ނެދަލެންޑްސްގެ ކޯޗަކަށް ފްރޭންކް ޑި ބޯ ހަމަޖައްސައިފި

ހުސްވެފައިވާ ނެދަލެންޑްސްގެ ކޯޗުކަމުގެ މަގާމަށް އެގައުމުގެ ކުރީގެ ކުޅުންތެރިޔާ ފްރޭންކް ޑި ބޯ ހަމަޖައްސައިފި އެވެ.
ނެދަލެންޑްސްގެ ކޯޗަކަށް ފްރޭންކް ޑި ބޯ ހަމަޖެއްސީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ހިމެނޭގޮތަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. 50 އަހަރުގެ ފްރޭންކް ޑި ބޯ ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވިއިރު އެ މަގާމްގައި ކުރިން ހުރި ރޮނާލްޑް ކޫމަން ވަނީ މިދިޔަ އޮގަސްޓް މަހު ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވެފަ އެވެ.
ގައުމީ ޓީމަށް 112 މެޗު ކުޅެދީފައިވާ ޑި ބޯ އެންމެ ފަހުން އިރުޝާދުދިނީ އެމެރިކާ ލީގުގެ އެޓްލާންޓާ ޔުނައިޓެޑަށެވެ. އެޓީމުގެ ކޯޗުކަމުގެ މަގާމް ޑި ބޯ ފުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. އޭގެ ކުރިން ޑި ބޯ ވަނީ އިންޓަ މިލާނުގެ އިތުރުން އިނގިރޭސި ކްލަބް ކްރިސްޓަލް ޕެލަސްގެ ކޯޗުކަން ވެސް ކުރު މުއްދަތެއްގައި ކޮށްފަ އެވެ. 18-2017 ވަނަ ސީޒަނުގައި ކްރިސްޓަލް ޕެލަސްއާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުޅުނު ފަސް މެޗަށް ފަހު ޑި ބޯ ވަނީ އެ ކްލަބުގެ ކޯޗުކަމުން ވަކިކޮށްފަ އެވެ.
ޑި ބޯގެ ކޯޗިން ކެރިއަރުގައި އެންމެ ކާމިޔާބީ ނެދަލެންޑްސްގެ އަޔަކްސް އަށް އިރުޝާދުދިން ދުވަސްވަރު އެވެ. 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ކްލަބާ ހަވާލުވުމަށް ފަހު 2016 ވަނަ އަހަރުގެ މެއި މަހު ކްލަބުގެ ކޯޗުކަން ދޫކޮށްލުމާ ހަމައަށް ޑި ބޯ ވަނީ އަޔަކްސް އަށް ހަތަރު ފަހަރު ޑަޗް ލީގު ކާމިޔާބުކޮށްދީފަ އެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޑި ބޯ ވަނީ އެސިސްޓެންޓް މެނޭޖަރުގެ މަގާމް ގައުމީ ޓީމުގައި ފުރައިފަ އެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ނެދަލެންޑްސް ދަތުރުކުރިއިރު އޭރުގެ ކޯޗު ބާޓް ވަން މާވިކްގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރީ ޑި ބޯ އެވެ.
2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ނެދަލެންޑްސް ޓީމަށް ފުރުސަތު ނުލިބުނު ނަމަވެސް އޭގެފަހުން އެޓީމުން ވަނީ ނަތިޖާތައް ރަނގަޅުކޮށްފަ އެވެ. ކޫމަންގެ ކޯޗުކަމުގައި އެޓީމުން 2020 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދިއިރު ޔޫއެފާ ނޭޝަންސް ލީގުގެ ރަނަރަޕް ކަންވެސް ހޯދި އެވެ.
ޑި ބޯގެ ކޯޗުކަމުގައި ނެދަލެންޑްސް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އަމިއްލަ ގައުމުގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ ރަހްމަތްތެރިކަމުގެ މެޗެވެ. އެއަށްފަހު ޔޫއެފާ ނޭޝަންސް ލީގުގައި އަންނަ މަހުގެ 11 ވަނަ ދުވަހު އެޓީމުން ބޮސްނިއާއާ ދެކޮޅަށް ނުކުންނައިރު އޮކްޓޫބަރު 14 ވަނަ ދުވަހު ކުޅޭނީ އިޓަލީއާ އެވެ.
Advertisement


Leave a Reply