އަހަރަކު ކްލަބަކަށް ނޫސްވެރިން އަހަރެން ގެންދޭ: ތިއާގޯ
ބަޔާން މިއުނިކް ދޫކޮށްލާނެކަމަށް ދުވަހަކު ވެސް ބުނެފައިނުވާނެ ކަމަށާއި، ކޮންމެ އަހަރަކު ވެސް އޭނާ އެހެން ކްލަބަކަށް ގެންދަނީ ކުޅިވަރު ނޫސްވެރިން ކަމަށް ލިވަޕޫލުން ފާރަލަމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ބުނެފި އެވެ.
29 އަހަރުގެ ތިއާގޯ ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމުގެ ފުރުސަތު ބޮޑުވެފައިވަނިކޮށް ބަޔާނުން ވަނީ ތިއާގޯ ވިއްކާލުމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް ދާދިފަހުން ބުނެފަ އެވެ. ބަޔާނުން ހުށަހެޅި އާ އެއްބަސްވުމުގައި ތިއާގޯ ސޮއިކޮށްފައިނުވާއިރު ބަޔާނާ އެކު ތިއާގޯ ހަދައިފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެހެންވެ މި ސީޒަން ފެށުމުގެ ކުރިން ތިއާގޯގެ އެއްބަސްވުން ބަޔާނުން އާނުކޮށްފި ނަމަ އަންނަ ސީޒަން ފެށުމުން ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު އޭނާ އަށް ލިބޭނެ އެވެ. ހިލޭ ޓްރާންސްފާއެއްގައި ތިއާގޯ ކްލަބް ދޫކޮށްލަފާނެތީ ބަޔާނުން އަންނަނީ ވީ އެންމެ އަވަހަކަށް ރަނގަޅު އަގެއްގައި ތިއާގޯ ވިއްކާލުމުގެ މައްސަކަތް ކުރަމުންނެވެ.
ދާދިފަހުން ބަޔާންގެ ސީއީއޯ ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ މި ސީޒަން ފެށުމުގެ ކުރިން ތިއާގޯ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމުގެ ވީ އެންމެ އަވަހަކަށް ގޮތް ނިންމަން ބަޔާނުން މަސައްކަތް ކުރާކަމަށެވެ. އެކަމަކު ތިއާގޯ ބުނީ އޭނާ ދުވަހަކު ވެސް ބަޔާން ދޫކޮށްލަން ބޭނުންވާކަމަށް ބުނެފައިނުވާނެ ކަމަށެވެ.
“ބަޔާން ދޫކޮށްލާނަމޭ އަހަރެން ދުވަހަކު ވެސް ނުބުނަން. ކޮންމެ އަހަރަކު ތިމީހުން (ޖާނަލިސްޓުން) އަހަރެން އެހެން ކްލަބަކަށް ގެންދަނީ. އަހަރެންގެ ސަމާލުކަން މިހުރީ މާދަމާ (މިރޭ) ގެ މެޗަށް. އިތުރަށް ބުނާނެ އެއްޗެއް ނެތް. ދެކެވޭ ވާހަކަ ތަކަކަށް އަހަރެން ސަމާލުކަމެއް ނުދޭނަން. އަހަރެންނަށް މުހިއްމީ ދެން އޮތް މެޗު” ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތައް ކުޅުމަށް މިވަގުތު ސްޕެއިންގެ ގައުމީ ޓީމާ އެކު ހުރި ތިއާގޯ ބުންޏެވެ.
ނޭޝަންސް ލީގުގައި ސްޕެއިންގެ އިން ޖަރުމަނާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ތިއާގޯ ވަނީ ކުޅެފަ އެވެ. ނޭޝަންސް ލީގުގައި ސްޕެއިން އިން މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ޔޫކްރެއިންއާ ދެކޮޅަށެވެ.
ޔޫތު ކެރިއަރުގައި ބްރެޒިލްގެ ބައެއް ކްލަބްތަކަށް ކުޅުމަށް ފަހު ތިއާގޯ ވަނީ 2005 ވަނަ އަހަރު ވަނީ ބާސެލޯނާގެ ލަ މާސިއާ އެކަޑެމީއާ ގުޅިފަ އެވެ. އޭގެފަހުން ބާސެލޯނާގެ ސީނިއާ ޓީމުގައި ހިމެނި ގިނަ މެޗުތަކެއްގައި ތިއާގޯ ވަނީ ކުޅެފަ އެވެ. ކާމިޔާބު އަހަރުތަކެއް ބާސެލޯނާގައި ހޭދަކުރުމަށް ފަހު ތިއާގޯ ބަޔާނަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. ބަޔާނަށް ބަދަލުވުމަށް ފަހު ވެސް ތިއާގޯ އަންނަނީ އެޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ހާއްސަކޮށް މި ސީޒަނުގައި ބަޔާނުން ތިން ތަށި ކާމިޔާބުކުރިއިރު ތިއާގޯ ވަނީ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ތިއާގޯ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލެވެ. ލިވަޕޫލުން ތިއާގޯ ގެންނާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނިނަމަވެސް ބަޔާންގެ ސީއީއޯ ރުމެނިގާ ދާދިފަހުން ވިދާޅުވީ ތިއާގޯ ހޯދުމަށް ލިވަޕޫލުން ރަސްމީކޮށް ބަޔާނަށް ބިޑްކޮށްފައިނުވާކަމަށެވެ. ތިއާގޯ ބަޔާން ދޫކޮށްލުމުގެ ފުރުސަތު އޮތުމުން ޔޫރަޕްގެ މަޝްހޫރު އެހެން ކްލަބްތަކުން ވެސް އޭނާ ހޯދަން މަސައްކަތް ކުރާނެކަމަށް ބެލެވެ އެވެ. އޭގެތެރޭގައި އޭނަގެ ކުރީގެ ކްލަބް ބާސެލޯނާ އަދި މެންޗެސްޓަރ ޔުނައިޓެޑް ވެސް ތިއާގޯ އަށް ބިޑް ކުރާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
Advertisement
Leave a Reply