އާދަޔާހިލާފް ސީޒަންގެ ފަހު މެޗަށް މުޅި ދުނިޔެ އިންތިޒާރުކުރަނީ

އާދަޔާހިލާފް ސީޒަންގެ ފަހު މެޗަށް މުޅި ދުނިޔެ އިންތިޒާރުކުރަނީ

ޢަބްދުﷲ އަޝްރަފް

މިފަހުގެ ތާރީހެއްގައި ޔޫރަޕް ތަޖްރިބާކުރި އެންމެ ދިގު ފުޓްބޯޅަ ސީޒަން މިރޭ ނިމުމަކަށް އަންނާނެ އެވެ. ކޯވިޑް 19 އާ ގުޅިގެން މިދިޔަ މާޗް މަހު ސީޒަން މެދުކަނޑާލިއިރު އެންމެ ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ ސީޒަން ފުރިހަމަކުރެވިދާނެކަމާ މެދުއެވެ. އޭރު އަދި ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ދެ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުގެ ފުރަތަމަ މަރުހަލާ ނުނިމެ އެވެ. ޔޫރަޕްގެ ލީގުތަކުގެ ބޮޑު ބައެއްވެސް ނުނިމި އޮތެވެ. އަމުދުން ބަލީގެ ނުރައްކާ ކުޑަވާނެ ދުވަހަކާއިމެދުވެސް އޭރު އެންމެން ތިބީ ވާނުވާގައެވެ. އެކަމަކު މި ހުރިހާ ކަމަކާ އެކުވެސް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ހިނދުފުކަކަށްވެސް އުއްމީދު ގެއްލުވައެއް ނުލައެވެ. މުބާރާތްތަކުގެ ޒަމާންވީ ފޯމެޓަށް ބަދަލުގެނެސް ކިތަންމެ ލަހުން ނަމަވެސް  ސީޒަން ނިންމަން އެ އިދާރާ އިން އަމާޒު ހިފި އެވެ. މިރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ވާދަކުރާ ކުރުމަކީ އޭގެ ފޮނި ނަތީޖާ އެވެ.

މިފަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ބަޔާން އާއި ޕީއެސްޖީ ވާދަކުރާ އިރު އެންމެ ހިތަށް އުނދަގޫވާނެ އެއް ކަމަކީ ދަނޑުގައި ސަޕޯޓަރުން ނުތިބުމެވެ. ޕޯޗްގަލްގެ ލިސްބަންގެ އެސްޓާޑިއޯ ޑަ ލޫޒް ސްޓޭޑިއަމްގައި 64 ހާހައަށްވުރެ ގިނަ މީހުންނަށް ވަދެވޭނެ ޖާގަ އޮތް ނަމަވެސް ކޯވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ އެންމެ ޝަރަފްވެރި ކުލަބް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ހަމަ ލޮލުން ބަލައިލުމުގެ ނަސީބު މިފަހަރު ސަޕޯޓަރުންނަށް ނެތީ އެވެ. މިކަމުގެ މާޔޫސްކަން ޔަގީނުންވެސް އެންމެ ބޮޑުވާނީ ޕީއެސްޖީގެ ކުޅުންތެރިންނަށާއި އެ ކުލަބުގެ ސަޕޯޓަރުންނަށެވެ. ޕީއެސްޖީގެ މުޅި ތާރީހުގައިވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ.

ބަޔާން މިޔުނިކަށާއި، އެ ކުލަބުގެ ސަޕޯޓަރުންނަށްވެސް މިރޭގެ މެޗް ވަރަށް ހާއްސަ އެވެ. މިފަހަރުގެ ސީޒަންގެ ޖަރުމަނު ލީގާއި، ޖަރުމަނު ކަޕް ބަޔާން އިން ކާމިޔާބުކޮށްފައިވުމާއެކު މިރެއަކީ ޔޫރަޕްގެ ތަށްޓާއެކު އެ ޓީމަށް އެއް ސީޒަނެއްގައި ތިން ތަށި އުފުލާލަން ދެވަނަ ފަހަރަށް ފުރުސަތު ލިބޭ ރެއަށް ވާނެ އެވެ. އެންމެ ފަހުން ބަޔާން އިން އެއް ސީޒަނެއްގައި ތިން ތަށި އުފުލާލުމުގެ ޝަރަފް ހޯދައިފައިވަނީ 2013 ވަނަ އަހަރު އެވެ.

މިރޭގެ ފައިނަލް މެޗަށް ބަޔާން އާއި ޕީއެސްޖީ ނުކުންނައިރު އެންމެ ގިނަ ބައެއްގެ ފޭވަރިޓަކީ ބަޔާން އެވެ. އޭގެ ސަބަބުތައްވެސް ބައިވަރެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އަދި ބަޔާން މިޔުނިކް ބަލިވެފަ އެއް ނުވެއެވެ. މުބާރާތުގެ ކުއާޓަރ ފައިނަލުން ބަޔާން ޖާގަ ހޯދީ 1-7 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކުން އިނގިރޭސި ކުލަބް ޗެލްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދެން އައީ އެންމެ ގިނަ ބައެއްގެ ހިތް ބަޔާން އަށް ދޫކޮށްލަން މަޖްބޫރުވި މެޗެވެ. 2-8 އިން މުބާރާތުގެ ކުއާޓަރ ފައިނަލްގައި ބާސެލޯނާ ބަލިކުރުމާއެކު މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށްޓަކީ ބަޔާންގެ އެއްޗެއް ކަމަށް ގިނަ ބަޔަކު ނިންމި އެވެ. ސެމީ ގައި ބަޔާން ވާދަކުރީ ފްރާންސްގެ އޮލިމްޕިކް ލިޔޯން އާ އެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ޔުވެންޓަސް އާއި މެންޗެސްޓަރ ސިޓީ ކަޓުވާލުމަށްފަހު ސެމީ ފައިނަލުން ޖާގަ ހޯދި ލިތޯން އިން ސެމީ ގައި އަނެއްކާވެސް ހައިރާންކުރުވަނިވި ނަތީޖާ އެއް ނެރެފާނެ ކަމަށް ބަޔަކު ހީކުރި ނަމަވެސް ބަޔާން އިން އެ މެޗް ވެސް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު އެވެ.

ފުޓްބޯޅަ ބަލާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބަޔާން މިޔުނިކާއި ހިލާފަށް ޕީއެސްޖީން މުބާރާތުގެ ފައިނަލާ ހަމައަށް އައީ ފަސޭހަ މަގަކުންނެވެ. މުބާރާތުގެ  ގަދަ 16 ގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދުމަށްފަހު ކުއާޓަރ ފައިނަލުގައި ޕީއެސްޖީން ވާދަކުރީ މުބާރާތުގެ އެ ހިސާބަށް އަލަށް ދަތުރުކުރި އިޓަލީގެ އެޓަލާންޓާ އާ އެވެ. މެޗްގައި އެޓަލާންޓާ އިން ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް ޕީއެސްޖީން ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެމީހުން ކޮޅަށް އަނބުރާލީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގަ އެވެ. އޭގެ ފަހުން މުބާރާތުގެ ސެމީ ފައިނަލްގައި ޕީއެސްޖީ އަށް ވާދަކުރަންޖެހުނީވެސް އުފެދުނުތާ އެންމެ 11 އަހަރުވީ ކުލަބެއް ކަމަށްވާ ޖަރުމަނުގެ އާރުބީ ލައިޕްޒިގާ އެވެ. އެ މެޗު ޕީއެސްޖީން ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ފައިނަލަށް އައި އިރު ބަޔާން އާއި އަޅާ ބަލާއިރު އެ ޓީމަށް އޮތް އަނެއް އެޑްވާންޓޭޖަކީ ކުޅުންތެރިންނަށް އަރާމުކުރުމަށާއި ފައިނަލަށް ތައްޔާރުވާން އެއް ދުވަސް އިތުރަށް ލިބުނު ކަމެވެ.

ކިތަންމެ ފަސޭހަ މަގަކުން ޕީއެސްޖީ ފައިނަލަށް އައި ކަމުގައި ވިޔަސް އެ ކުލަބަކީ މުބާރާތުގެ ތަށި ކާމިޔާބުކުރެވޭނެ ފެންވަރު ހުރި ޓީމެއް ކަމާއި މެދު ޝައްކުކުރާނެ މީހުން މަދުވާނެ އެވެ. ޕީއެސްޖީގެ ފޯވާޑް ލައިންގައި ތިބި ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ޒުވާން ތަރި ކިލިއެން އެމްބާޕޭގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ ކާމިޔާބުކުރުމުގެ ތަޖުރިބާހުރި އާޖެންޓީނާގެ އަންހެލް ޑި މާރިއާ އަކި ކޮންމެ ވަގުތެއްގައިވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލްކަން ހުރި ކުޅުންތެރިންނެވެ. އަނެއްކޮޅުން ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްޓަކައި އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކޮށްފައިވާ އެއް ކުލަބެވެ. އެހެންކަމުން ފަހަރުގައި މިއީ ޕީއެސްޖީގެ ތަށްޓަކަށްވުންވެސް ދުރެއް ނޫނެވެ.

ބަޔާން މިޔުނިކާއި ޕީއެސްޖީ ވާދަކުރާ ފައިނަލް މެޗް ފަށާނީ ރާއްޖޭގެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.