ބަޔާން ބަލިކުރަން އަހަރެމެން މިތިބީ ތައްޔާރަށް: ޕީއެސްޖީ ކޯޗް

;
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ދެކޮޅަށް ނުކުންނައިރު ޕީއެސްޖީ އޮތީ މެޗުން މޮޅުވާން ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ކުލަބުގެ ކޯޗް ތޯމަސްަ ޓުޝެލް ބުނެފިއެވެ. މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ޕީއެސްޖީ ގެންގޮސްދިން ކޯޗު ބުނީ މިރޭގެ މެޗަށް ނުކުންނައިރު އެޓީމު އޮތީ އިތުބާރާ އެކު ކަމަށެވެ.
“އަހަރެމެންނަށް އެނގޭ މެޗުން މޮޅުވުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަން. އެކަމަކު އަހަރެމެންނަށް އިހްސާސްކުރެވޭ އަހަރެމެންނަށް ފައިނަލަށް އާދެވުނީ ފައިނަލުގެ ޖާގައެއް އަހަރެމެންނަށް ހައްގު ވާތީ ކަން. އަހަރެމެން މި ތިބީ ބަޔާން ބަލިކުރަން ތައްޔާރަށް.” ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ކޯޗްކޮށްދީފައިވާ ޓުޝެލް ބުނެފައިވެ އެވެ.
މިރޭގެ މެޗަށް ޕީއެސްޖީ ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ސެމީ ފައިނަލުގައި ކުޅެވޭގޮތް ނުވި ގޯލްކީޕަރު ކޭލާ ނަވާސް މިރޭގެ މެޗަށް ފިޓްވުމެވެ. ނަވާސް އަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ ސްޕެއިންގެ ރެއާލް މެޑްރިޑް އެންމެ ފަހުން މުބާރާތުގެ ތަށި ތިން ފަހަރުވެސް އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން އެންމެ ފަހުން ޕީއެސްޖީ ކުޅުނު ދެ މެޗުވެސް ގެއްލުނު އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ވެސް މިރޭގެ މެޗުގައި ފެންނާނެ ކަމުގެ އުއްމީދު ޕީއެސްޖީ އަށް ވަރަށް ބޮޑެވެ.
ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްޓަކައި އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ އެއް ކުލަބް ކަމަށްވާ ޕީއެސްޖީން މިރޭގެ މެޗަށް ނުކުންނައިރު އެ ޓީމުގެ ފޯވާޑް ލައިނުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއެން އެމްބާޕޭ އެވެ. 2018 ވަނަ އޮތް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފްރާންސް އަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެމްބާޕޭ ހުރީ ޗެމްޕިއަންސް ލީގުގެ ތަށި މިރޭ ފުރަތަމަ ފަހަރަށް އުފުލާލަން ކެތްމަދުވެފައެވެ.
“މިއީ އަހަރެން މި ކުލަބާއި ގުޅުނު އަސްލު ސަބަބަކީ. އަހަރެން އަބަދުވެސް ބުނާ ވާހަކައެއް އަހަރެން ބޭނުމޭ ފްރާންސްގެ ފުޓްބޯޅައިގެ ހިސްޓްރީ ލިޔަން. މިރޭ އަހަރެންނަށް މި ލިބެނީ އެކަންކުރަން ވަރަށް ރަގަޅު ފުރުސަތެއް.” އުމުރުން 21 އަހަރުގެ އެމްބާޕޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.
“އަހަރެން ޕީއެސްޖީ އާ ގުޅުނު ފަހުން މި މުބާރާތުގައި ވަރަށް ހިތި ތަޖުރިބާތަކެއް ކޮށްފިން. އެކަމަކު މިހާރު މިއޮތީ އަހަރެމެން މުބާރާތުގެ ފައިނަލުގަ. މިއިން އަންގައިދެނީ އެއް އިރެއްގައި ވެސް އަހަރެމެން އުއްމީދު ގެއްލުވައި ނުލާކަން.” އެމްބާޕޭ ބުނުފައިވެއެވެ.
ޕީއެސްޖީ އާއި ބަޔާން މިޔުނިކު ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު އެވެ.
Advertisement


Leave a Reply