އިނގިރޭސި ކުޅުންތެރިންނަށް ކޯޗު ތަފާތު ފިލާވަޅެއް ނަގައިދެނީ

ގައުމީ ޓީމުގެ ޖާޒީގެ ފަހުރު ދެމެހެއްޓުމަކީ ކޮބައިކަން ހަނދާންކޮށްދިނުމުގެ ގޮތުން އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމަށް ނެގި ކުޅުންތެރިންނާ ވާހަކަދައްކަން އެގައުމުގެ ކޯޗު ގަރެތު ސައުތުގޭޓް ނިންމައިފި އެވެ.
މި ހަފްތާ އިނގިރޭސި ގައުމީ ޓީމުން ބައިނަލްއަގްވާމީ މެޗުތަކާ ކުރިމަތިލާއިރު، ސްކޮޑް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ޓީމުން ފާހަގަކުރެވުނު އެންމެ ބޮޑު ބަދަލަކީ މިދިޔަ މަހު ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން އާއި މެންޗެސްޓަރ ޔުނައިޓެޑްގެ މޭސަން ގްރީންވުޑް ބާކީކުރުމެވެ. ޓީމުން މި ދެކުޅުންތެރިން ބާކީކުރީ މިދިޔަ މަހު އައިސްލެންޑާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗަށް ފަހު 20 އަހަރުގެ ފޯޑެން އާއި 19 އަހަރުގެ ގްރީންވުޑް އައިސްލެންޑްގެ ކަރަންޓީނު އުސޫލާ ހިލާފަށް އަންހެން ކުދިންތަކެއް ކޮޓަރިއަށް ވެއްދި މައްސަލައިގަ އެވެ. ފޯޑެން އާއި ގްރީންވުޑް އެގޮތަށް އަމަލުކުރިކަން ފަޅާއެރީ އަންހެން ކުއްޖަކު ކުރި ސްނެޕްޗެޓް ވީޑިއޯއެއްގައި އެ ދެކުޅުންތެރިން ފެނުމުންނެވެ. ކަރަންޓީނު އުސޫލާ ހިލާފުވުމުން ކޯޗު ސައުތުގޭޓު ވަނީ އެ ދެކުޅުންތެރިން ގައުމީ ޓީމުގެ ކޭމްޕުން ދުރުކޮށް އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ. އޭގެފަހުން އިނގިރޭސި ޓީމުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން އެ ކުޅުންތެރިންނަށް ފުރުސަތެއް ނުލިބުނެވެ.

އެންމެ ފަހުން ނެގި އިނގިރޭސި ޓީމުން ފުރުސަތު ނުލިބުނު ފޯޑެން (ކ) އާއި ގްރީންވުޑް
ކުރިއަށް އޮތް މެޗުތަކަށް ނެގި ޓީމުގެ ކުޅުންތެރިންނާ ވާހަކަދައްކަން ސައުތުގޭޓް ނިންމީ ފޯޑެން އާއި ގްރީންވުޑްގެ ފަރާތުން ފެނުނު އަމަލާއި ގުޅިގެންނެވެ. ސައުތުގޭޓް ކުޅުންތެރިންނާ ވާހަކަދައްކާނީ މި ހަފްތާގައި ކުޅޭ ކްލަބް މެޗުތަކަށް ފަހު ސްކޮޑަށް ނެގި ކުޅުންތެރިން ޓީމުގެ ކޭމްޕާ ގުޅޭ ހިސާބުންނެވެ.
“މިއީ ލިޔެފައި އޮތް އެއްޗެއް ކުޅުންތެރިންނަށް ކިޔައިދީގެން ގަދަބާރު ދެއްކުމެއް ނޫން. ކުޅުންތެރިން ތަމްސީލު ކުރަނީ ޓީމެއް. ޓީމުގެ މެމްބަރެއްގެ ގޮތުގައި ހުންނައިރު ވިސްނަންޖެހޭ ކަންތައްތަކެއް ހުންނާނެ. އެކުޅުންތެރިން (ފޯޑެން އާއި ގްރީންވުޑް) ގެ ފަރާތުން ރަނގަޅު ގިނަ ކަންތައްތަކެއް ވެސް ފެނުނު” ސައުތުގޭޓް ބުންޏެވެ.
އިނގިރޭސި ޓީމު މިމަހުގެ އަށް ވަނަ ދުވަހު ރަހްމަތްތެރިކަމުގެ މެޗެއްގައި ނުކުންނާނީ އަވައްޓެރި ވޭލްސްއާ ދެކޮޅަށެވެ. އަދި ޔޫއެފާ ނޭޝަންސް ލީގުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ބެލްޖިއަމްއާ ދެކޮޅަށް ކުޅޭއިރު އޭގެ ދެ ދުވަސް ފަހުން ޑެންމާކާ ދެކޮޅަށް ނުކުންނާނެ އެވެ. މި ތިން މެޗު ވެސް ކުޅޭނީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.
އިނގިރޭސި ޓީމުން މިފަހަރު އަލަށް ފުރުސަތު ލިބުނީ އެވަޓަންގައި ގިނަ ލަނޑުތަކެއް ޖަހަމުން އަންނަ ޑޮމިނިކް ކަލްވާޓް-ލެވިން އާއި ލެސްޓާ ސިޓީގެ ހާވީ ބާންސް އަދި އާސެނަލްގެ ބުކަޔޯ ސަކާ އަށެވެ.
“މިދިޔަ ކޭމްޕުން ފާހަގަކުރެވުނު އާ ބައިވަރު ކުޅުންތެރިން ޓީމަށް އަންނަން އެބަތިބިކަން. އަބަދުވެސް މަސައްކަތްކުރަންޖެހޭނީ ސަގާފަތާ އެއްގޮތަށް. ގައުމީ ޓީމަކީ އަބަދު އެއް ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކަށް ވެގެންނުވާނެ. އެއީ ބަދަލުވަމުންދާ ކަމެއް” އިނގިރޭސި ޓީމު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ގެންގޮސްދިން ކޯޗު ބުންޏެވެ.
Advertisement


Leave a Reply