ހާވާޓްޒް ޗެލްސީ އަށް ބަދަލުވުމުން ދެރަވޭ: ޖަރުމަނު ކޯޗު

Advertisement

ހާވާޓްޒް ޗެލްސީ އަށް ބަދަލުވުމުން ދެރަވޭ: ޖަރުމަނު ކޯޗު

ޢަލީ ޝަހީމް

ބަޔާން ލެވަކޫސަން ދޫކޮށް ކައި ހާވާޓްޒް ޗެލްސީ އަށް ބަދަލުވުމަކީ ޖަރުމަނު ބުންޑެސްލީގާ އަށް ލިބުނު ދެރައެއް ކަމަށް ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޔަކިމް ލޯ ބުނެފި އެވެ.

21 އަހަރުގެ ހާވާޓްޒް ފަސް އަހަރުގެ އެއްބަސްވުމެއްގައި ޗެލްސީ އަށް ބަދަލުވީ މިދިޔަ ހުކުރު ދުވަހު އެވެ. 94 މިލިއަން ޑޮލަރަށް ޗެލްސީއާ ގުޅުމުގެ ކަންކަން ހަމަޖައްސަން ޖެހޭތީ ހުކުރު ދުވަހު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ލަންޑަނަށް ދިއުމުގެ ހުއްދަ ޖަރުމަނު ޓީމުން ހާވާޓްޒް އަށް ދިނެވެ. ޒުވާން މިޑްފީލްޑަރުގެ ސޮޔާ ގުޅިގެން ޖަރުމަނުގެ ކޯޗު ލޯ ބުނީ އެއީ ޖަރުމަނު ލީގަށް ލިބުނު ގެއްލުމަކަށް ވީނަމަވެސް ގައުމުން ބޭރުގައި ހާވާޓްޒް ކުޅެން ފެށުމަކީ ގައުމީ ޓީމަށް ލިބޭ ރަނގަޅަކަށް ވާނެކަމަށެވެ.

“ކައި (ހާވާޓްޒް) ކަހަލަ ޒުވާން ހުނަރުވެރި ކުޅުންތެރިއަކު ބުންޑެސްލީގާގައި ނެތުމަކީ ދެރައެއް. އެކަމަކު އޭގައި ރަނގަޅު ކަންކަން ވެސް އެބަހުރި. ގައުމުން ބޭރުގައި އުޅުމުން ކުޅުންތެރިންގެ ޕާސަނަލިޓީ ތަރައްގީވެގެންދޭ. ކައި އެކޭ އެއްގޮތަށް ވާނާ ވެސް ޗެލްސީގައި ކުޅުން ރަނގަޅުކޮށްފި ނަމަ ގައުމީ ޓީމަށް ވެސް ރަނގަޅަކަށް ވާނެ” ޖަރުމަނަށް 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ޔޫއެފާ ނޭޝަންސް ލީގު ފަށައިގެން ކުރިއަށްދާއިރު މިދިޔަ ބުރާސްފަތި ދުވަހު ޖަރުމަނުން ސްޕެއިންއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ހާވާޓްޒްގެ ބޭނުން ކޯޗު ލޯ ކޮށްފައެއްނުވެ އެވެ. ލޯ ބުނީ އެ މެޗުގެ ދެ ވަނަ ހާފުގައި ހާވަޓްޒް އަށް ތަފާތެއް ގެނެވިދާނެކަމަށް ގަބޫލުކުރި ކަމަށާއި، އެކަމަކު ޗެލްސީ ޓްރާންސްފާގެ ހުރިހާ ކަމެއް އެއްކޮށް ނުނިމޭތީ ހާވާޓްޒް މެޗަށް ނޭރުވީ ކަމަށެވެ. ލޯ ބުނީ ނޭޝަންސް ލީގުގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް ޖަރުމަނުން ނުކުންނަ މެޗުގައި ހާވާޓްޒް ނުހިމެނޭނެ ކަމަށާއި، ޓީމުގެ އެހެން ކުޅުންތެރިން ހަމައަށް އެބަތިބި ކަމަށެވެ.

ހާވާޓްޒް ޗެލްސީ އަށް ބަދަލުވިއިރު މިދިޔަ އަހަރުތަކުގައި މަޝްހޫރު އެހެން ކްލަބްތަކުން ވެސް އޭނާ އަށް ފާރަލި އެވެ. 2016 ވަނަ އަހަރުން ފެށިގެން ބަޔާން ލެވަކޫސަންގެ ޓީމަށް ކުޅެމުން އައި ހާވާޓްޒް ވަނީ އެ ކްލަބަށް 150 މެޗު ކުޅެދީ 46 ލަނޑު ޖަހައިފަ އެވެ. އަދި ޖަރުމަނުގެ ޔޫތު ގައުމީ ޓީމުތަކަށް ކުޅެމުން އައިސް 2018 ވަނަ އަހަރުން ފެށިގެން ހާވާޓްޒް އަންނަނީ ސީނިއާ ޓީމުން ފުރުސަތު ހޯދަމުންނެވެ.

ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން ޗެލްސީ އަށް އަދަބު ދިނުމުން މިދިޔަ ސީޒަނަށް ބޭނުންވި ކުޅުންތެރިން އެ ކްލަބަށް ގެނެވޭގޮތެއްނުވި އެވެ. އެކަމަކު އެ ސަސްޕެންޝަން އުވާލުމުން ފްރޭންކް ލަޕްމާޑްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޗެލްސީން މިހާރު ވަނީ ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެ ކްލަބުން މިހާތަނަށް ގެނައި ހަތް ކުޅުންތެރިން ގަތުމަށް 200 މިލިއަން ޕައުންޑަށް ވުރެ ގިނައިން ވަނީ ހަރަދުކޮށްފަ އެވެ.

އާ ސީޒަނުގެ ކުރިން އެޓީމުން ގެނައި ކުޅުންތެރިންގެ ތެރޭގައި ހާވާޓްޒްއާ އެކު ޖަރުމަނު ގައުމީ ޓީމަށް ކުޅޭ ހުނަރުވެރި ފޯވާޑް ޓިމޯ ވާނާ ވެސް ހިމެނެ އެވެ. އާރުބީ ލައިޕްޒިގުން ވިދާލި ވާނާގެ އިތުރުން ޗެލްސީން ވަނީ އަޔަކްސް އަށް ކުޅުނު ހަކީމް ޒިޔެޗް އާއި ލެސްޓަ ސިޓީގެ ޑިފެންސްގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ބެން ޗިލްވެލް ގެނެސްފަ އެވެ. އަދި، ހިލޭ ޓްރާންސްފާތަކުގައި ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އާއި ޒުވާން ޑިފެންޑަރު ޒައިވޭ އެމްބުޔަމްބާ އަދި މަލަންގް ސާގެ ސޮއި ވެސް ޗެލްސީން ވަނީ ހޯދާފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ލަމްޕާޑް މިހާރު އަންނަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ގޯލްކީޕަރެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ޔޫރަޕްގެ ލީގުތައް ނިމުމާއެކު މިހާރު ކުރިއަށްދަނީ ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތަކެވެ. ނޭޝަންސް ލީގުގެ މެޗުތައް ނިމުމުން ޔޫރަޕްގެ ގިނަ ލީގުތައް މި މަހުގެ ތެރޭގައި ފަށާނެ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އެންމެ ފުރަތަމަ ފެށީ ފްރެންޗް ލީގެވެ. އިނގިރޭސި ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ނޭޝަންސް ލީގުގައި ޖަރުމަނުން މިރޭ ސްވިޒަލެންޑާ ދެކޮޅަށް ނުކުންނަ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *