ކެޕާ އަށް ކުރި އިތުބާރު ގެއްލުމުން ޗެލްސީ އިން މެންޑީ ގެންނަނީ

Advertisement

ކެޕާ އަށް ކުރި އިތުބާރު ގެއްލުމުން ޗެލްސީ އިން މެންޑީ ގެންނަނީ

ޢަލީ ޝަހީމް

އެއް ވަނަ ކީޕަރު ކެޕާ އަރިޒަބަލާގާ އަށް އޮތް އިތުބާރު ގެއްލި ޗެލްސީ އިން އާ ގޯލްކީޕަރެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ. އެ ކްލަބުން މިހާރު ވަނީ ފްރާންސްގެ ރެންސް އަށް ކުޅެމުން އަންނަ ސެނެގޯލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

28 އަހަރުގެ މެންޑީ އަކީ އާ ސީޒަން ފެށުމުގެ ކުރިން ޗެލްސީން ގެންނަން މަސައްކަތްކުރި ކީޕަރެކެވެ. ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ 28 އަހަރުގެ މެންޑީ އެޓީމާ ގުޅުމާއެކު ގޯލްކީޕަރުންގެ ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ. ޗެލްސީގެ ގޯލު މިހާރު ބަލަހައްޓަމުން އަންނަ ކެޕާ ގެންނަން އެ ކްލަބުން ވަނީ 71 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. އެކަމަކު އަގާ އެއްވަރުގެ ކުޅުމަކާ ގާތަށް ވެސް ކެޕާ އަށް ދަނޑުމަތީގައި ހުނަރު ނުދެއްކެ އެވެ. މެންޑީ މިހާރު ކުރަމުން އަންނަނީ ޗެލްސީގެ މެޑިކަލް ނިންމުމުގެ މަސައްކަތެވެ. މެޑިކަލް ނިމުމުން މާދަމާގެ ވަގުތެއްގައި އޭނާ ޗެލްސީއާ ރަސްމީކޮށް ގުޅޭނެކަމަށް ބެލެވެ އެވެ.

Advertisement

ޕްރިމިއާ ލީގުގެ ކުޅުން ފަށައިގެން ކުޅުނު ދެ މެޗުގެ ތެރެއިން ޗެލްސީ އިން ވަނީ ރަށުން ބޭރުގައި ބްރައިޓަން އަތުން މޮޅުވެފަ އެވެ. އެކަމަކު މިދިޔަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 2-0 އިން ބަލިވި މެޗުގައި އެޓީމު ކޮޅަށް ލިވަޕޫލުން ދެ ވަނަ ލަނޑު ޖެހީ ކީޕަރު ކެޕާ އަށް ހެދުނު ބޮޑު ގޯހަކުންނެވެ. މެޗަށް ފަހު ލަމްޕާޑް ވެސް ވަނީ ކެޕާގެ ފަރާތުން ފެނުނީ ގަބޫލުކުރަން އުނދަގޫ ގޯހެއް ކަމަށް ބުނެފަ އެވެ.

“އަހަރެމެން މެންޑީ ގެނައީ ކީޕަރުންގެ ވާދަވެރިކަން އިތުރުކުރަން. ވާދަވެރިކަމަކީ އާއްމު ކަމެއް. ޓީމަށް އެރުމަކީ ކޮންމެ ކުޅުންތެރިއެއްގެ ބާރުގައި އޮންނަ ކަމެއް” އާ ކީޕަރާ ގުޅޭގޮތުން ވާހަކަދައްކަމުން ލަމްޕާޑް ބުންޏެވެ.

ޗެލްސީ އަށް ފަހަކަށް އައިސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގިނަ ލަނޑުތަކެއް އެޓީމު ކޮޅަށް ވަނުމެވެ. މިދިޔަ ސީޒަނުގައި 25 އަހަރުގެ ކެޕާގެ ފަރާތުން ފެނުނު ގޯސްތަކާ އެކު ލަމްޕާޑް ވަނީ ސީޒަނުގެ ފަހުކޮޅު ކުޅުނު މެޗުތަކުގައި 38 އަހަރުގެ ބަދަލު ކީޕަރު ވިލީ ކަބަޔޭރޯ އަށް ފުރުސަތުދީފަ އެވެ. އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ އިތުރުން ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރަން ކުޅުނު ލީގުގެ ފަހު މެޗުތަކުގައި އެޓީމުގެ ގޯލު ބެލެހެއްޓީ ކަބަޔޭރޯ އެވެ.

ޗެލްސީގެ ބަދަލު ކީޕަރު ވިލީ ކަބަޔޭރޯ

ލަމްޕާޑް ބުނީ ލީގު ކަޕްގައި މާދަމާ ރޭ ބާންސްލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ފުރުސަތު ދޭނީ ކަބަޔޭރޯ އަށް ކަމަށެވެ. އެ މެޗުގައި ބަދަލު ކީޕަރަށް ފުރުސަތުދޭން ނިންމީ މާކުރިން ކަމަށާއި، އެއީ ލިވަޕޫލް މެޗުގައި ކެޕާ ހެދި ގޯހާއި ގުޅިގެން ކުރަން ނިންމި ބަދަލެއް ނޫންކަމަށް ލަމްޕާޑް ބުންޏެވެ.

މިދިޔަ އަހަރު ރެންސް އަށް މެންޑީ ބަދަލުވީ އޭރު ފްރާންސްގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ރެއިމްސް އިންނެވެ. ރެންސް އަށް ބަދަލުވުމަށް ފަހު މެންޑީ ވަނީ ލީގުގައި 25 މެޗު ކުޅެފަ އެވެ. މި މެޗުތަކުގެ ތެރެއިން ނުވަ މެޗުގައި ރެންސް ކޮޅަށް ލަނޑެއް ވަދެފައެއްނުވެ އެވެ. ކެޕާ މިދިޔަ ސީޒަނުގެ ގޯލު ބެލެހެއްޓި ލީގުގެ 33 މެޗުގެ ތެރެއިން ލަނޑެއް ނުވަދެ ނިންމާލެވުނީ އެންމެ އަށް މެޗެވެ. އަނެއްކޮޅުން ބޯޅަ ހުއްޓުވި އިންސައްތައަށް ބަލާއިރު މެންޑީ އުޅެނީ 76.3 އިންސައްތައިގަ އެވެ. އެއީ ކޮންމެ 114 މިނެޓަކުން ގޯލެއްގެ ރޭޓެވެ. އެކަމަކު ކެޕާ އުޅެނީ ކޮންމެ 63 މިނެޓަކުން ގޯލެއްގެ ރޭޓުން 53.5 އިންސައްތައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *