ޔޫއެފާ ނޭޝަންސް ލީގުގައި ވާނުވާ އެނގޭތަ؟

Advertisement

ޔޫއެފާ ނޭޝަންސް ލީގުގައި ވާނުވާ އެނގޭތަ؟

އައްބާސް

ގައުމީ ޓިމުތަކަށް ރަހުމަތްތެރިކަމުގެ މެޗުތަކުގެ ބަދަލުގައި ވާދަވެރި މެޗުތައް ކުޅުމުގެ ފުރުސަތު އިތުރުކުރުމުގެ މަގްސަދުގައި ޔޫއެފާއިން އެ ޖަމިއްޔާގެ މެމްބަރު 55 ގައުމުގެ މެދުގައި ކުރިއަށް ގެންދާ ޔޫއެފާ ނޭޝަންސް ލީގުގެ މިހާރު ކުރިއަށް މިދަނީ ދެ ވަނަ ސީޒަނެވެ. މި މުބާރާތުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ރަހުމަތްތެރިކަމުގެ މެޗްތައް ވަރަށް ބޮޑަށް މަދުވެގެންދާނެ އެވެ. ކޮންމެއަކަސް ކޮރޯނާވައިރަހުގެ ސަބަބުން ކުޅިވަރުގެ ތާވަލުތަކަށް ގެންނަންޖެހުނު ބޮޑެތި ބަދަލުތަކުގެ ސަބަބުން މިސީޒަނުގެ ނޭޝަންސް ލީގު ވެސް ކުރިއަށް މިހާރު މިދަނީ އަލުން ޝެޑިއުލްކުރެވިގެންނެވެ.

މިމުބާރާތުގެ ފޯމެޓަކީ ކޮބާ؟

މިމުބާރާތް ކުރިއަށްދަނީ މެމްބަރު 55 ގައުމު ހަތަރު ލީގަކަށް ބަހާލައިގެންނެވެ. އެންމެ ވަރުގަދަ ގައުމުތައް ލީގު އޭގައި ކުޅޭއިރު އެންމެ ބަލިކަށިގައުމުތައް ކުޅޭނީ ލީގު ޑީގަ އެވެ. ލީގު އޭ، ބީ އަދި ސީގައި ހަތަރު ގްރޫޕް އޮންނައިރު ކޮންމެ ގްރޫޕެއްގައި ހަތަރު ގައުމު ވާދަކުރާނެއެވެ. ލީގު ޑީ ގައި ހިމެނެނީ ދެ ގުރޫޕެވެ. އެއީ ހަތަރު ޓީމުގެ ގްރޫޕަކާއި ތިން ޓީމުގެ ގްރޫޕެކެވެ. ކޮންމެ ޓީމެއްވެސް ގްރޫޕުގެ އެހެން ޓީމުތަކާއި ހޯމް އެންޑް އަވޭ އުސޫލުން ދެ ފަހަރު ވާދަކުރާނެ އެވެ. މި މުބާރާތުގައި އެއް ފެންވަރެއްގެ ޓީމުތައް އެއް ލީގެއްގައި ވާދަކުރާގޮތަށް އޮތުމާއެކު ކޮންމެ މެޗަކީ ވެސް ވާދަވެރި މެޗަކަށްވުމުގެ ފުރުސަތު ބޮޑެވެ. މި މުބާރާތުގެ ޗެމްޕިއަނުން ކަނޑައެޅިގެންދާނީ ލީގު އޭ އިންނެވެ. ލީގު އޭގެ ހަތަރު ގްރޫޕުގެ އެއް ވަނަ ޓީމުތައް ސެމީ ފައިނަލްގައި ވާދަކުރުމަށް ފަހު ފައިނަލް އާއި ތިން ވަނަ ހޮވާމެޗް ކުޅެވޭނެ އެވެ. ނޮކްއައުޓް މެޗުތައް ކުރިއަށްދާނީ ސެމީ ފައިނަލުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ކަނޑައެޅޭ ގައުމެއްގަ އެވެ.

ލީގު މެޗްތަކަށް ފަހު ގްރޫޕު އޭ، ބީ އަދި ސީ ގައި ހިމެނޭ ހުރިހާ ގުރޫޕަކުން ވެސް އެންމެ ފުލަށްދާ ޓީމުތައް ދެން އަންނަ މުބާރާތަކަށް ޖެހިގެން ދަށުގައި އޮތް ލީގަށް ރެލިގޭޓް ވާނެ އެވެ. އަދި ހަމަ އެއާއެކު ގުރޫޕް ބީ، ސީ އަދި ޑީ ގެ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ޓީމު ޖެހިގެން މަތީގައި އޮންނަ ލީގަށް ޕްރޮމޯޓްވާނެ އެވެ. ނޭޝަންސް ލީގުގެ ފުރަތަމަ ސީޒަނުގައި ލީގު އޭ އަދި ބީގެ ކޮންމެ ގުރޫޕެއްގައި ވާދަކުރީ ތިން ޓީމެވެ. އެހެންކަމުން އެފަހަރު ލީގުއޭ އަދި ބީއިން ގުރޫޕުގެ ފުލަށް ދިޔަ (ޖަރުމަން، ޕޮލެންޑް  ތުރުކީ ފަދަ) އެއްވެސް ޓީމެއް ރެލިގޭޓް ކޮށްފައެއް ނުވެ އެވެ.

އަންސޫ ފާޓީ ސްޕެއިނަށް ޖަހައިދިން ފުރަތަމަ ލަނޑަށް ފަހު އުފާފާޅުކުރަނީ

މި ސީޒަނުގައި ޓީމުތައް ބެހިފައިވަނީ ކިހިނެއް؟

ލީގު އޭ:

ގްރޫޕް 1 (ނެދަލެންޑްސް، އިޓަލީ، ބޮސްނިއާ، ޕޮލެންޑް)

ގްރޫޕް 2 (އިންގްލެންޑް، ބެލްޖިއަމް، ޑެންމާކް، އައިސްލެންޑް)

ގްރޫޕް 3 (ޕޯޗުގަލް، ފްރާންސް، ސްވިޑެން، ކްރޮއޭޝިއާ)

ގްރޫޕް 4 (ސްވިޒަލެންޑް، ސްޕެއިން، ޔޫކްރޭން، ޖަރުމަން )

 

ލީގު ބީ:

ގްރޫޕް 1 (އޮސްޓްރިއާ، ނޯވޭ، ނޮދާން އަޔަލެންޑް، ރޫމޭނިއާ)

ގްރޫޕް 2 (ޗެކް ރިޕަބްލިކް، ސްކޮޓްލެންޑް، ސްލޮވާކިއާ، އިޒްރޭލް)

ގްރޫޕް 3 (ރަޝިއާ، ސާބިއާ، ތުރުކީ، ހަންގޭރީ)

ގްރޫޕް 4 (ވޭލްސް، ފިންލެންޑް، އަޔަލެންޑް، ބަލްގޭރިއާ)

 

ލީގު ސީ:

ގްރޫޕް 1 (އަޒަރުބައިޖާން، ލަގްޒެމްބާގް، ސައިޕްރަސް، މޮންޓެނީގްރޯ)

ގްރޫޕް 2 (އަރްމީނިއާ، އެސްޓޯނިއާ، ނޯތު މެސަޑޯނިއާ، ޖޯޖިއާ)

ގްރޫޕް 3 (މޯލްޑޯވިއާ، ސްލޮވީނިއާ، ކޮސޯވޯ، ގްރީސް)

ގްރޫޕް 4 (ކަޒަކިސްތާން، ލިތުއޭނިއާ، ބެލަރޫސް، އަލްބޭނިއާ)

 

ލީގު ޑީ:

ގްރޫޕް 1 (މާލްޓާ، އެންޑޯރާ، ލެޓްވިއާ، ފެރޯ އައިލެންޑްސް)

ގްރޫޕް 2 (ސަން މެރީނޯ، ލީޗެސްޓެއިން، ޖިބްރޯލްޓާ)

 

ނޭޝަންސް ލީގު މުބާރާތް ކާމިޔާބުކުރުމުން ލިބޭ އިނާމަކީ ކޮބާ؟

މިދިޔަ އަހަރު ކުޅެވުނު މިލީގުގެ ފުރަތަމަ މުބާރާތުގެ ފައިނަލުގައި ނެދަލެންޑްސް 1-0 އިން ބަލިކޮށް ތަށި އުފުލާލީ ޕޯޗުގަލް އެވެ. ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް ބަލިކޮށް ތިން ވަނަ ހޯދީ އިންގްލެންޑެވެ. އެ މުބާރާތުގައި އިނާމު ފައިސާގެ ގޮތުގައި ޕޯޗުގަލް އަށް 10.5 މިލިއަން ޔޫރޯ ލިބުނުއިރު ނެދަލެންޑްސް އަށް ނުވަ މިލިއަން ޔޫރޯ ލިބުނެވެ. އިންގްލެންޑަށް އަށް މިލިއަން ޔޫރޯ ލިބުނުއިރު ސްވިޒަލެންޑަށް ހަތް މިލިއަން ޔޫރޯ ލިބުނެވެ. މީގެ އިތުރުން މި ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށްވެސް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ލިބެ އެވެ. އަދި ގްރޫޕުތަކުން ކުރި ހޯދާ ޓީމުތަކަށް އެ އަދަދު ދެގުނަވެގެންދެ އެވެ. މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ޔޫރަޕިއަން  ޗެމްޕިއަންސްޝިޕް އަދި ވޯލްޑް ކަޕަށް ކޮލިފައިވުމަށް މި މުބާރާތުގައި ޓީމުތަކުން ހޯދާ ނަތީޖާއާ ވެސް ގުޅުވާލެވިފައިވެ އެވެ. މި މުބާރާތުގެ ނަތީޖާއިން ފީފާ ރޭންކިން އަށް ބަދަލު އަންނައިރު ޔޫރޯ އަދި ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގްރޫޕުތައް ކަނޑައަޅާއިރު ގައުމުތައް ސީޑުކުރެވިގެން ދާނީ ފީފާ ރޭންކިންއަށް ބަލާފަ އެވެ. އެހެންކަމުން މި މުބާރާތުގައި ރަނގަޅު ނަތީޖާ ހޯދައިފިނަމަ ވޯލްޑް ކަޕް އަދި ޔޫރޯ ކޮލިފިކޭޝަނަށް ސީޑުކުރެވުމުގެ ފުރުސަތުބޮޑުވެ އެވެ. އަދި ގްރޫޕް ކޮލިފިކޭޝަން ނިމުމަށްފަހު ޕްލޭއޮފަށް ދާއިރު މި މުބާރާތުގައި ހޯދި ނަތީޖާއަށް ބަލާފައި ބައެއް ޕްލޭއޮފް ޖާގަތަށް ކަނޑައެޅިގެންދެ އެވެ. ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުން މިއަހަރު ބާއްވަން އޮތް ޔޫރޯ 2020ގެ ކޮލިފިކޭޝަނަށް އެގޮތަށް ޖާގަ ކަނޑައެޅުނުއިރު މިހާރު ކުރިއަށް ދާ މުބާރާތުގެ ނަތީޖާއަށް ބަލާފައި 2022ގެ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ޕްލޭއޮފް ދެ ޖާގަ ކަނޑައެޅިގެންދާނެ އެވެ.

މި މުބާރާތުގެ މެޗުތައް މިހާރު ފެށިގެން ކުރިއަށްދާއިރު ގްރޫޕްގެ އެންމެ ފަހު މެޗްތައް ކުޅޭނީ އަންނަ ނޮވެމްބަރު މަހު 17 އަދި 18 ގައެވެ. މި މުބާރާތުގެ ނޮކްއައުޓް މެޗުތައް ކުޅެން ކުރިން ރޭވިފައިއޮތީ އަންނަ އަހަރުގެ ޖޫންގަ އެވެ. އެހެންނަމަވެސް ޔޫރޯ 2020 އަންނަ އަހަރަށް ފަސްކުރުމާއެކު ނޭޝަންސް ލީގުގެ ނޮކްއައުޓް މެޗުތައް އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *