މެސީ އަށް އެހާ ފަސޭހައިން ނުދެވޭނެކަމަށް ލަލީގާ އިން އަންގައިފި

Advertisement

މެސީ އަށް އެހާ ފަސޭހައިން ނުދެވޭނެކަމަށް ލަލީގާ އިން އަންގައިފި

ޢަލީ ޝަހީމް

ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ލިއޮނަލް މެސީ އަށް އެހާ ފަސޭހައިން ކްލަބް ބަދަލު ނުކުރެވޭނެކަމުގެ އިޝާރާތެއް ސްޕެނިޝް ލީގުން ދީފި އެވެ. ސްޕެނިޝް ލަލީގާ އިން މިއަދު އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ މެސީ އަށް ބާސެލޯނާ ދޫކޮށްލެވޭނީ އޭނާގެ ރިލީސް ކްލޯޒްގެ ގޮތުގައި ކަނޑައަޅާފައިވާ 823 މިލިއަން ޑޮލަރު އޭނާ ބޭނުންވާ ކްލަބަކުން ބާސެލޯނާ އަށް ދައްކައިގެން ކަމަށެވެ.

މެސީ ކްލަބް ބަދަލުކުރަން ބޭނުންވާކަން ބާސެލޯނާ އަށް މިދިޔަ ހަފްތާ އެންގީ ފެކުހެއް މެދުވެރިކޮށެވެ. މެސީގެ މި ކުއްލި ނިންމުމާއެކު އޭނާ ބެހެއްޓުމަށް ބާސެލޯނާ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަނެއްކޮޅުން މެސީގެ ސޮއި ހޯދުމުގެ މަސައްކަތް ފަށަން މަޝްހޫރު ބައެއް ކްލަބްތަކުން މިހާރު އޮތީ ތައްޔާރަށެވެ.

ލަލީގާ އިން ރަސްމީކޮށް މިއަދު އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ ބާސެލޯނާ ދޫކޮށްލަން މެސީ ނިންމި ނަމަވެސް އޭނާ ގެންދިއުމަށް ދައްކަން ޖެހޭ އަދަދު ދެއްކުމަށް ފަހުގައި ނޫނީ މެސީ އަށް ކްލަބް ބަދަލުނުކުރެވޭނެ ކަމަށެވެ.

ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ އަހަރެއްހާ ދުވަސް އޮތް ނަމަވެސް މެސީ ބޭނުންނަމަ އާ ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާ ދޫކޮށްލަން މެސީ ހުށަހެޅީ އެއްބަސްވުމުގައި ވާގޮތަށް ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމަށެވެ. އެކަމަކު ބާސެލޯނާ އިން ވަނީ މިކަމާ ދެކޮޅު ހަދައި ހިލޭ ޓްރާންސްފާއެއްގައި މެސީ އަށް ބާސެލޯނާ ދޫކޮށްނުލެވޭނެ ކަމަށާއި، އެހެން ކްލަބަކަށް މެސީ ގެންދެވޭނީ މެސީގެ ޖުމްލަ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ 823 މިލިއަން ޑޮލަރު ދެއްކުމަށް ފަހުގައި ކަމަށް އަންގައިފަ އެވެ.

ބާސެލޯނާ އިން މެސީ ދޫކޮށްލަން ދެކޮޅު ހަދާނަމަ ގާނޫނީ ޓީމުގެ އެހީ މެސީ ހޯދާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ހިލޭ ޓްރާންސްފާއެއްގައި ބަދަލުވާން މެސީ ހުށަހެޅީ ސީޒަން ނިމި އާ ސީޒަން ފެށުމާ ހަމައަށް ގޮތެއް ނިންމުމުގެ ފުރުސަތު ލިބޭނެކަމަށް ގަބޫލުކޮށްގެންނެވެ. ބާސެލޯނާ އިން ބުނީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ބޭނުންނަމަ ޖޫން 10 ވަނަ ދުވަހުގެ ކުރިން މެސީ ކްލަބަށް އަންގަން ޖެހޭނެ ކަމަށެވެ. އެކަމަކު ޖޫން 10 ގެ ކުރިން ސީޒަން ނުނިމުމުން މެސީ އަށް ކްލަބް ބަދަލުކުރަން ހުށަހެޅުމުގެ ފުރުސަތެއް ނުލިބުނެވެ.

ކްލަބް ދޫކޮށްލުމުގެ ވިސްނުން މެސީގެ ހުރިއިރު އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ފަރިތަކުރުންތައް ފަށަން ތައްޔާރުވަމުން އަންނައިރު މެސީ އަދި ޓީމާ ނުގުޅެ އެވެ. މާދަމާ ފަރިތަކުރުންތައް ފެށުމުގެ ކުރިން ބާސެލޯނާ އިން މިއަދު ވަނީ ކޮވިޑް-19 އަށް ކުޅުންތެރިން ޓެސްޓުކޮށްފަ އެވެ. އެކަމަކު މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކޮވިޑް ޓެސްޓް ހެދުމުގައި މެސީ ބައިވެރިއެއްނުވެ އެވެ.

ފުޓްބޯޅަ ކެރިއަރު އެއްކޮށް ބާސެލޯނާގައި ހޭދަކުރަމުން އަންނަ މެސީ އެ ކްލަބް ދޫކޮށްލާނަމަ ބަދަލުވުން އެންމެ ގާތީ އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީއާ އެވެ. އެކަމަކު ސިޓީގެ އިތުރުން ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް އަދި ޔުވެންޓަސް އާއި އިންޓަ މިލާން އަދި ޕީއެސްޖީ މި ރޭހުގައި މަސައްކަތް ކުރާނެކަމަށް ބެލެވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *