ޔޫރަޕްގައި ކުޅުނު އެންމެ ވަފާތެރި ފުޓްބޯޅަ ތަރިން

ޔޫރަޕްގައި ކުޅުނު އެންމެ ވަފާތެރި ފުޓްބޯޅަ ތަރިން

އައްބާސް
ޔޫރަޕްގެ ކްލަބްތަކަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ މަޝްހޫރު ބައެއް ކުޅުންތެރިން

ފުޓްބޯޅައިގެ ވާހަކައަކަށް މީގެ ހަފްތާއެއްހާ ދުވަސްކުރިން މުޅިދުނިޔޭގައި ވެސް މިއޮތީ އެއް ވާހަކައެކެވެ. ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލާ ވާހަކަ އެވެ. ކުޅިވަރު ސައިޓްތަކާއި ސޯޝަލް މީޑިއާ ގައިވެސް އެނޫން ވާހަކައެއްނެތެވެ. ބާސެލޯނާ އަށް މިފަހަރު މެސީ ގެއްލޭނެ ވާހަކައާއި ދެން މެސީ ގުޅޭނޭ ކްލަބުގެ ވާހަކަ އެވެ. ސޯޝަލް މީޑިއާ އޭރު ފުރުނީ މެސީގެ ފޮޓޯތަކުންނެވެ. ބާސެލޯނާ ނޫން އެހެންކޮންމެވެސް ޓީމެއްގެ ޖާޒީއާ އެކުގަ އެވެ. ކޮންމެއަކަސް މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އިއުލާން ކުރުމާއެކު ފެށުނު ކޯޅުންގަނޑު ނިމޭނެގޮތެއް ބަލަން މުޅިދުނިޔެ އިންތިޒާރުކުރަމުންދިޔަ އެވެ. މެސީ އާއި ބާސެލޯނާ އަކީ ވޭތުވެދިޔަ 16 ވަރަކަށް އަހަރު ގުޅި ލާމެހިފައިވީ ދެނަމެވެ. ބާސެލޯނާއާ އެކު މެސީ އެވެ. މެސީއާ އެކު ބާސެލޯނާ އެވެ. ޔޫރަޕްގެ އެންމެ މަތީ ލީގުތަކުގައި މިހާރު ކުޅޭ ކުޅުންތެރިންނަށް ބަލާނަމަ މެސީ އަކީ އެއް ޓީމަކަށް އެންމެ ގިނަދުވަހު ކުޅެފައިވާ ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. މެސީ ވަނީ ބާސެލޯނާ އަށް 16 އަހަރާއި 8 މަސްވަންދެން ކުޅެފަ އެވެ. މެސީއަށް ވުރެ ކުރީގައި އުޅެނީ 17 އަހަރާއި 8 މަސް ދުވަހު ސީއެސްކޭ މޮސްކޯގެ ގޯލް ބަލަހައްޓައިދީފައިވާ އީގޯ އަކިންފީ އެވެ. އެހެންކަމުން ބާސެލޯނާ އާއި މެސީ ހަގީގަތުގައި ވެސް ވަކިވެއްޖެނަމަ އެ ފެށުނީ ފުޓްބޯޅައިގެ މުޅިން އާ ދައުރެއްކަމުގައި ބެލިގެންދާނެކަން ޔަގީނެވެ. އެހެންނަމަވެސް އެދުވަހަށް އިންތިޒާރުކުރާ ބަޔަކަށް އަދި މިޖެހެނީ މަޑުކޮށްލާށެވެ. ލޯބިވާ ކްލަބު ގޮވައިގެން ކޯޓަށް ދާން މެސީ ބޭނުންނުވުމާއެކު ބުނިބަސް އަނބުރާ ގެނައުމަށް ފަހު ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާ ގައި މަޑުކުރުމަށް މެސީ ވަނީ ނިންމައިފަ އެވެ.

ކުޅުންތެރިއަކު ގިނަ އަހަރުތަކެއްވަންދެން އެއް ކްލަބަކަށް ކުޅޭނަމަ އެކުޅުންތެރިއަކީ އެކްލަބަކަށް ވަފާތެރި ކުޅުންތެރިއެއްގެ ގޮތުގައި ލޭބަލް ކުރެވެ އެވެ. އަދި އެކްލަބުގައި ކާމިޔާބުތައް ހޯދާ ރިޓަޔާ ކުރަންދެން އެކްލަބުގައި ކުޅުނު ނަމަ އެކުޅުންތެރިއެއްގެ ނަން އެކްލަބަކާއި އަބަދަށް ގުޅިގެން ދެ އެވެ. އަނެއްކޮޅުން މޮޅެތި ކުޅުންތެރިން އަބަދު އެއްޓީމަކަށް ކުޅޭނަމަ އެކުޅުންތެރިޔަކީ އާ ޗެލެންޖާ ކުރިމަތިލާން ނުކެރޭ މީހެއްގެ ގޮތުގައި ލޭބަލް ކުރެވޭ ތަންވެސް އާދެ އެވެ. މިސާލަކަށް ކްރިސްޓިއާނޯ ރޯނާލްޑޯ އާއި މެސީ އަޅާކިޔާއިރު މެސީ ބާސެލޯނާ ނޫން އެހެންޓީމަކަށް ނުކުޅުން އެއީ މައިނަސް ޕޮއިންޓެއްގެ ގޮތުގައި ނަގަ އެވެ. އެކަމަކުވެސް ބައެއް އެހެންކުޅުންތެރިން ނަށް އެއީ ވަފާތެރިކަމުގެ ޕްލަސް ޕޮއިންޓަކަށް އެބަވެ އެވެ. ކޮންމެއަކަސް މިލިޔުމުގައި މި ބަލާލަނީ ޔޫރަޕްގެ ގަދަ ލީގުތަކުގައި ކާމިޔާބު ހޯދާ މޮޅަށް ކުޅުމަށް ފަހު މިހާރު ކުޅުން ހުއްޓާލާފައިވާ ކުޅުންތެރިންގެ ތެރެއިން ޓީމަށް އެންމެ ވަފާތެރިކަމަށް ނަން މަޝްހޫރު ބައެއް ކުޅުންތެރިންނަށެވެ. މިލިސްޓުގައި ނަންތައް ގެނެވިފައިވަނީ ވަކި ތަރުތީބަކުން ނޫނެވެ.

ފްރެންޗެސްކޯ ޓޮޓީ – އޭއެސް ރޯމާ

1992 ގައި ރޯމާ އާއި ޓޮޓީ ގުޅުނު ގޮތަށް 2017 ގައި ރިޓަޔާ ކުރަންދެން ހުރީ އެކުލަބުގަ އެވެ. ޖުމްލަ 25 ސީޒަނުގައި ރޯމާ އަށް 786 މެޗްކުޅެ 307 ލަނޑު ކާމިޔާބުކޮށްދިނެވެ. ރޯމާއަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ޓޮޓީ އަކީ އިޓަލީ ލީގުގައި ކްލަބު ކެޕްޓަންކަން ކުރި އެންމެ ހަގު ކެޕްޓަންވެސްމެ އެވެ. ރޯމާގެ ކެޕްޓަންކަމުގެ ޒިންމާ އާއި ޓޮޓީ ހަވާލުވީ އުމުރުން އެންމެ 22 އަހަރުގަ އެވެ.  ރޯމާއާ އެކު ޓޮޓީ ސެރިއާ ކާމިޔާބުކުރީ އެންމެ ފަހަރަކު އެވެ. އެއީ 02-2001 ގެ ސީޒަނުގަ އެވެ. ކޮޕާ އިޓަލިއާ ދެ ފަހަރު އަދި ސުޕަ ކޮޕާ އިޓަލިއާ ދެ ފަހަރު ހޯދި އެވެ. ޓޮޓީ އަކީ ކުރީގެ އިޓަލީގެ ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ. ޓޮޓީ ވަނީ އިޓަލީގެ ގައުމީ ޓީމާ އެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ފުޓްބޯޅައިން ރިޓަޔާ ކުރުމަށްފަހު ޓޮޓީ ދެންވެސް އުޅުނީ ރޯމާއާ އެކު ކްލަބު ހިންގުމުގަ އެވެ. އެހެންނަމަވެސް ކްލަބުގެ އިސްވެރިންގެ އަމަލުތަކާމެދު ހިތްހަމަނުޖެހި މިއަދު ޓޮޓީ ހުރީ ރޯމާއާ ދުރުގަ އެވެ. އެހެންނަމަވެސް ކްލަބުގެ ސަޕޯޓަރުން މިއަދުވެސް އެންމެ ލޯބިވާ އެކަކީ ޓޮޓީ ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. މިލާންގެ ދެ ކްލަބާއި ޔުވެންޓަސް ސެރިއާގައި ޑޮމިނޭޓް ކުރަމުން ދިޔައިރު ވެސް ޓޮޓީ އެއިން ކްލަބަކާއި ނުގުޅި ރޯމާގައި ހުރުމަކީ ސަޕޯޓަރުން އަބަދުވެސް ހަނދާންކުރާނޭކަމެކެވެ.

ކާލޮސް ޕުޔޯލް – ބާސެލޯނާ

އުމުރުން 17 އަހަރުގައި ބާސެލޯނާ އަށް ކުޅެންފެށިގޮތަށް ޕުޔޯލްގެ މުޅި ކެރިއަރު ހޭދަކުރީ އެޓީމުގަ އެވެ. ބާސެލޯނާގެ ބީ ޓީމަށް ހަތަރު ސީޒަން ކުޅުމަށްފަހު ޕުޔޯލް ބާސެލޯނާގެ ސީނިއާ ޓީމާއި ގުޅުނީ 99-2000 ސީޒަނުގަ އެވެ. އެއަށް ފަހު 2014 ގައި ރިޓަޔާކުރަންދެން ޕުޔޯލްއަކީ ބާސެލޯނާގެ ދިފާއީ މައިތަނބެވެ. ޕުޔޯލް ވަނީ ބާސެލޯނާ އަށް 682 މެޗް ކުޅެދީ 24 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާއާ އެކު ޕުޔޯލް ވަނީ ސްޕެނިޝް ލަލީގާ ހަ ފަހަރު ހޯދައި އަދި ޔޫއެފާ ޗެމްޕިއަންސް ލީގުތިން ފަހަރު ހޯދާފަ އެވެ. އަދި މީގެ އިތުރުންވެސް ގިނަ ތަށިތަކެއް ޕުޔޯލް ވަނީ ބާސެލޯނާއާ އެކު ކާމިޔާބުކޮށްފަ އެވެ. ޕުޔޯލް އަކީ ސްޕެއިންގެ ގައުމީ ޓީމުގެ ވެސް ދިފާއީ އެއް ތަނބެވެ. ބާސެލޯނާ އާއި ސްޕެއިންގެ ގައުމީ ޓީމުގެ ވެސް ކެޕްޓަން ބޭންޑް އަޅާފައިވާ މިކުޅުންތެރިޔާގެ ޓްރޭޑްމާކް ދިގު ބުޅި އިސްތަށިގަނޑަކީ ފެށުނީއްސުރެ ވެސް ބަދަލެއް ނުގެނެސް ބެހެއްޓި ސްޓައިލެކެވެ. ކެރިއަރުގެ ވަރަށް ކުރީކޮޅު އޭނާގެ އެ ސްޓައިލް ކަމުނުގޮސްގެން ބޯކޮށާލުމަށް އޭރުގެ ކޯޗް ލުއީ ވެން ހާލް ހިޔާލުދިނަސް އޭނާ އެކަމާ އަޅައެއް ނުލި އެވެ. ޕުޔޯލް ބާސެލޯނާއާ އެކު ހޯދާފައިވާ ކާމިޔާބުތަކުގެ އިތުރުން އޭނާވަނީ ސްޕެއިންގެ ގައުމީޓީމާ އެކު 2010 ގެ ފީފާ ވޯލްޑް ކަޕް އަދި 2008 ގެ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ސްޓީވެން ޖެރާޑް – ލިވަޕޫލް

ލިވަޕޫލާ އެކު ސްޓީވެން ޖެރާޑް އޭނާގެ ކެރިއަރު ފެށީ 1998 ގަ އެވެ. ޖެރާޑް ވަނީ ލިވަޕޫލާ އެކު ހޭދަކުރި 17 ސީޒަނުގައި 710 މެޗް ކުޅެ 186 ލަނޑު ޖަހައިފަ އެވެ. ޖެރާޑަށް ލިވަޕޫލާއެކު އިނގިރޭސި ލީގު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެކަމަކު އެފްއޭ ކަޕް ދެ ފަހަރު އަދި އިނގިރޭސި ލީގު ކަޕްތިން ފަހަރު ހޯދާފައިވެ އެވެ. އަދި ޗެމްޕިއަންސް ލީގު، ޔޫއެފާ ކަޕް އަދި ޔޫއެފާ ސުޕަ ކަޕް އެއް ފަހަރު ހޯދާފައިވެ އެވެ. ލިވަޕޫލާ އިނގިރޭސި ގައުމީ ޓީމުގެ ވެސް ކެޕްޓަން ބޭންޑް އަޅާފައިވާ ޖެރާޑް ވަނީ އިނގިރޭސި ގައުމީ ޓީމަށް 114 މެޗް ކުޅެ 21 ލަނޑު ޖަހައިދީފަ އެވެ. ލިވަޕޫލްގެ ދިގު ކެރިއަރަށްފަހު ރިޓަޔާކުރުމުގެ ކުރިން ޖެރާޑް ވަނީ އެމެރިކާގެ އެލްއޭ ގެލަކްސީ އަށް ދެ ސީޒަނުގައި ކުޅެފަ އެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ޖެރާޑް މިހާރުވަނީ އޭނާގެ ކޯޗިން ކެރިއަރު ފަށްޓާފަ އެވެ. މިވަގުތު ޖެރާޑް ހުރީ ސްކޮޓްލެންޑްގެ ރޭންޖާސްގެ ކޯޗްގެ މަގާމުގަ އެވެ.

ހާވިއޭ ޒަނެއްޓީ – އިންޓަ މިލާން

އާޖެންޓީނާ އަށް ނިސްބަތްވާ މިކުޅުންތެރިޔާގެ ފުޓްބޯޅައިގެ ކެރިއަރު ފެށީ އަމިއްލަ ގައުމުގަ އެވެ. އާޖެންޓީނާ ލީގުގައި ތިން އަހަރު ކުޅުމަށް ފަހު ޒަނެއްޓީ އިޓަލީގެ އިންޓައާ ގުޅުނީ 96-1995 ގެ ސީޒަނަށެވެ. އަދި އެޓީމާއެކު 19 ސީޒަން ފުރިހަމަކޮށް ރިޓަޔާ ކުރީ 2014 ގަ އެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ޒަނެއްޓީ ވަނީ އިންޓަ އަށް 851 މެޗް ކުޅެދީ 21 ލަނޑު ޖަހައިފަ އެވެ. އިންޓަގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޒަނެއްޓީވަނީ އިންޓައާ އެކު އިޓަލީ ލީގު ފަސް ފަހަރު އަދި ކޮޕަ އިޓަލިއާ ހަތަރު ފަހަރު ހޯދާފަ އެވެ. އަދި ޗެމްޕިއަންސް ލީގު، ޔޫއެފާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ހޯދާފަ އެވެ. ޒަނެއްޓީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށްވެސް 18 އަހަރުވަންދެން ކުޅެފަ އެވެ. އެމުއްދަތުގައި އާޖެންޓީނާއަށް 143 މެޗް ކުޅެދީ ހަތަރު ލަނޑު ޖަހައިދީފައި ވެއެވެ. ދެކުނު އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިއަކު ޔޫރަޕުގެ ޓީމެއްގައި މިހާ ގިނަދުވަހު ކުޅެ އަދި އެޓީމުގައި ހުރެ ރިޓަޔާ ކުރުމަކީ ވަރަށް މަދުންނޫނީ ނުފެންނާނެ މަންޒަރެކެވެ. އިންޓަގެ ސަޕޯޓަރުންގެ ކުރިމަތީގައި ޒަނެއްޓީއަކީ އެޓީމުގެ ލެޖެންޑެކެވެ.

ޕައުލޯ މަލްޑިނީ – އޭސީ މިލާން

ފުޓްބޯޅައިގައި ދުނިޔެދުށް އެންމެ މޮޅު ތިން ޑިފެންޑަރުން ނަގާނަމަ ޕައުލޯ މަލްޑީނީގެ ނަން އޭގެތެރޭގައި ނުހިމެނި ނުދާނެ އެވެ. މަލްޑިނީ އަކީ އޭނާގެ ކެރިއަރުގައި އޭސީ މިލާނާއި އިޓަލީގެ ގައުމީ ޓީމުގެ ވެސް ދިފާއީ މައިތަނބެވެ. މަލްޑިނީގެ ކެރިއަރު ފެށީ 1984 ގައި އޭސީ މިލާނުންނެވެ. އަދި 25 ސީޒަނަށްފަހު 2009 ގައި ރިޓަޔާ ކުރިއިރު ވެސް ހުރީ އެޓީމުގަ އެވެ. މަލްޑިނީ ވަނީ އެޓީމަށް 902 މެޗްކުޅެދީ 33 ލަނޑު ޖަހައިދީފަ އެވެ. މަލްޑިނީ ވަނީ އޭސީ މިލާނާ އެކު ސެރިއާ ހަތް ފަހަރު އަދި ކޮޕަ އިޓަލިއާ އެއް ފަހަރު ހޯދާފަ އެވެ. އަދި ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި މީގެ އިތުރުން ވެސް ގިނަ ކާމިޔާބީތަކެއް އެޓީމާ އެކު މަލްޑިނީ ވަނީ ހޯދާފަ އެވެ. އޭސީ މިލާނާއި އިޓަލީގެ ގައުމީ ޓީމުގެވެސް ކެޕްޓަންކަމުގެ ޒިންމާ ގިނަ އަހަރުތަކެއްވަންދެން މަލްޑިނީ އަދާކޮށްފައިވާއިރު ގައުމީ ޓީމަށް 126 މެޗް ކުޅެދީ ހަތް ލަނޑު ޖަހާދީފައިވެ އެވެ. އަދި ގައުމީޓީމާ އެކު ވޯލްޑް ކަޕް ފައިނަލާ ޔޫރޯގެ ފައިނަލް ކުޅެފައިވެ އެވެ. އެހެންނަމަވެސް ތަށީގައި އަތްލެވޭ ވަރެއް ނުވި އެވެ.

ރަޔަން ގިގްސް – މެންޗެސްޓާ ޔުނައިޓެޑް

އިނގިރޭސި ފުޓްބޯޅައިގައި މިހާތަނަށް ފެނުނު އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ކޮބާއިތޯ އަހައިފިނަމަ އެއީ ރަޔަން ގިގްސް ކަމުގައި ބުނާނެ މީހުން މަދެއްނުވާނެ އެވެ. ވޭލްސް އަށް އުފަން ގިގްސް މެންޗެސްޓަ ޔުނައިޓެޑާ ގުޅުނީ އުމުރުން އެންމެ 14 އަހަރުގަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު ފެށުމުގެ ވެސް ކުރިން 1991 ގަ އެވެ. އަދި އެޓީމާ އެކު 24 ސީޒަން ފުރިހަމަކުރުމަށް ފަހު ގިގްސް ރިޓަޔާ ކުރީ 2014 ގަ އެވެ. އަރިމަތިންނާއި މެދުތެރެއިން ކުޅެމުން ދިޔަ މި ކުޅުންތެރިޔާ ވަނީ މެންޗެސްޓަ ޔުނައިޓެޑަށް 963 މެޗްގައި 168 ލަނޑު ޖަހައިދީފަ އެވެ. ގިގްސް ވަނީ ޔުނައިޓެޑާ އެކު ޕްރިމިއާ ލީގު 13 ފަހަރު އަދި އިނގިރޭސި އެފްއޭ ކަޕް ހަތަރު ފަހަރު ހޯދާފަ އެވެ. އަދި ޗެމްޕިއަންސްލީގު ދެ ފަހަރު ހޯދާފަ އެވެ. އަދި މީގެ އިތުރުން ވެސް ގިނަ ކާމިޔާބީތަކެއް އެޓީމާ އެކު ހޯދާފައިވެ އެވެ. ގިގްސް އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ޔުނައިޓެޑުން ހޯދާފައިވާ ހުރިހާ ތަށީގައި ހިއްސާވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. ގިގްސް ވޭލްސްގެ ގައުމީ ޓީމަށް 64 މެޗް ކުޅެދީ ހަތަރު ލަނޑު ޖަހައިދީފައިވެ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ދާއިރާއަށް ވަނުމަށް ފަހު ޔުނައިޓެޑާ އެކު ދުވަސްކޮޅަކު ގިގްސް މަސައްކަތްކުރި އެވެ. މިވަގުތު ގިގްސް ހުރީ ވޭލްސްގެ ގައުމީ ޓީމާ ހަވާލުވެގެންނެވެ.

މީގެ އިތުރުންވެސް މިތާގައި ފާހަގަކޮށްލަން ޖެހޭ ބައެއް ނަންތައް އެބަވެ އެވެ. އޭގެތެރޭގައި މެންޗެސްޓާ ޔުނައިޓެޑަށް 20 އަހަރު ކުޅުނު ޕައުލް ސްކޯލްސް އާއި 19 އަހަރު ކުޅުނު ގެރީ ނެވިލް އާއި  ޗެލްސީ އަށް 19 އަހަރު ކުޅުނު ޖޯން ޓެރީ އާއި ރެއާލް މެޑްރިޑްގެ ގޯލް 16 އަހަރު ވަންދެން ބެލެހެއްޓި އިކާ ކަސިޔަސް ފާހަގަކޮށްލެވެ އެވެ. މިހާރު ކުޅޭ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ހަމަ އެޓީމުގެ މާސެލޯ، ޔުވެންޓަސްގެ ޖިއޯޖިއޯ ކިއެލީނީ، ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް ފާހަގަކޮށްލެވެ އެވެ. ދުނިޔޭގެ ހުރިހާ ލީގުތަކަށް ބަލާނަމަ މިވަގުތު އެއް ޓީމަކަށް އެންމެ ގިނަދުވަހު ކުޅެފައިވަނީ 22 އަހަރާއި 7 މަސްދުވަހު ޖަޕާނުގެ ކަށިމާ އެންޓްލާސްގެ ގޯލް ބެލެހެއްޓި އަދި މިހާރުވެސް އެޓީމުގެ ކީޕަރު ހިޓޯޝީ ސޮގާޓާ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.