ނުވަ އަހަރުގެ މާޔޫސްކަން ފުހެލަން އިންޓަ އިން ރަސްގެފާނާ ދެކޮޅަށް ނުކުންނަނީ

Advertisement

ނުވަ އަހަރުގެ މާޔޫސްކަން ފުހެލަން އިންޓަ އިން ރަސްގެފާނާ ދެކޮޅަށް ނުކުންނަނީ

ޢަލީ ޝަހީމް

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލަން ޖެހުނު ޔޫރަޕްގެ މިފަހަރުގެ ފުޓްބޯޅަ ސީޒަން ވެގެން މިދަނީ މިއިން ދުވަހަކުވެސް ކްލަބްތަކުން ތަޖްރިބާކޮށްފައި ނުވާ ވަރުގެ ދިގު ސީޒަނަކަށެވެ. މީގެ އިތުރުން ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި އެކު ސީޒަންގެ ބާކީ ބައި އަލުން ފަށަން ޖެހުނީ އެތައް ކަމެއް ބަދަލުކޮށްގެންނެވެ. މެޗްތައް ކުޅެންޖެހުނީ ސަޕޯޓަރުން ނުވައްދަ އެވެ. ބޮޑެތި މުބާރާތްތަކުގެ ފޯމެޓަށް ބަދަލު ގެންނަން ޖެހުނެވެ. އެކަމަކުވެސް ޔޫރަޕްގެ ގިނަ ގައުމު ތަކުން ބޭނުންވީ ކޮންމެ ހާލެއްގައިވެސް ސީޒަން ފުރިހަމަ ކުރާށެވެ. މިހާރު މިއޮތީ ޔޫރަޕްގެ ހުރިހާ ލީގެއްގެ ކުޅުން ނިމި ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ދެ މުބާރާތުގެ ފައިނަލާއި ހަމައަށް އައިސްފަ އެވެ. މި ރެއަކީ އޭގެ ތެރެއިން ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލް ކުޅޭ ރެ އެވެ.

މިނީ މުބާރާތެއްގެ ގޮތުގައި ޖަރުމަނުގައި ކުރިއަށްދާ ޔޫރޮޕާ ލީގުގެ ފައިނަލުގެ ވާދަކުރާނީ އިޓަލީގެ އިންޓަ މިލާނާއި ސްޕެއިންގެ ސެވިއްޔާ އެވެ. މި ދެޓީމުގެ ތެރެއިން އިންޓަ އިން މިރޭ ނުކުންނަނީ ތައްޓެއް ނުލިބި ކުރަމުންދާ ނުވަ އަހަރުގެ އިންތިޒާރަށް ނިމުން ގެންނާށެވެ. އެޓީމު މިރޭ ވާދަކުރާ ސެވިއްޔާ އަކީ މުބާރާތުގެ ރަސްގެފާނެވެ. ޔޫރޮޕާ ލީގު ތައާރަފްވި ފަހުން ޖެހިޖެހިގެން ތިން ސީޒަނުގައި ޗެމްޕިއަންކަން ހޯދައި ސެވިއްޔާ ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށްވެފަ އެވެ. ޔޫރޮޕާ ލީގުގެ ތިން ތަށީގެ އިތުރުން ސެވިއްޔާ އިން ވަނީ ޔޫއެފާ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން މިރޭގެ މެޗު ސިފަކުރެވެނީ ނުވަ އަހަރުގެ މާޔޫސްކަން ފިލުވާލަން އިންޓަ އިން ޔޫރަޕާ ލީގުގެ ރަސްގެފާނާ ދެކޮޅަށް ނުކުންނަ މެޗެއްގެ ގޮތުގަ އެވެ.

ދިގު އިންތިޒާރަށް ނިމުން ގެންނަން އިންޓަ އުއްމިދުގައި

އެންޓޯނިއޯ ކޮންޓޭގެ ކޯޗަކަށް ހަމަޖައްސައި އިންޓަ މިލާން މި ސީޒަނަށް ތައްޔާރުވީ އިޓާލިއަން ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަނގަޅު ހިސާބަކަށް ދިއުމަށެވެ. އެކަމަކު ޕޮއިންޓެއްގެ ތަފާތުން އިޓަލީ ލީގު އެޓީމަށް ގެއްލި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި އެޓީމަށް ނުދެވުމުން ޓީމަށް މާޔޫސްކަން ލިބުނެވެ. ސީޒަނުގައި އެއް ފެންވަރެއްގައި ނުކުޅެވި މުހިއްމު ދެ ތަށި ގެއްލުމުން އެޓީމުން އަމާޒުހިފާފައި ވަނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަމަށެވެ. ޔޫރޮޕާ ލީގުން އިންޓަ އަށް ފުރުސަތު ލިބުނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ފަހަތުން ތިން ވަނައިގައި ނިންމާލަން ޖެހުމުންނެވެ.

“މި ސީޒަނުގައި ރަނގަޅު ކަންތައްތަކެއް ވެއްޖެ. ޓީމަށް ރަނގަޅު ބަދަލުތަކެއް ގެނެވި ބޮޑު ކުރިއެރުމެއް ހޯދިއްޖެ. ކުދިކުދި ގޯސްތަކެއް ހެދި ޗެމްޕިއަންސް ލީގުގެ އަނެއް ބުރަށް ނުދެވުނަސް އަހަރެމެންނަށް ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކުރެވިއްޖެ. މި ޓީމުގައި ތިބި ޒުވާން ތަޖުރިބާ މަދު ކުޅުންތެރިންނަށް ޔޫރޮޕާ ލީގުގެ މި ދަތުރު ވަރަށް މުހިއްމު” އިންޓަގެ މުޅި ސީޒަނާ ގުޅޭގޮތުން ވާހަކަދައްކަމުން ކޮންޓޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް ޔޫރޮޕާ ލީގުގެ ފައިނަލާ ހަމައަށް އެޓީމު ދަތުރުކުރީ ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. ސެމީ ފައިނަލުގައި އެޓީމު ވަނީ 5-0 ގެ ބޮޑު ތަފާތަކުން ޔޫކްރެއިންގެ ޝަކްތާ ޑޮނެސްކް ބަލިކޮށްފަ އެވެ.

އިންޓަ އަށް އެންމެ ފަހުން ލިބުނު ކާމިޔާބީއަކީ 11-2010 ވަނަ ސީޒަނުގެ ކޮޕަ އިޓަލިއާ އެވެ. އޭގެފަހުން އެޓީމަށް ތައްޓާ ހަމައަށް ދެވިފައިނުވާއިރު ކްލަބްގެ ހާލަތު ވެސް މިދިޔަ އަހަރުތަކުގައި ފެނުނީ ދަށްކޮށެވެ. އެހެންނަމަވެސް ކޮންޓޭ ހަވާލުވުމަށް ފަހު ވަރުގަދަ ކުޅުންތެރިން ހޯދައި ލީގު ހޯދޭނެ ފެންވަރުގެ ޓީމެއް ބިނާކުރި އެވެ. ކޮންޓޭ ސޮއި ހޯދި ކުޅުންތެރިންގެ ތެރެއިން މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން ދަނީ މެންޗެސްޓަރ ޔުނައިޓެޑުން އެ ކްލަބަށް ބަދަލުވި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މި ސީޒަނުގައި އިންޓަ އަށް 33 ލަނޑު ލުކާކޫ ޖަހައިދީފައިވާއިރު އޭނާ ވަނީ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތައް ހިމަނައިގެން ޔޫރޮޕާ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

“މެޗު ވަރަށް އުނދަގޫ ވާނެ. އަހަރެމެން ކުޅެން މި ޖެހެނީ މި މުބާރާތުގެ އެންމެ ތަޖުރިބާ ބޮޑު އަދި މިދިޔަ 10 އަހަރުތެރޭ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމާ. ފައިނަލަށް ހޮވޭނީ އެންމެ މޮޅު ދެ ޓީމު. އަހަރެމެން ބަލާނީ ކުރިން މެޗުތަކުގެ ކުޅުން ތަކުރާރުކޮށް ނަތީޖާ ނެރެން” ކުރިން ޗެލްސީއާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ކޮންޓޭ ފައިނަލް މެޗުގެ ކުރިން ބުންޏެވެ.

ޔޫއެފާ ކަޕް / ޔޫރޮޕާ ލީގުގެ ތާރީހުގައި ހަތަރު ފައިނަލް ކުޅެ އިންޓަ ވަނީ ތިން ތަށި ކާމިޔާބުކޮށްފަ އެވެ. އެޓީމު މި ހަތަރު ފައިނަލް ވެސް ކުޅުނީ ނުވަދިހައިގެ އަހަރުތަކުގަ އެވެ. ފައިނަލުގައި އެޓީމު ބަލިވީ 1997 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ޝާލްކޭ އަތުންނެވެ.

ތާރީހް ބުރަވަނީ ސެވިއްޔާ ކޮޅަށް

މުބާރާތުގެ ތާރީހުގައި ކުޅުނު ފަސް ފައިނަލް ވެސް ކާމިޔާބުކޮށް ސެވިއްޔާ ފައިނަލަށް ނުކުންނަނީ އިތުބާރާ އެކު އެވެ. ޔޫއެފާ ކަޕްގެ ފުރަތަމަ ދެ މުބާރާތް އެޓީމު ކާމިޔާބުކުރީ 2006 އަދި 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން އާ ފޯމެޓްގައި އެޓީމުން ވަނީ 2014، 2015 އަދި 2016 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

ފައިނަލަށް ނުކުންނައިރު ސެވިއްޔާގެ ރެކޯޑް ރަނގަޅެވެ. ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު މެޗަކުން ބަލިވި ފަހުން ބަލިނުވެ އެޓީމުން ވަނީ 20 މެޗު ހަމަކޮށްފަ އެވެ. މި 20 މެޗުގެ ތެރެއިން އެޓީމު ވަނީ 11 މެޗުން މޮޅުވެ ނުވަ މެޗު އެއްވަރުކޮށްފަ އެވެ. މުބާރާތުގެ ކާމިޔާބީ އާއި އެންމެ ފަހުގެ ރެކޯޑަށް ބަލާނަމަ މިރޭގެ މެޗުގައި ސެވިއްޔާ އަށް ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެކަމަކު އެޓީމުގެ ކޯޗު ހޫލެން ލޮޕެޓެގީ ބުނީ އެއިން އެއްވެސް ކަމެއް މިރޭގެ މެޗުގެ ނަތީޖާއާ ގުޅުމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ސެވިއްޔާ އިން ޔޫރޮޕާ ލީގުގެ ތަށި އުފުލާލަނީ. މުބާރާތުގައި ކުޅުނު ފަސް ފައިނަލް ވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައި

“މިހާރު ސެވިއްޔާ މިއޮތީ އެއްކޮށް ބަދަލުވެފަ. އާ ކުޅުންތެރިންތަކަކާ އާ މެނޭޖަރެއް. އެހެންވީމަ އަހަރެންނަށް ގަބޫލެއް ނުކުރެވޭ ކުރީގެ ކާމިޔާބީ އަކީ މިރޭ އެޑްވާންޓޭޖަކަށް ވާނެ ކަމަކަށް” ލޮޕެޓެގީ ބުންޏެވެ.

ލޮޕެޓެގީ ބުނީ އިންޓަ ޗެމްޕިއަންސް ލީގުގައި ވާދަކޮށް ޔޫރޮޕާ ލީގަށް އައުމުން އެޓީމުގެ ތަޖުރިބާ ބޮޑުވާނެ ކަމަށާއި ހުރިހާ ދިމާއަކުން ވެސް އިންޓަ ވަރުގަދަ ކަމަށެވެ.

“އެޓީމުގަ ހުރީ ދުނިޔޭގެ މޮޅެތި ޓީމުތަކަށް އިރުޝާދުދީފައިވާ ތަޖުރިބާހުރި ކޯޗެއް. ޔަގީނުން ވެސް މި މެޗު ވާނީ ވަރަށް ފެންވަރު ރަނގަޅު މެޗަކަށް. އަހަރެމެން މަސައްކަތްކުރާނަން ވީ އެންމެ ރަނގަޅަކަށް ތައްޔާރުވެ އިންޓައާ ރަނގަޅު ވާދައެއް ކުރަން” ސެވިއްޔާގެ ކާމިޔާބީ ތަކުރާރުކުރަން އަމާޒު ހިފާފައިވާ ކޯޗު ބުންޏެވެ.

ސެވިއްޔާގެ ކޯޗު ލޮޕެޓެގީ އަށް އަދި މިހާތަނަށް ކޯޗިން ކެރިއަރުގައި ތައްޓެއް ލިބިފައެއްނުވެ އެވެ. ލޮޕެޓެގީ މީގެ ކުރިން ކޯޗުކަން ކޮށްދީފައިވާ ޓީމުތަކުގެ ތެރޭގައި ރަޔޯ ވަޔެކާނޯ އާއި ޕޯޓީ، ސްޕެއިން އަދި ރެއާލް މެޑްރިޑް ހިމެނެ އެވެ.

މިއީ ޔޫރަޕްގެ މުބާރާތެއްގައި ސެވިއްޔާ އާއި އިންޓަ ވާދަކުރާ ފުރަތަމަ ފަހަރެވެ. އިންޓަ އާއި ސެވިއްޔާ ވާދަކުރާ ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ މެންދަމު 12 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *