ރޮނާލްޑޯގެ 101 ލަނޑުން ޝައުގުވެރި އެތައް ކަމެއް!

ރޮނާލްޑޯގެ 101 ލަނޑުން ޝައުގުވެރި އެތައް ކަމެއް!

އައްބާސް

ލިއޮނަލް މެސީގެ ވާހަކަތަކުން ހުރިހާ ސުރުހީތަކެއް ފުރިފައިވީ ދެ ހަފްތާއަށް ފަހު ތިމަންނަގެ ވަގުތު ޖެހުނީއޭ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނިކަހަލަ އެވެ. މިހާރު މިއޮތީ ރޮނާލްޑޯގެ ވާހަކަ އެވެ. ގައުމީ ޓީމުގައި ރޮނާލްޑޯ ހަމަކުރި 100 ލަނޑުގެ ވާހަކަ އެވެ. ރޮނާލްޑޯ ގައުމީ ޓީމާއެކު 100 ލަނޑު ހަމަކުރީ ޔޫއެފާ ނޭޝަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ކޮންމެއަކަސް މިއީ މިޝަރަފު ދުނިޔޭގައި ފުޓްބޯޅައަށް އެންމެ މަޝްހޫރު ޔޫރަޕާއި ދެކުނު އެމެރިކާގެ ކުޅުންތެރިޔަކަށް ލިބުނު ފަރަތަމަ ފަހަރެވެ. ރޮނާލްޑޯ ފިޔަވައި ގައުމީ ޓީމަށް 100 ލަނޑު ހަމަކޮށްފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ 1993 އިން 2006 އަށް އީރާނުގެ ގައުމީ ޓީމަށް ކުޅުނު އަލީ ދާއީ އެވެ. ރޮނާލްޑޯގެ 100 ވަނަ ލަނޑު އައީ މިސީޒަނުގެ ނޭޝަންސް ލީގުގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗް އަދި ޕޯޗުގަލް އަށް ކުޅެދިން 165 ވަނަ މެޗްގެ ފުރަތަމަ ހާފުގެ ވަގުތު ސްވިޑެން ޕެނަލްޓީއޭރިއާ ކުރިމަތިން އޭނާ ޖެހި ހިލޭ ޖެހުމަކުންނެވެ. ރޮނާލްޑޯ ވަނީ  މިމެޗުގެ ފަހުހާފުގައި އިތުރު ލަނޑެއް ޖަހައި އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު 101 އަށް އަރުވާފަ އެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އަމިއްލަކުރަން ރޮނާލްޑޯ ދެން ޖަހަން ޖެހެނީ 9 ލަނޑެވެ. މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން މިވަގުތު މިލިސްޓްގެ ދެ ވަނައިގައި އޮތީ 72 ލަނޑާއެކު އިންޑިއާގެ ސުނިލް ޗެތުރީ އެވެ. އަދި 4 ވަނައިގައި 70 ލަނޑާ އެކު އޮތީ އާޖެންޓިނާގެ މެސީ އެވެ.

ސްވިޑެން ކޮޅަށް ޖެހި ދެ ލަނޑާ އެކު އެއް ޓީމެއްގެ ކޮޅަށް ރޮނާލްޑޯ އެންމެ ގިނައިން ލަނޑު ޖެހި ޓީމަކަށް ސްވިޑެންވީ އެވެ. އެއީ 7 ލަނޑެވެ. ހަމަ މިއަދަދަށް ރޮނާލްޑޯ ވަނީ ލިތުއޭނިއާ ކޮޅަށްވެސް ލަނޑު ޖަހައިފަ އެވެ.

ސްވިޑެން ކޮޅަށް ޖެހި ދެ ލަނޑާ އެކު ޔޫރަޕްގެ ގައުމުތަކުގެ މުބާރާތްތަކުގައި (ކޮލިފައިން ނުލާ) އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އޮތް މިޝޭލް ޕްލެޓީނީ އާއި ރޮނާލްޑޯ މިހާރު އެއްވަރުވީ އެވެ. އެއީ ޖުމްލަ 9 ލަނޑެވެ. އެކަމަކު ރޮނާލްޑޯއަކީ ތަފާތު 4 ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ލަނޑު ޖަހައިފައިވާ ހަމައެކަނި ކުޅުންތެރިޔާ އެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް ޓީމާއެކު 9 ހެޓްރިކް ހަދައިފަ އެވެ. މިއަދަދަށް ދެން ޔޫރަޕްގެ ކުޅުންތެރިއަކު ހެޓްރިކް ހަދާފައިވަނީ ދެ ވަނަ ބޮޑުހަނގުރާމައިގެ ވެސް ކުރިން ސްވިޑެންގެ ސްވެން ރީޑެލް އެވެ.

ސްވިޑެން އާއި ދެކޮޅަށް ކުޅުނު މެޗަށް ނުކުތް ޕޯޗުގަލް ޓީމުގައި ރޮނާލްޑޯ ފިޔަވައި ގައުމީ ޓީމަށް 7 ލަނޑަށް ވުރެ ގިނައިން ޖަހައިދީފައިވާ އެންމެ ކުޅުންތެރިޔަކު ވެސް ނެތެވެ.

ރޮނާލްޑޯ އަކީ ޖެހިޖެހިގެން އިންޓަނޭޝަނަލް ދިހަ މުބާރާތުގައި ލަނޑު ޖަހައިފައިވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. ރޮނާލްޑޯ ޖަހާފައިވާ ލަނޑުގެ އަދަދު ފްރާންސްގެ ތިއެރީ އޮންރީ އާއި ނެދަލެންޑްސްގެ ރޮބިން ވެން ޕާސީ އާއި ދެކުޅުންތެރިންގެ ޖުމްލަ އަދަދާއި އެއްވަރުވީއެވެ.

ރޮނާލްޑޯގެ 101 ލަނޑުގެ ތެރެއިން 30 ލަނޑު ފެނިފައިވަނީ ފީފާ ވޯލްޑް ކަޕް ކޮލިފައިން (35 މެޗް) ގަ އެވެ. މިއީ ޔޫރަޕްގެ ރެކޯޑެކެވެ. މިއާ އެންމެ ގާތުގައިވަނީ 26 ލަނޑު ޖެހި ޔޫކުރޭންގެ މިހާރުގެ ކޯޗް އަންދްރޭ ޝްވަޗެންކޯ އެވެ.

ރޯނާލްޑޯގެ 101 ލަނޑުގެ ތެރެއިން 31 ލަނޑު ފެނިފައިވަނީ ޔޫރޯ ކޮލިފައިން (38މެޗް) ގަ އެވެ. މިއީވެސް ރެކޯޑެކެވެ. މިއާ އެންމެ ގާތުގައިވަނީ 23 ލަނޑާ އެކު އަޔަލެންޑްގެ ރޮބީ ކީން އެވެ.

މިއީ މި 101 ލަނޑާއި ގުޅޭ އެންމެ އާދަޔާއި ހިލާފު ތަފާސް ހިސާބަށް ވެދާނެ އެވެ. މި 101 ލަނޑުގެ ތެރެއިން 52 ލަނޑު (118 މެޗްގައި) ރޮނާލްޑޯ ޖަހާފައިވަނީ އޭނާއަށް 30 އަހަރުވުމުގެ ކުރިންނެވެ. އެއީ މެޗަކަށް 0.44 ލަނޑެވެ. އަނެއް 49 ލަނޑު ޖަހާފައިވަނީ (47 މެޗްގައި) އޭނާއަށް 30 އަހަރު ފުރުމަށް ފަހު އެވެ. އެއީ މެޗަކަށް 1.04 ލަނޑެވެ.

ރޮނާލްޑޯ އޭނާގެ އުމުރުން 30 އަހަރު ފުރުމަށް ފަހު ޖެހި ލަނޑުގެ އަދަދު އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ އޭނާގެ ގައުމީ ޓީމުގެ މުޅި ކެރިއަރުގައި މިހާތަނަށް ޖެހި ލަނޑަށް ވުރެ ގިނަ އެވެ.

ރޮނާލްޑޯގެ 101 ލަނޑުގެ ތެރެއިން 47 ލަނޑު އަމިއްލަ ރަށުގައި ޖަހާފައިވާއިރު 37 ލަނޑު ޖަހާފައި ވަނީ ރަށުން ބޭރުގަ އެވެ. ބާކީ ލަނޑުތައް އައިސްފައިވަނީ ނިއުޓްރަލް ދަނޑުތަކުގަ އެވެ.

ރޮނާލްޑޯ ކަނާތުފައިން 55 ލަނޑު ޖަހާފައިވާއިރު 22 ލަނޑު ޖަހާފައިވަނީ ވާތުފައިންނެވެ. 24 ލަނޑު ޖަހާފައިވަނީ ބޮލުންނެވެ.

ރޮނާލްޑޯ 41 ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ. ފަހުހާފުގެ ޖުމްލައަކީ 60 ލަނޑެވެ. މެޗްގެ ފަހު 15 މިނިޓާއި އިތުރުވަގުތުގައި 30 ލަނޑު ޖަހާފައިވެ އެވެ.

ރޮނާލްޑޯ އަށް އެންމެ ގިނަ އެސިސްޓް ދީފައިވަނީ ޔާއޯ މުޓީނިއޯ އާއި ރިކާޑޯ ކަރެސްމާ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު 8 އެސިސްޓް ދީފައިވެ އެވެ. ޕޯޗުގަލްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ލުއިސް ފީގޯ ރޮނާލްޑޯ އަށް ތިން ފަހަރު އެސިސްޓް ދީފައިވެ އެވެ.

ކުޅުމުގެ ތެރެއިން ރޮނާލްޑޯ ވަނީ 80 ލަނޑު ޖަހައިފަ އެވެ. ހިލޭ ޖެހުމުން 10 ލަނޑު ޖަހާފައިވާއިރު ޕެނަލްޓީ އިން 11 ލަނޑު ޖަހާފައިވެ އެވެ.

ރޮނާލްޑޯ ލަނޑު ޖަހާފައިވާ މެޗުތަކުގެ ތެރެއިން 55 މެޗުން ޕޯޗުގަލް މޮޅުވެފައިވާއިރު 6 މެޗުން ބަލިވެ 5 މެޗު އެއްވަރުވެގެން ނިމިފައިވެ އެވެ.

ރޯނާލްޑޯ ޕޯޗުގަލް އަށް ފުރަތަމަ ކުޅުނީ 2003 ގަ އެވެ. އެއަހަރު ރަހުމަތްތެރިކަމުގެ ދެ މެޗުގައި ރޮނާލްޑޯ ކުޅުނެވެ. ވާދަވެރި މެޗެއްގައި ކުޅެ އަދި ފުރަތަމަ ލަނޑު ޖަހައިދިނީ ޔޫރޯ 2004 ގަ އެވެ. 2008 ގެ ޖުލައި އިން ފެށިގެން ޕޯޗުގަލް ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ރޮނާލްޑޯ މިއަހަރު މިއީ ޕޯޗުގަލް ޖާޒީގައި ވިދިވިދިގެން ލަނޑު ޖެހި 17 ވަނަ އަހަރެވެ.

މިހާރު އުފެދޭ ސުވާލަކީ އީރާނުގެ އަލީ ދާއީގެ ރެކޯޑް ރޮނާލްޑޯ މުގުރާލާނެކަމާ މެދު ޝައްކުކުރާނެ އެއްވެސް މީހަކު އުޅޭނެތޯ ނުވަތަ ނޫންތޯ އެވެ. ބަލަން ތިބެމާ ހިނގާށެވެ. އޭނާގެ ކުޅުމަށް ބަލާއިރު އަންނަ އަހަރުގެ ޔޫރޯ އާއި 2022 ގެ ވޯލްޑް ކަޕާއި އޭގެ ފަހުންވެސް ޕޯޗުގަލްގެ ރަތް ޖާޒީގައި ރޮނާލްޑޯ ދަނޑުމަތިން ފެނުމަކީ ވަރަށް އެކަށީގެންވާ ކަމަކަށްވާއިރު އަލީ ދާއީގެ ރެކޯޑް މުގުރާލުމުގެ އިތުރަށް އެހެން ކުޅުންތެރިޔަކަށް ފަސޭހައިން އަތުނުވާ ހިސާބަކަށް އޭނާގެ ރެކޯޑް ގެންދިއުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.