ތިއާގޯ އަސަރުން ފުރިފައިވާ މެސެޖަކުން ބަޔާންގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި

Advertisement

ތިއާގޯ އަސަރުން ފުރިފައިވާ މެސެޖަކުން ބަޔާންގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބް ލިވަޕޫލަށް މި ސީޒަންގައި ބަދަލުވާން އެއްބަސްވެފައިވާ ބަޔާން މިޔުނިކުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓަރާ ބަޔާންގެ ސަޕޯޓަރުންނަށް އަސަރުން ފުރިފައިވާ އަލްވަދާއު އެއް ކިޔައިފިއެވެ. ސްޕެއިންގެ 29 އަހަރުގެ ކުޅުންތެރިޔާގެ ޓްރާންސްފަރ އާ ގުޅޭގޮތުން ލިވަޕޫލުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައިނުވި ނަމަވެސް ތިއާގޯ ބަޔާންގެ ސަޕޯޓަރުންނަށް ފޮނުވި ވީޑިއޯ މެސެޖެއްގައި ކުލަބް ދޫކޮށްލަން ނިންމި ކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

“މި އާދަޔާޙިލާފު ކުލަބާއެކު އަހަރެންގެ ހުޅުވާލި ޗެޕްޓަރ ލައްޕާލަން ނިންމައިފިން. މިއީ އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ނިންމަންޖެހުނު އެންމެ އުނދަގޫ ނިންމުން. މިއީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އަހަރެންނަށް ކުރިއެރުން ހޯދައިދިން ކުލަބް. މި ކުލަބުގައި އަހަރެން މި ވޭތުކުރި ހަތް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބީގެ އެތައް ވަގުތަކާއި، އުނދަގޫ ވަގުތުތަކެއްވެސް ތަޖުރިބާކޮށްފިން. މި ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަހަރެން އެންމެ ބޮޑަށް ފަހުރުވެރިވާ ކަމަކީ އަހަރެން މި ކުލަބަށް އައީ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި އެތައް އުއްމީދެއް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށްވެފައި މި ކުލަބު ދޫކޮށްދާއިރު އެހުރިހާ އުއްމީދެއް ހާސއިލްވެފައި އޮތުމުން. މި ކުލަބު މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.” ތިއާގޯގެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖްގައި ބުނެފައިވެ އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން ތިއާގޯ ވަނީ ބަޔާން މިޔުނިކުގައި ހޭދަކުރި ހަތް އަހަރު ދުވަހުގެ ތެރޭގައި ހަތް ފަހަރު ލީގުތަށި ހޯދައި، ހަތަރު ފަހަރު ޖަރުމަނު ކަޕް ކާމިޔާބުކުރުމުގެ އިތުރުން ކުލަބު ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބުކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތިއާގޯ ލިވަޕޫލަށް ބަދަލުވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ތިއާގޯ ގެންދަނީ ގާތްގަނޑަކަށް 25 މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް އެނގިފައި ވެއެވެ.

“އަހަރެންގެ މި ނިންމުމަކީ ހަމައެކަނި ކުޅިވަރާ ގުޅުންހުރި ނިންމުމެއް.  ފުޓްބޯޅަ ކުޅުންތެރިއެއްގެ ހައިސިއްޔަތުން މި ކުލަބާއެކު އަހަރެން މަސައްކަތްކުރިހެން އަހަރެންގެ ކުރިއެރުމަށްޓަކައި އާ ޗެލެންޖަކާ ކުރިމަތިލާން ބޭނުން.  އަހަރެންގެ ސިކުނޑީގައި އަބަދުވެސް ބަޔާންގެ ހަނދާންތައް ހުންނާނެ. ބަޔާން އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.” ތިއާގޯގެ މެސެޖްގައި ބުނެފައިވެ އެވެ.

ތިއާގޯ މިއަދުގެ ވަގުތެއްގައި ލިވަޕޫލަށް ސޮއިކުރާނެ ކަމަށް ބެލެވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *