ރޮނާލްޑޯ ގައުމީ ޖޯޒީގައި 100 ލަނޑު ހަމަކޮށްފި

މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޑަން އާއި ޕޯޗްގަލް ބައްދަލުކުރި މެޗުގައި ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލާއެކު ގައުމީ ޓީމަށް އޭނާ ޖަހައިދިން ގޯލުގެ އަދަދު 100 އަށްވުރެ މައްޗަށް އަރައިފި އެވެ. މިއާއެކު ރޮނާލްޑޯ ހިމެނިފައިވަނީ ގައުމީ ޓީމުގެ ޖޯޒީގައި 100 ގޯލް ހަމަކުރި ޔޫރަޕްގެ ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.
ސްވިޑަން އާއި ޕޯޗްގަލް ރޭ ވާދަކުރި މެޗް 0-2 އިން ޕޯޗްގަލް ކާމިޔާބުކުރި އިރު ޕޯޗްގަލް އިން ކާމިޔާބުކުރި ދެ ގޯލްވެސް ޖަހައިދީފައިވަނީ އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ ރޮނާލްޑޯ އެވެ. ފުރަތަމަ ގޯލު މެޗުގެ ފުރަތަމަ ހާފުގެ ފަހުމިނެޓުގައި ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ ލިބުނު ހިލޭޖެހުމެއް ގޯލްގެ މަތީ ކަނަށް ވައްދާލައިގެންނެވެ. ދެވަނަ ލަނޑު މެޗްގެ 72 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.
ރޭ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާއެކު އޭނާ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މިވަގުތު އޮތް އީރާންގެ އަލީ ދާއީ އާއި ދެމެދު އޮތް ފަރަގު އަށް ލަނޑަށް ކުޑަކޮށްފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިންގެ ލިސްޓްގައި ރޮނާލްޑޯ އަށްވުރެ ކުރީގައި އުޅޭ ހަމައެކަނި ކުޅުންތެރިޔާ އަލީ ދާއީ ވަނީ 1993 އިން 2006 އަށް އީރާނުގެ ގައުމީ ޓީމަށް ކުޅެ 109 ގޯލް ކާމިޔާބުކޮށްދީފަ އެވެ. ރޮނާލްޑޯގެ ފަހަތުން ލިސްޓުގައި ދެން އެންމެ ކުރީގައި އުޅޭ ދެ ކުޅުންތެރިންނަކީ އިންޑިޔާގެ ގައުމީ ޓީމަށް 72 ގޯލް ކާމިޔާބުކޮށްދިން ސުނިލް ޗެތުރީ އާއި އާޖެންޓީނާގެ ގައުމީ ޓީމަށް 70 ގޯލް ކާމިޔާބުކޮށްދީފައިވާ ލިއޮނަލް މެސީ އެވެ.
ރޭގެ މެޗުން ޕޯޗުގަލް މޮޅުވުމާއެކު އެ ޓީމު ވަނީ ގްރޫޕް އޭ ގެ އެއްވަނަ އަށް އަރައިފަ އެވެ. ގްރޫޕްގެ ފުލުގައި މިވަގުތު އޮތް ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ލިބުނު މޮޅާއެކު ޕޯޗްގަލް އިން ހަ ޕޮއިންޓް ހޯދައިފައިވާއިރު ގްރޫޕްގެ ދެވަނައިގައި އޮތް ފްރާންސް އިން ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ.
Advertisement


Leave a Reply