ކާމިޔާބު ހޯދަން ކޫމަން ނުކުތްއިރު މެސީ ފިލައިފި

Advertisement

ކާމިޔާބު ހޯދަން ކޫމަން ނުކުތްއިރު މެސީ ފިލައިފި

ޢަލީ ޝަހީމް
ބާސެލޯނާ އިން އިއްޔެ ބޭއްވި ފަރިތަކުރުމުގައި ކޯޗު ކޫމަން. ފުރަތަމަ ދުވަހު މެސީ ޕްރެކްޓިހަށް ހާޒިރެއް ނުވި

ބާސެލޯނާގެ އާ ކޯޗު ރޮނާލްޑް ކޫމަންއާ އެކު އެޓީމުން ބޭއްވި ފުރަތަމަ ފަރިތަކުރުމުގައި ލިއޮނަލް މެސީ ބައިވެރިނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާސެލޯނާގެ ކޯޗުކަމާ ކޫމަން ހަވާލުވެ، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ފުރަތަމަ ފަރިތަކުރުން ބޭއްވީ އިއްޔެ އެވެ. އެ ފަރިތަކުރުމުގައި މެސީ ބައިވެރިނުވާކަން ޔަގީންވެފައިވުމާއެކު އޭނާ އެ ކްލަބުގައި މަޑުކުރުމުގެ ފުރުސަތު މިހާރު ވަނީ ކުޑަވެފަ އެވެ. އާޖެންޓީނާގައި ހުރެ މިދިޔަ ހަފްތާ މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ކްލަބަށް އެންގީ ފޮނުވި ފެކުހެއް މެދުވެރިކޮށެވެ.

Advertisement

ފަރިތަކުރުންތައް ފެށުމުގެ ކުރިން ބާސެލޯނާގެ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުން މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ގެންދިޔައިރު ވެސް މެސީ ބައިވެރިވެފައެއްނުވެ އެވެ. ކްލަބުން މެސީ ހިފަހައްޓަން މަސައްކަތްކުރާއިރު ލަލީގާ އިން މިހާރު ވަނީ ހިލޭ ޓްރާންސްފާއެއްގައި މެސީ އަށް އެހެން ކްލަބަކަށް ބަދަލު ނުވެވޭނެ ކަމަށް އަންގައިފަ އެވެ. މައްސަލަ ގޯސްވީ ބާސެލޯނާ އިން މެސީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ބަދަލުވުމުގެ ފުރުސަތު މެސީ އަށް ލިބޭތީ އެވެ. އެކަމަކު ބާސެލޯނާ އިން ބުނަނީ ޖޫން 10 ވަނަ ދުވަހުގެ އެ މުއްދަތު ހަމަވެފައިވާކަމަށެވެ. ލަލީގާ އިން މި މައްސަލައިގައި އެރީ ބާސެލޯނާގެ ކޮޅަށެވެ.

ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ލަލީގާ އިން މީގެ ދެދުވަސް ކުރިން އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ މެސީ އަށް ބާސެލޯނާ ދޫކޮށް ދެވޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މެސީގެ ޖުމްލަ އަގު ކަމަށްވާ 700 މިލިއަން ޔޫރޯ ދައްކައިގެން ކަމަށެވެ. މި އަދަދު އެހެން ކްލަބަކުން ބާސެލޯނާ އަށް ދެއްކުން ވާނީ އުނދަގޫ ކަމަކަށެވެ.

މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވުމާއެކު ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުން މިހާރު އަންނަނީ އެ ޓްރާންސްފާ ފުރިހަމަ ކުރުމަށް މަސައްކަތްކުރަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ ބަދަލުވުމުގެ ފުރުސަތު ބޮޑީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ މެންޗެސްޓަރ ސިޓީއާ އެވެ. އެކަމަކު އިންޓަ މިލާނާއި ޕީއެސްޖީ ވެސް މެސީ އަށް ޝައުގުވެރިވާކަމަށްވެ އެވެ.

އާ ސީޒަނަށް ތައްޔާރުވާން ބޭއްވި ފުރަތަމަ ފަރިތަކުރުމުގައި ބާސެލޯނާގެ ބައެއް ކުޅުންތެރިން. މެސީ ހާޒިރުނުވިއިރު އޭނާ ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގާފައި

ބާސެލޯނާ އިން އިއްޔެ ފެށި ފަރިތަކުރުމުގައި 19 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ކްލަބް ބަދަލުކުރާނެކަމަށް ބެލެވޭ ލުއިސް ސުއަރޭޒާއި އާޓޫރޯ ވިޑާލް ވަނީ ބައިވެރިވެފަ އެވެ. ފުރަތަމަ ފަރިތަކުރުމުގައި ބައިވެރިވި ކުޅުންތެރިންގެ އަދަދު މަދުވީ ޔޫއެފާ ނޭޝަންސް ލީގުގައި ވާދަކުރާ ގައުމުތަކުގެ ކުޅުންތެރިން ގައުމީ ޓީމަށް ދޫކޮށްފައިވާތީ އެވެ. މެސީގެ އިތުރުން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި އިވާން ރަކިޓިޗް ބައިވެރިނުވީ ކްލަބުން ހުއްދަ ދިނުމުންނެވެ. ބާސެލޯނާ ދޫކޮށް އަންނަ ސީޒަނުގައި ރަކިޓިޗް އެނބުރި އޭނާގެ ކުރީގެ ކްލަބް ސެވިއްޔާ އަށް ބަދަލުވާނެކަމަށް ބެލެވެ އެވެ.

21-2020 ވަނަ ސީޒަނުގެ ސްޕެނިޝް ލީގުގެ ކަލަންޑަރު ލަލީގާއިން އިއްޔެ ވަނީ އާއްމުކޮށްފަ އެވެ. އާ ސީޒަނުގެ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 27 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބާސެލޯނާ ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ. ސީޒަންގެ ފުރަތަމަ ދެ ހަފްތާގައި ބާސެލޯނާ އިން މެޗެއް ނުކުޅޭ ގޮތަށް ލަލީގާ އިން ނިންމީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެޓީމު ވާދަކުރުމުން އަރާމު ކުރުމަށް އިތުރު ދުވަސްތަކެއް ދިނުމުގެ ގޮތުންނެވެ.

ބާސެލޯނާ އަށް އަލުން ކާމިޔާބީ ހޯދައިދިނުމަށް އަމާޒުހިފައި ނެދަލެންޑްސް ކޫމަން ކޯޗުކަމާ ހަވާލުވުމަށް ފަހު އެޓީމުން އަންނަނީ ޓީމަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން މިހާރު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ސީނިއާ ބައެއް ކުޅުންތެރިން ބާސެލޯނާ އިން ދޫކޮށްލާނެ އެވެ. އެކަމަކު ބާސެލޯނާ އަށް 20 އަހަރު ކުޅެދީފައިވާ 33 އަހަރުގެ މެސީ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އެ ކްލަބުގެ ނެތެވެ. މެސީގެ ޓްރާންސްފާގެ ބޮޑެތި ކަންތައްތަކެއް ކުރިއަށް އޮތް ހަފްތާގައި ހިނގާނެކަމަށް ރިޕޯޓުތައް ބުނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *