ސެވިއްޔާ ހަވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

Advertisement

ސެވިއްޔާ ހަވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ޢަބްދުﷲ އަޝްރަފް

ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޭ އިޓަލީގެ އިންޓަރ މިލާން ބަލިކޮށް ސްޕެއިންގެ ސެވިއްޔާ އިން މުބާރާތުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ހޯދައިފި އެވެ. ޖަރުމަނުގެ ކޮލޯންގައި ކުޅުނު މި މެޗު ސެވިއްޔާ އިން ކާމިޔާބުކުރީ 2-3 އިންނެވެ.

ޔޫރޮޕާ ލީގުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ސެވިއްޔާ މި މުބާރާތް ހަވަނަ ފަހަރަށް ކާމިޔާބުކުރި އިރު އެ ޓީމު މުބާރާތުގައި މިހާތަނަށް ކުޅެފައި ވަނީ ވެސް ހަ ފައިނަލެވެ. އަނެއް ކޮޅުން އިންޓަރ މިލާން ރޭގެ މެޗަށް ނުކުތީ އެ ޓީމަށް ނުވަ އަހަރު ވަންދެން ތަށްޓެއް ނުލިބި އޮތް އޮތުން ނިމުމަކަށް ގެންނާށެވެ. އެކަމަކު 2011 ވަނަ އަހަރު ކޮޕާ އިޓާލިއާ އުފުލާލި ފަހުން ތަށްޓަކަށް އެ ޓީމުން ކުރަމުން އައި އިންތިޒާރު ސެވިއްޔާ އަތުން ހަނިގޮތަކަށް ރޭ ބަލިވުމާއެކު މިވަނީ ދިގުލައިފަ އެވެ.

ސެވިއްޔާ އިން ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފައިވީ ނަމަވެސް މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމަކީ ވަރަށް އާ ޓީމެކެވެ. މިދިޔަ އަހަރު ސެވިއްޔާގެ ކޯޗުކަމުގެ މަގާމާއި އަލަށް ހަވާލުވި ހޫލެން ލޮޕެޓީގްގެ އިރުޝާދުގެ ދަށުން ރޭ މުބާރާތުގެ ފައިނަލް މެޗަށް ނުކުތް ފުރަތަމަ 11 ގައި ހިމެނުނު ނުވަ ކުޅުންތެރިންނަކީ މި ސީޒަނުގައި އަލަށް އެ ޓީމަށް ކުޅެން ފެށި ކުޅުންތެރިންނެވެ. އަނެއްކޮޅުން އިންޓަރ މިލާން ވެސް މިފަހަރުގެ ސީޒަނަށް ކުރިމަތިލީ އާ ކޯޗަކާއި އެކު ޓީމަށް ގިނަ ކުޅުންތެރިންތަކެއް އިތުރުކޮށްގެންނެވެ. ކުރިން އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސް ކޯޗެއްގެ ގޮތުން މަސައްކަތްކުރި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ރޭ ނުކުތް އިންޓަރ މިލާންގެ ޓީމުގައި މިދިޔަ ސީޒަނުގައި އިނގިރޭސި ލީގުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ކުޅެފައިވެ އެވެ.

ރޭ ސެވިއްޔާ އާއި އިންޓަރ ބައްދަލުކުރި ފައިނަލް މެޗު ސެވިއްޔާ އިން ކާމިޔާބުކުރި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އިންޓަރ އިންނެވެ. ސެވިއްޔާގެ ޑިފެންޑަރ ޑިއެގޯ ކާލޯސް އިންޓަރ މިލާންގެ ފޯވާޑް ރޮމޭލޫ ލުކާކޫ އަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ފަސް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން އިންޓަރ އަށް ލީޑް ހޯދައިދިނީ ލުކާކޫ އެވެ. މިއީ މި މުބާރާތުގައި ޖެހިޖެހިގެން ލުކާކޫ ގޯލްޖެހި 11 ވަނަ މެޗެވެ. އަދި މިއީ މި ސީޒަނުގައި އިންޓަރ އަށް އޭނާ ޖަހައިދިން 34 ވަނަ ގޯލެވެ. މިއާއެކު އިންޓަރ މިލާނަށް ކުޅުނު ފުރަތަމަ ސީޒަނުގައި އެންމެ ގިނަ ގޯލް ޖަހައިގެން ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ރޮނާލްޑޯ ހެދި ރެކާޑާއި ލުކާކާކޫ އަށް އަރައި ހަމަކުރެވުނީ އެވެ.

އިންޓަރ އިން މެޗުގެ ވަރަށް ކުރީ ކޮޅު ލީޑް ނެގި ނަމަވެސް ސެވިއްޔާ އިން ވަރުގަދަ އަށް ކުޅެ ބައިގަޑިއެއްހާއިރުގެ ތެރޭގައި ނަތީޖާ އެމީހުންގެ ކޮޅަށް އަނބުރާލި އެވެ. މެޗުގެ 12 ވަނަ މިނެޓްގަ އާއި 33 ވަނަ މިނެޓްގައި ސެވިއްޔާ އިން ލަނޑު ޖަހާފައިވާއިރު މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނެދަލޭންޑްސްގެ ފޯވާޑް ލޫކް ޑި ޔޮންގް އެވެ. އެކަމަކު ސެވިއްޔާ އަށް ލީޑްގައި ހިފަހައްޓާލެވުނީ އެންމެ ދެ މިނެޓެއް ހާއިރު އެވެ. މެޗުގެ 35 ވަނަ މިނެޓްގައި އިންޓަރ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު ޑިއެގޯ ގޮޑިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ފޯރިގަދަ ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ ފަހު ހާފުގައި ފެނުނީ އެއާ އެއްވަރަށް ދެ ޓީމަށްވެސް ލޮނު ހެޔޮވަރު ކޮށް ނުލެވުނު ތަނެވެ. މެޗުގައި ސެވިއްޔާ އިން ކާމިޔާބުކުރި ފަހު ލަނޑަކީވެސް ހީނުކުރާ ކަހަލަ ގޮތަކަށް އިންޓަރ ގެ ގޯލަށް ވަތް ލަނޑެކެވެ. މެޗުގެ 74 ވަނަ މިނެޓްގައި ސެވިއްޔާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިއެގޯ ކާލޯސް އޯވަރ ހެޑަށް ޖެހި ބޯޅަ އެއް ގޯލާ އަމާޒު ނުވެ ބޭރަށް މިސްރާބު ޖަހައިފައި ވަނިކޮށް އެ ބޯޅައިގެ މިސްރާބު ބަދަލުވެ އިންޓަރ ގެ ގޯލަށް ވަނީ ލުކާކޫ އެ ބޯޅައިގައި ފައިން ޖެއްސުމުންނެވެ.

ޔޫރޮޕާ ލީގު ރޭ ނިމުމުން މިފަހަރުގެ ޔޫރަޕްގެ ފުޓްބޯޅަ ސީޒަނުގައި ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މާދަމާ ރޭ ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ. މާދަމާ ރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު ފަށާ މި މެޗުގައި ވާދަކުރާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *