މިރޭގެ ފައިނަލާ ގުޅިފައިވާ މުހިއްމު ބައެއް ތަފާސްހިސާބް

Advertisement

މިރޭގެ ފައިނަލާ ގުޅިފައިވާ މުހިއްމު ބައެއް ތަފާސްހިސާބް

އައްބާސް

މިރޭ ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަކީ ޔޫރަޕިއަން ކަޕް / ޗެމްޕިއަންސް ލީގުގެ 65 އަހަރުވީ ތާރީހުގައި ޖަރުމަނު ޓީމެއް ފްރާންސް ޓީމަކާ ދެކޮޅަށް ކުޅޭ ދެ ވަނަ ފައިނަލެވެ. މީގެކުރިން މިފަދަ ފައިނަލެއް ފެނިފައިވަނީ 1976 ގަ އެވެ. އެފަހަރު ބަޔާން މިއުނިކް އަތުން 1-0 އިން ބަލިވީ ފްރާންސްގެ ސެއިންޓް އެޓިއެން އެވެ.

މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވުމާއެކު ބަޔާނަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ފައިނަލާ ހަމައަށް ކުރި ދަތުރުގައި ހުރިހާ މެޗެއް ކާމިޔާބުކުރި ދެ ވަނަ ޓީމެވެ. އަނެއް ޓީމަކީ 1992/1993 ގެ ސީޒަނުގެ ފައިނަލް ކުޅުނު އޭސީ މިލާނެވެ.  އެކަމަކު ފައިނަލުގައި ފްރާންސްގެ އޮލިމްޕިކް މާސޭ އަތުން މިލާން ބަލިވީ އެވެ.

Advertisement

މި މުބާރާތުގައި ބަޔާން ޓީމުގެ ރޮބާޓް ލެވަންޑޮސްކީ ވަނީ ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހައިފަ އެވެ. މި ރެކޯޑް ހާސިލްކޮށްފައިވާ އަނެއް ދެ ކުޅުންތެރިންނަކީ 2018 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ (11 މެޗް) އަދި 2003 ގައި ރޫޑް ވަން ނިސްޓެލްރޫއީ (9 މެޗް) އެވެ.

ބަޔާންގެ ފޯވާޑް ލެވަންޑޮސްކީ. ޕީއެސްޖީ އަށް ނުރައްކާ ކުރާނެ

ހަމަ މިމުބާރާތުގައި ބަޔާންގެ ސާޖް ގްނަބްރީ ޖެހި ނުވަ ލަނޑަކީ އެއް މުބާރާތެއްގައި ޖަރުމަނުގެ ކުޅުންތެރިއަކު ދެ ވަނައަށް އެންމެ ގިނައިން ޖެހި ގޯލެވެ. ގްނަބްރީ އަށްވުރެ ގިނައިން ލަނޑު ޖަހާފައި ވަނީ 2011/2012 ސީޒަނުގައި 12 ލަނޑު ޖެހި މާރިއޯ ގޯމޭޒެވެ.

މިމުބާރާތުގެ ފައިނަލަށް ބަޔާން އާއި ޕީއެސްޖީ ދަތުރުކުރުމާއެކު ސީޒަނުގެ ތިން ތަށި (ޔޫރަޕިއަން ޓްރެބްލް) ނުވަ ފަހަރަށް ކްލަބަކުން ހާސިލްކުރާނެކަން ޔަގީންވީ އެވެ. މި ދެޓީމު ވެސް ވަނީ މިސީޒަނުގައި ލީގާއި ލީގު ކަޕް (ޑޮމެސްޓިކް ޑަބަލް) ހޯދާފަ އެވެ. ބަޔާން މިއުނިކުން ވަނީ 2012/2013 ގައި ޔޫރަޕިއަން ޓްރެބްލް ކާމިޔާބުކޮށްފަ އެވެ. އެހެންވީމާ މިފަހަރުގެ ފައިނަލްގައި އެމީހުން ޕީއެސްޖީ ބަލިކޮށްފިނަމަ އެޝަރަފު ދެ ވަނަ ފަހަރަށް ހާސިލްކުރި ދެ ވަނަ ކްލަބަށް އެޓީމު ވާނެ އެވެ. އެ ކާމިޔާބީ މިހާތަނަށް ދެފަހަރު ހާސިލްކޮށްފައިވަނީ ހަމައެކަނި ސްޕެއިންގެ ބާސެލޯނާއެވެ.

މިރޭ ބަޔާން މިއުނިކް ކުޅޭ ފައިނަލަކީ ޗެމްޕިއަންސް ލީގުގައި އެމީހުންގެ 11 ވަނަ ފައިނަލެވެ. މިއަދަދަށް ފައިނަލް ކުޅެފައިވާ އަނެއް ޓީމަކީ އޭސީ މިލާނެވެ. މި މުބާރާތުގެ ފައިނަލް ގައި އެއަށްވުރެ ގިނައިން ކުޅެފައިވަނީ 16 ފައިނަލް ކުޅެފައިވާ ރެއާލް މެޑްރިޑެވެ.

މި މުބާރާތުގައި ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޮސްކީ ޖަހާފައިވާ 15 ލަނޑަކީ ތިން ވަނަ އަށް އެއް ސީޒަނުގައި އެންމެ ގިނައިން ލަނޑު ޖަހާފައިވާ އަދަދެވެ. މިއަދަދަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ލަނޑު ޖަހާފައިވެ އެވެ. މިއަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ ދެފަހަރެވެ. އެއީ 16 ލަނޑާއި 17 ލަނޑެވެ. މި ދެރެކޯޑް ވެސް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގަ އެވެ. އެހެންވީމާ ލެވަންޑޮސްކީ ވެފައިވަނީ މި މުބާރާތުގައި އެއް ސީޒަނުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. މި ރެކޯޑް އަމިއްލަކުރަން ލެވަންޑޮސްކީ އަށް ޖެހޭނީ ފައިނަލްގައި ހެޓްރިކް ހަދާށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ކޮރޯނޯ ވައިރަހާހެދި މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލުގެ ސަބަބުން މި މުބާރާތުގައި ލެވަންޑޮސްކީއަށް ދެ މެޗް ގެއްލިފައިވާކަމެވެ.

ނޭމާ (ކ) އާއި އެމްބާޕޭ. ޕީއެސްޖީން ބޮޑު ހަރަދުކޮށް ކުޅުންތެރިން ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން

މި މުބާރާތުގައި ލެވަންޑޮސްކީ (15) އާއި ގްނަބްރީ (9) ގެ ޖުމްލަ 24 ލަނޑަކީ އެއް ސީޒަނެއްގައި އެއް ޓީމެއްގެ ދެކުޅުންތެރިންގެ އެންމެ މަތީ ޖުމްލަ ސްކޯ އެވެ. މީގެކުރިން މިރެކޯޑް އޮންނަނީ ކްރިސްޓިއާނޯ ރޮނާލްޑޯ (17) އާއި ގެރެތު ބޭލް (6) އަތުގަ އެވެ. މި 23 ލަނޑު ފެނިފައިވަނީ 2013/2014 ސީޒަނުގަ އެވެ.

ފައިނަލަށް ނުކުންނައިރު ބަޔާން މިއުނިކް ވަނީ ބަލިނުވެ 29 މެޗު ފުރިހަމަކޮށްފަ އެވެ. އެ 29 މެޗުގެ ތެރެއިން އެއްވަރުވެގެން ނިމުނީ އެންމެ މެޗެކެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މި ވާދަކުރަނީ މުބާރާތުގެ އެޓޭކް އެންމެ ވަރުގަދަ ޓީމާއި ޑިފެންސް އެންމެ ވަރުގަދަ ޓީމެވެ. މި މުބާރާތުގައި މިހާތަނަށް ބަޔާން މިއުނިކުން 42 ލަނޑު ޖަހާފައިވާއިރު ޕީއެސްޖީ ކޮޅަށް ވަދެފައިވަނީ އެންމެ 5 ލަނޑެވެ. އަދި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހަތް މެޗް ފުރިހަމަކޮށްފައިވެ އެވެ. އެހެންކަމަށް ވުމާއެކު މިފަހަރުގެ މިފައިނަލަކީ ހުރިހާގޮތަކުންވެސް ވާދަވެރި ފައިނަލަކަށް ވާނެކަމަށް ބަލަމާ ހިނގާށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *