ދިވެހި ދެ ކްލަބަށް އުއްމީދު ގެނެސްދިން އޭއެފްސީ ކަޕް ކެންސަލްކޮށްފި

Advertisement

ދިވެހި ދެ ކްލަބަށް އުއްމީދު ގެނެސްދިން އޭއެފްސީ ކަޕް ކެންސަލްކޮށްފި

ޢަލީ ޝަހީމް
ދިވެހި ޕްރިމިއާ ލީގުގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ވާދަކުރި މެޗެއްގެ ތެރެއިން. އޭއެފްސީ ކަޕް ކެންސަލް ކުރިއިރު މި ދެޓީމު އައީ އެއް ގްރޫޕެއްގައި ވާދަކުރަމުން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުން އޭއެފްސީ ކަޕްގައި ރަނގަޅު ކާމިޔާބަކަށް ކުރި އުއްމީދު، މުބާރާތް ކެންސަލްކުރުމުގެ ސަބަބުން ގެއްލިއްޖެ އެވެ. ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕް ކެންސަލް ކުރިކަން ހާމަކުރީ މިއަދު ބޭއްވި އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

މުބާރާތް ކެންސަލްކުރަން ޖެހުނީ ކޮވިޑް-19 ގެ ހާލަތު ރަނގަޅުނުވެ ބައެއް ސަރަހައްދުތަކުގައި މެޗުތައް ކުޅެވޭނެ ގޮތެއް ނެތުމުންނެވެ. މުބާރާތް ކެންސަލްކުރާނެ ކަމުގެ އިޝާރާތެއް މިދިޔަ މަހުގެ ފަހުކޮޅު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދެއްވައިފަ އެވެ. ބައްސާމް ވިދާޅުވީ އެހެން ގައުމުތަކުގައި މެޗުތައް ކުޅެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވުމާއެކު މިއަހަރުގެ މުބާރާތް ކެންސަލް ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އޭއެފްސީ ކަޕް ކެންސަލް ކުރިނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުޅުން ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.

Advertisement

އެއެފްސީ ކަޕްގައި ރާއްޖޭގެ ދެ ކްލަބް ހިމެނުނީ ދެކުނު އޭޝިއާ އަށް ނިސްބަތްވާ ގްރޫޕް އީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނުނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުއާ ކިންގްސް އާއި އިންޑިއާގެ ޗެންނާއި ސިޓީ އެވެ. ކެންސަލް ކުރިއިރު މި ހަތަރު ޓީމު ވެސް ވަނީ އެއް މެޗު ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަޝުންދުރާ ކިންގްސް އަތުން ޓީސީ 5-1 އިން ބަލިވިއިރު ރަށުން ބޭރުގައި ޗެންނާއީ ސިޓީއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ރާއްޖޭގެ ދެ ކްލަބެއް އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ފުރަތަމަ ހިމެނުމުން އަނެއް ބުރަށް ދިއުމުގެ ފުރުސަތު ދިވެހި ޓީމަކަށް އޮތީ ފަހިވެފަ އެވެ. އެ އުއްމީދު އިތުރަށް އާވީ ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ ކުޅުން މެދުކަނޑާލުމަށް ފަހު ނިއުޓްރަލް ދަނޑެއްގައި ގްރޫޕް އީގެ ބާކީ މެޗުތައް މާލޭގައި ކުޅޭގޮތަށް ހަމަޖެހުމުންނެވެ. އޭއެފްސީން މުބާރާތުގެ މެޗުތައް ރީޝެޑިއުލް ކުރިއިރު ރާއްޖޭގެ ކްލަބްތައް ހިމެނޭ ގްރޫޕްގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ އޮކްޓޫބަރު 23 އިން ނޮވެމްބަރު ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމިފައިވުމުން މިދިޔަ ދުވަސްތަކުގައި މާޒިޔާ އާއި ޓީސީ އިން އައީ އޭއެފްސީ ކަޕަށް ތައްޔާރުވަމުންނެވެ. މާޒިޔާ އިން އެޓީމުގެ ކޯޗުކަމަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރުގެ ސޮއި ހޯދީ އޭއެފްސީ ކަޕްގައި ނަތީޖާތައް ރަނގަޅު ކުރުމަށެވެ. އަނެއްކޮޅުން އެޓީމުން ދާދި ފަހަކާ ޖެހެންދެން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ ޕްރެކްޓިސްތަކުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އާއި އިސްމާއީލް އީސާ (މެސީ) އަދި މުހައްމަދު އާރިފް (ބަކާ) އައީ ބައިވެރިވަމުންނެވެ.

ޓީސީ ސްޕޯޓްސް ކްލަބުން އެންމެ ފުރަތަމަ ޕްރެކްޓިސް ފަށަން ޝެޑިއުލްކުރީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެކަމަކު އޭއެފްސީ ކަޕް ކެންސަލްކުރާނެ ކަމަށް ބެލެވޭތީ ފަރިތަކުރުންތައް ފެށުން އެޓީމުން މަޑުޖައްސާލި އެވެ. މުބާރާތް ކެންސަލް ކުރުމުން އެޓީމުން ދެން ފަރިތަކުރުންތައް ފަށާނީ ޑިސެމްބަރު މަހު ފެށުމަށް ތާވަލްކޮށްފައިވާ ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަނާ ދިމާކޮށެވެ.

މުބާރާތް ކެންސަލް ވުމަކީ މާޒިޔާ އާއި ޓީސީ އަށް ބޮޑު ގެއްލުމެކެވެ. މާޒިޔާ އިން މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވީ ކޮލިފައިންގެ ދެ ބުރުގެ މެޗުތަކުގެ އެގްރިގޭޓުން މޮޅުވެގެންނެވެ. ކޮލިފައިންގެ ފަހު ބުރުގައި އެޓީމު ވަނީ ސަރަހައްދުގެ ގަދަބާރު ބެންގަލޫރު އެފްސީ ބަލިކޮށްފަ އެވެ. މުބާރާތާ ކުރިމަތިލިއިރު މާޒިޔާ ހިމެނުނީ ގްރޫޕްގެ ފޭވަރިޓް ޓީމުގެ ގޮތުގަ އެވެ.

މިއީ ޓީސީ އަށް އޭއެފްސީ ކަޕްގައި ވާދަކުރަން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މުބާރާތުގައި ވާދަކުރަން ޖެހޭތީ މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމުން ވަނީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވެސް ގެނެސްފަ އެވެ. މިއަހަރުގެ މުބާރާތް ކެންސަލްވިއިރު އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޓީސީ އަށް ފުރުސަތު ލިބިފައެއްނުވެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައިވަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އެވެ. ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން ގްރޫޕް ސްޓޭޖް ކޮލިފައިންގައި ވާދަކުރާނީ ކްލަބް އީގަލްސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *