ލިވަޕޫލް ބަލިކޮށް އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް އާސެނަލް ކާމިޔާބުކޮށްފި އެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުމުން ޖެހި ޕެނަލްޓީގައި 5-4 އިން މޮޅުވެގެންނެވެ.
މިއީ އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. މީގެ ކުރިން ލިވަޕޫލުން ވަނީ ކޮމިއުނިޓީ ޝީލްޑް 15 ފަހަރު ކާމިޔާބުކޮށްފަ އެވެ. ކޮމިއުނިޓީ ޝީލްޑްގައި އެންމެ ކާމިޔާބު ކްލަބަކީ 21 ފަހަރު މޮޅުވެފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.
މިރޭގެ މެޗަށް ނުކުތްއިރު އަނިޔާގެ ސަބަބުން ފުރަތަމަ އެގާރައިގައި ދެ ޓީމުން ވެސް މުހިއްމު ބައެއް ކުޅުންތެރިން ހިމަނާފައެއްނުވެ އެވެ. މި ހާފުގައި ގިނަ ހަމަލާ އުފައްދައި އާސެނަލުން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގައި އާސެނަލްގެ ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕިއޭ އެމެރިކް އޮބާމިޔަން އެވެ. ބުކަޔޯ ސަކާ ދިން ބޯޅަ ހޯދުމަށް ފަހު އޮބާމިޔަން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. ގޯލަށް ފަހު އާސެނަލްގެ އެޑީ އެންކެޓިއޭ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މި ހާފުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ އޭރިޔާ ތެރެއިން ފޮނުވާލި ނުރައްކާތެރި ބޯޅަ އާސެނަލްގެ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ.

އޮބާމިޔަންގެ ލަނޑަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ
މެޗުގެ ދެ ވަނަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ލިވަޕޫލުންނެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 73 ވަނަ މިނެޓުގައި ޓަކޫމީ މިނަމީނޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑާ އެކު މިނަމީނޯ ވެފައިވަނީ ލިވަޕޫލަށް ލަނޑު ޖަހައިދިން ޖަޕާނަށް އުފަން ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މިނަމީނޯގެ ލަނޑަށް ފަހު ވެސް ލިވަޕޫލުން ވަނީ މޮޅަށް ކުޅެ އިތުރު ލަނޑެއް ޖަހަން މަސައްކަތްކޮށްފަ އެވެ. އެކަމަކު މެޗުގެ ފަހުކޮޅު އާސެނަލުން ކުރިއަށް ޖެހި ހަމަލާތައް އުފެއްދި އެވެ.
1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އާސެނަލުން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ސްވާންސީ ސިޓީ އަށް ކުޅުމަށް ފަހު ލިވަޕޫލަށް އެނބުރި އައި ޒުވާން ފޯވާޑް ރިއާން ބްރުސްޓާ އަށެވެ. ބްރުސްޓާ ޖެހި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
މިއީ އާސެނަލަށް ބަދަލުވުމަށް ފަހު އެޓީމުގެ ކޯޗު މިކޭލް އާޓެޓާ ކްލަބާއެކު ހޯދި ދެ ވަނަ ކާމިޔާބީ އެވެ. އާޓެޓާ އެންމެ ފުރަތަމަ ހޯދީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަމެވެ. އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި 2-1 އިން ޗެލްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ލިވަޕޫލް ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑްގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވެފަ އެވެ. އެ މެޗުން ވެސް ބަލިވީ ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ.
އެފްއޭ ކޮމިއުނިޓީ ޝީލްޑަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.
Advertisement

Leave a Reply

Iraadha kurevviyyaa mi season ga league ah arsenal vaadha kuraane