ޖަޒީރާ ޗެމްޕިއަންޝިޕަށް ގެނައި ބޯޅަތައް ރަށްރަށަށް ބަހަނީ

Advertisement

ޖަޒީރާ ޗެމްޕިއަންޝިޕަށް ގެނައި ބޯޅަތައް ރަށްރަށަށް ބަހަނީ

ޢަލީ ޝަހީމް
އެފްއޭއެމުން ހަދިޔާކުރި ބޯޅަތަކާއި ފ. ނިލަންދޫ ދާއިރާގެ މެމްބަރު ހަވާލުވެވަޑައިގަންނަވަނީ. އެ ދާއިރާގައި އޮންނަނީ ނިލަންދޫ އާއި ދަރަނބޫދޫ

ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ޖަޒީރާ ޗެމްޕިއަންޝިޕް ކެންސަލްކުރަން ޖެހުމުން، އެ މުބާރާތަށް އެފްއޭއެމުން ގެނައި ބޯޅަތައް ހަމަހަމަ އުސޫލެއްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ބެހުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ފަށައިފި އެވެ.

ޖަޒީރާ ޗެމްޕިއަންޝިޕަށް ބޯޅަތައް ގެނައީ އެފްއޭއެމްއާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ގުޅިގެންނެވެ. އެފްއޭއެމުން އިސްނަގައިގެން ބޯޅަތައް ރަށްތަކަށް ބަހަން ނިންމާފައިވާއިރު ރާއްޖޭގެ ކޮންމެ ރަށަކަށް 10 ބޯޅަ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެފްއޭއެމުން ބުނީ ބޯޅަތައް ބެހުމުގެ މަސައްކަތް ފެށީ ޖަޒީރާ ޗެމްޕިއަންޝިޕް ކެންސަލްކުރަން ޖެހުމާއެކު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މަޝްވަރާއާ އެކު ކަމަށެވެ. ރަށްތަކަށް ބޯޅަތައް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދާއިރާއެއްގެ މަޖިލިސް މެމްބަރު މެދުވެރިކޮށެވެ. އިއްޔެގެ ނިޔަލަށް އެފްއޭއެމުން ވަނީ 25 ދާއިރާއަކަށް ބޯޅަ ހަދިޔާކޮށްފަ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ޖަޒީރާ ޗެމްޕިއަންޝިޕް 2020 ގައި ބާއްވާނެކަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމުން އިއުލާން ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހު އެވެ. އެދުވަހު އެފްއޭއެމުން ކުރި އިއުލާނުގައި ބުނެފައިވަނީ މިއަހަރު ބާއްވަން ހަމަޖެހިފައިވާ ޖަޒީރާ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް މިދިޔަ އަހަރު އިތުރު މުބާރާތެއް ރަށު ފެންވަރުގައި ބާއްވާނެ ކަމަށެވެ. އެއީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އިސްނަގައިގެން ބާއްވާ ފުޓްބޯޅަ މުބާރާތެކެވެ. ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ނުކޮށް މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބޭނުން އަދަދަކަށް ޓީމުތައް ބައިވެރިވެ ޗެމްޕިއަން ޓީމަށް ލިބޭ ފުރުސަތަކީ ޖަޒީރާ ޗެމްޕިއަންޝިޕްގައި ރަށް ތަމްސީލު ކުރުމެވެ. ޖަޒީރާ ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާތާއި ޒޯން ބުރު އެފްއޭއެމުން ކުރިއަށްގެންދަން ނިންމިއިރު ކޮންމެ ޓީމެއް ވެސް ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީން ވާން ޖެހޭނެ އެވެ. ކޮލިފައިން ބުރު ދިގުލައިގެންދާނެތީ އެފްއޭއެމުން ފަހުން ވަނީ އެ ބުރު ކެންސަލްކޮށްފަ އެވެ.

ޖަޒީރާ ޗެމްޕިއަންޝިޕް ކެންސަލްކުރިއިރު އެފްއޭއެމުން ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަނުގެ ބާކީ ދެ މުބާރާތް ނުބާއްވަން ނިންމައި މާޗް މަހުގެ ކުރީކޮޅު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިންމާލައިފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިންމާލިއިރު ކުރިއަށްދިޔައީ އެފްއޭކަޕްގެ މެޗުތަކެވެ. އެކަމަކު އެފްއޭ ކަޕްގެ ސެމީ ފައިނަލާއި ހަމައިން ސީޒަން މެދުކަނޑާލީ ގައުމީ ފުޓްބޯޅަ މުބާރާތް ވެސް ނުކުޅޭ ގޮތަށެވެ.

ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ ޑިސެމްބަރު މަހު އެވެ. އެ އެސޯސިއޭޝަނުން މިހާރު ނިންމާފައިވަނީ މިނިވަން ޗެމްޕިއަންޝިޕުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ޓީމުތައް ނުހިމަނައި ފުރަތަމަ ޑިވިޝަން ކުރިއަށް ގެންދިއުމަށެވެ. އެގޮތަށް އެފްއޭއެމުން ނިންމީ ޖަޒީރާ ޗެމްޕިއަންޝިޕް ކެންސަލްކުރަން ޖެހުމާއެކު އެހެން ރަށްތަކަށް އެ ފުރުސަތު ނުލިބުމެވެ. އަތޮޅު ތެރެއިން މިދިޔަ ދެ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރީ ފ. ނިލަންދޫ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. އެފްއޭއެމްގެ މިހާރުގެ އަމާޒަކީ ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގެ ފުޓްބޯޅަ ލީގު ފުޅާކުރުމެވެ. މި ބަދަލާއެކު ފުޓްބޯޅަ ސީޒަން ފެށުމަށް މިހާރު ނިންމާފައިވަނީ 2023 ވަނަ އަހަރު އެވެ. އޭގެ ކުރިން ރަށްތަކުގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *