މޮރީނިއޯގެ ސިކުނޑީގައި ގައުމީ ކޯޗަކަށް ވުމުގެ ހިޔާލު އެނބުރެނީ

Advertisement

މޮރީނިއޯގެ ސިކުނޑީގައި ގައުމީ ކޯޗަކަށް ވުމުގެ ހިޔާލު އެނބުރެނީ

ޢަލީ ޝަހީމް

ކޯޗިން ކެރިއަރުގެ ވަކި ހިސާބަކުން ގައުމީ ފުޓްބޯޅަ ޓީމަކަށް އިރުޝާދުދިނުމުގެ ވިސްނުން ގެންގުޅޭކަމަށް ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ. ޕޯޗުގަލަށް އުފަން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މޮރީނިއޯ މިހެން ބުނީ މިރޭ ޔޫއެފާ ޔޫރޮޕާ ލީގުގެ ކޮލިފައިންގައި ނޯތު މެސަޑޯނިއާގެ ކޭއެފް ޝެންޑީޖާއާ ދެކޮޅަށް އެޓީމު ނުކުތުމުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މޮރީނިއޯ އަކީ ޔޫރަޕްގެ މަޝްހޫރު ކްލަބްތަކަށް އިރުޝާދުދީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އަމިއްލަ ގައުމުގެ ބެންފީކާ އިން ކޯޗިން ކެރިއަރު ފެށުމަށް ފަހު މޮރީނިއޯ އެންމެ ވިދާލީ ޕޯޗުގަލްގެ ޕޯޓޯއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު 2004 ވަނަ އަހަރު ކާމިޔާބުކުރި ހިސާބުންނެވެ. ޕޯޓޯގެ އިތުރުން މޮރީނިއޯ ވަނީ 2010 ވަނަ އަހަރު އިޓަލީގެ އިންޓަ މިލާނުގެ ކޯޗުކަމުގައި ވެސް އެ ކްލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. މޮރީނިއޯ ކޯޗުކޮށްދިން ޓީމުތަކުގެ ތެރޭގައި އިނގިރޭސި މަޝްހޫރު ކްލަބްތައް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ހިމެނެ އެވެ. އަދި، ސްޕެއިންގެ ރެއާލް މެޑްރިޑަށް ވެސް މޮރީނިއޯ ވަނީ އިރުޝާދުދީފަ އެވެ.

Advertisement

57 އަހަރުގެ މޮރީނިއޯ ބުނީ އަދި އަމާޒަކީ ކްލަބް ލެވެލްގައި ކޯޗުކޮށްދިނުން ކަމަށާއި، އެކަމަކު ކޮންމެވެސް ދުވަހަކުން ގައުމީ ޓީމަކާ އެކު ތަޖުރިބާކުރަން ބޭނުންވާ ކަމަށެވެ.

“ތެދެއް އަހަރެން ބޭނުން ގައުމީ ޓީމަކަށް ކޯޗުކޮށްދެން. އަހަރެން ބޭނުން ވޯލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕް ކަހަލަ ކުރު މުބާރާތެއް ތަޖުރިބާކުރަން” ގައުމީ ޓީމުތަކަށް އިރުޝާދުދޭން ބޭނުންވާކަން މީގެ ކުރިން ވެސް ހާމަކޮށްފައިވާ މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ގައުމީ ޓީމުތަކަށް ކޯޗުކަން ކޮށްދިނުމުގެ ވިސްނުން ހުއްޓަސް އުފަން ގައުމު ޕޯޗުގަލަށް އިރުޝާދު ދިނުމަކީ އެންމެ ރަނގަޅު ނިންމުމަށް ނުވެދާނެކަމަށެވެ. “ޕޯޗުގަލަކީ އަހަރެންގެ ހިތުގެ އެއްބައި. އެކަމަކު އުފަން ގައުމަށް ކޯޗުކަން ކޮށްދިނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ” މޮރީނިއޯ ބުންޏެވެ.

ކްލަބްތަކަށް ބޮޑެތި ކާމިޔާބީ ހޯދައިދިން ބައެއް ކޯޗުން ވަނީ ގައުމީ ޓީމުތަކާ ފަހުން ހަވާލުވެފަ އެވެ. ގައުމީ ޓީމުތަކުގެ ތެރެއިން ސްޕެއިންގެ ކޯޗަކަށް މިހާރު ހުންނަ ލުއިސް އެންރީކޭ އަކީ މީގެ ކުރިން ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *