުރަތަމަ ދެ ސީޒަނުގައި ވެސް އެޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. ރޮނާލްޑޯ ޔުވެންޓަސް އިން ގެނައި އެންމެ ބޮޑު ބޭނުމަކީ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. އެކަމަކު މިދިޔަ ދެ ސީޒަނުގައި ވެސް އެޓީމަށް އެ މުބާރާތުގައި މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ލައްވާލީ ލިއޮނަލް މެސީ ހިމެނޭ ބާސެލޯނާއާ އެކު ގްރޫޕް ޖީ ގަ އެވެ. މި ދެޓީމުގެ އިތުރުން ގްރޫޕް ޖީގައި ހިމެނެނީ ޔޫކްރެންގެ ޑީނަމޯ ކިއޭވް އާއި ހަންގޭރީގެ ފެރެންވާރޯސް އެވެ.

ޕިރްލޯ ބުނީ ޗެމްޕިއަންސް ލީގުގެ ވާދަވެރިކަމަށް ޔުވެންޓަސް ތައްޔާރުކަމަށާއި ގްރޫޕް ސްޓޭޖުގައި ކިއޭވްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު ކާމިޔާބުކުރުން މުހިއްމު ކަމަށެވެ.

“އަހަރެމެން މިއޮތީ ރަނގަޅު ގްރޫޕެއްގަ. ބާސެލޯނާއާ ވާދަކުރަން ޖެހުމަކީ ރަނގަޅު ތަޖުރިބާއަކަށް ވާނެ. އެކަހަލަ މެޗުތަކުން ކުޅުންތެރިންނަށް ޒިންމާތައް އެނގިގެންދޭ” ދުނިޔޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ 41 އަހަރުގެ ޕިރްލޯ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޔުވެންޓަސް އިން ޑީނަމޯ ކިއޭވްއާ ދެކޮޅަށް ޔޫކްރޭންގައި ނުކުންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ޕިރްލޯ ބުނީ ފިނި މޫސުގެ ކުރީކޮޅު ރަށުން ބޭރުގައި ކިއޭވްއާ ދެކޮޅަށް ކުޅެން ޖެހުމަކީ ރަނގަޅެއް ކަމަށެވެ. ކޯޗިންގެ ފުރަތަމަ ސީޒަނުގައި ޕިރްލޯ އަށް އޮންނާނެ އެންމެ ބޮޑު ޒިންމާ އަކީ ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމެވެ. އެޓީމަށް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރެވުނީ 1996 ވަނަ އަހަރު އެވެ.

ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި މިރޭ ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ދެޓީމުގެ މެމްބަރުން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ހޮނިހިރު ދުވަހު ޔުވެންޓަސްގެ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު ނަޕޯލީގެ ދެ ކުޅުންތެރިއަކާއި ކޯޗިން ސްޓާފަކަށް މިދިޔަ ހަފްތާ ވަނީ ކޮވިޑް ޖެހިފަ އެވެ. މިރޭގެ މެޗު ކުޅުމަށް ނަޕޯލީ އިން އިޓަލީގެ ޓިއުރިން އަށް ދިއުމުގެ ހުއްދަ ފުރަތަމަ ލިބިފައެއްނުވެ އެވެ. އެކަމަކު މިހާރު ޔުވެންޓަސް އާއި އިޓާލިއަން ލީގުން ވަނީ މެޗު ކުޅޭނެކަމަށް ބުނެފަ އެވެ. ޔުވެންޓަސް އާއި ނަޕޯލީ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *