އާސެނަލާއި ލިވަޕޫލް މެޗުން އިނގިރޭސި ފުޓްބޯޅަ ސީޒަން މިއަދު ފަށަނީ

Advertisement

އާސެނަލާއި ލިވަޕޫލް މެޗުން އިނގިރޭސި ފުޓްބޯޅަ ސީޒަން މިއަދު ފަށަނީ

ޢަލީ ޝަހީމް

އިނގިރޭސި ފުޓްބޯޅަ ސީޒަން ނިމުނުތާ 34 ދުވަސް ފަހުން އާ ސީޒަނުގެ ކުޅުން މިއަދު ފަށާނެ އެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަން ލިވަޕޫލާ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި އާސެނަލް އެވެ.

މިރޭގެ މެޗުން ސީޒަން ފަށާއިރު، ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. އެކަމަކު ޔޫރަޕްގެ މުބާރާތްތަކުގެ ކުއާޓާ ފައިނަލުން ފެށިގެން ވާދަކުރި ޓީމުތަކުން ސީޒަން ފަށާނެ ތާރީހް ވަނީ ފަސްކޮށްފަ އެވެ. މިރޭގެ މެޗަށް ތައްޔާރުވާން ލިވަޕޫލަށް ވުރެ ދުވަސް މަދުން ލިބުނީ އާސެނަލަށެވެ. އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ފަހު ލިވަޕޫލުން ވަނީ އާ ސީޒަނަށް ތައްޔާރުވާން އޮސްޓްރިއާގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު އާސެނަލުން ސީޒަނުގެ ފަހު މެޗު ކުޅުނީ މީގެ ހަތަރު ހަފްތާ ކުރިންނެވެ. އެއީ އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީގެ މައްޗަށް އާސެނަލުން ކުރި ހޯދި މެޗެވެ.

Advertisement

މެޗުގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ ލިވަޕޫލަށް އުނދަގޫ ސީޒަނަކަށް ވާނެކަމަށާއި އާސެނަލާ ދެކޮޅަށް ނުކުންނާނީ މެޗު ކާމިޔާބުކޮށް އިތުބާރު ބޮޑުކުރަން ކަމަށެވެ.

“މިއީ ރަހްމަތްތެރިކަމުގެ މެޗެއް ނޫން. މިއީ އާސެނަލާ ދެކޮޅަށް ކުޅޭ ވާދަވެރި މެޗެއް. ދެޓީމުން ވެސް ތައްޔާރުވާނީ މުޅި ސީޒަނަށް. މިއީ މިހާތަނަށް ތަޖުރިބާކުރާ އެންމެ އުނދަގޫ އެއް ސީޒަނަށް ވާނެ. އެއީ ބައިވަރު މެޗުތަކެއް ކުޅެން އޮތް ވަގުތު މަދުވުމުން” މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަނާއި އަލެކްސް އޮކްލޭޑް-ޗަމްބެލައިން އަދި ޖޮެއެލް މަޓިޕް މިރޭ ނުފެންނާނެ އެވެ. އަދި، ކުޑަ އަނިޔާއެއްގެ ސަބަބުން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް މިރޭ ކުޅުމުގެ ފުރުސަތު ކުޑަ އެވެ. އެކަމަކު އޮސްޓްރިއާގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ރެޑްބުލް ސަލްސްބާގާ ދެކޮޅަށް ކުޅުނު މެޗުގައި ބޮލުގެ އަނިޔާއެއްވި ވާޖިލް ވެން ޑައިކް ކުޅުމުގެ ފުރުސަތު ބޮޑެވެ.

އާސެނަލްގެ ކޯޗުކަމުގައި ފުލް ސީޒަނަކާ ފުރަތަމަ ފަހަރަށް ކުރިމަތިލާ މިކޭލް އާޓެޓާ ބުނީ މިދިޔަ ސީޒަނުގައި ބޮޑެތި މެޗުތަކުން ނަތީޖާ ނެރެވިފައި ވުމަކީ ޓީމަށް އިތުބާރުލިބޭ ކަމެއް ކަމަށެވެ. ސީޒަނުގެ މެދަކާ ހަމައިން އާސެނަލާ ހަވާލުވުމަށް ފަހު އޭނާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސް ކުޅުމަށް ރަނގަޅު ބަދަލެއް ގެނެސްފަ އެވެ. އެޓީމުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދީ ސެމީ ފައިނަލުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް ފައިނަލުގައި ޗެލްސީގެ މައްޗަށް ކުރި ހޯދައިގެންނެެވެ. އަދި، ލީގުގެ ފަހު ބުރުގައި އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން ވަނީ ލިވަޕޫލް 2-1 ބަލިކޮށްފަ އެވެ. މެޗުގެ ކުރިން އާޓެޓާ ބުނީ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުން މުހިއްމު ކަމަށާއި، އެކަމަކު ދެ ސީޒަން ދޭތެރޭ ލިބުނު ވަގުތު ކުޑަވުމަކީ ގޮންޖެހުމެއް ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ސީޒަނުގެ ފަހުކޮޅު ނުކުޅެވުނު އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯ ވަނީ ފިޓްވެފަ އެވެ. ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ ލެނޯ މިހާރު އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އަދި، މިދިޔަ އަހަރު އާސެނަލަށް ބަދަލުވުމަށް ފަހު ފްރާންސްގެ ސެއިންޓް އެޓިއެންގައި ލޯނު އުސޫލުން ކުޅުމަށް ފަހު 19 އަހަރުގެ ވިިލިއަމް ސަލިބާ މިހާރު ވަނީ އާސެނަލާ އަލުން ގުޅިފަ އެވެ. ބެލެވޭ ގޮތުގައި 19 އަހަރުގެ ފްރާންސްގެ އުއްމީދީ ޑިފެންޑަރު މިރޭގެ މެޗުގައި ކުޅޭނެ އެވެ.

މިއީ އާސެނަލާއި ލިވަޕޫލް ކޮމިއުނިޓީ ޝީލްޑްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. 1979 ވަނަ އަހަރާއި 1989 ވަނަ އަހަރު މި ދެޓީމު ވާދަކުރި ޝީލްޑް މެޗު ކާމިޔާބުކުރީ ލިވަޕޫލެވެ. އެކަމަކު އާސެނަލުން ވަނީ 2002 ވަނަ އަހަރުގެ މެޗުގައި ލިވަޕޫލް 1-0 އިން ބަލިކޮށްފަ އެވެ. ކޮމިއުނިޓީ ޝީލްޑްގައި އާސެނަލުން ކުޅުނު ނުވަ މެޗުގައި ތެެރެއިން ހަތް މެޗު އެޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި އާސެނަލާ ލިވަޕޫލް ވާދަކުރާ ކޮމިއުނިޓީ ޝީލްޑް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *