މެގުއާ އާއި ބަޔާންގެ ފުރަތަމަ 11: އަގާއި ނަތީޖާ ނުބައްދަލު
މި ސީޒަންގެ ޖަރުމަނު ލީގާއި، ޖަރުމަނު ކަޕް ކާމިޔާބުކުރުމަށްފަހު މިހާރު ކުރިއަށްދާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފައިވާ ބަޔާން މިއުނިކްގެ ޓީމާމެދު އަޖައިބުވާން ޖެހެނީ ހަމައެކަނި އެމީހުންގެ މޮޅު ކުޅުމާމެދަކުއެއް ނޫނެވެ. ކުއާޓަރ ފައިނަލުގައި ބާސެލޯނާ ބޮޑު ތަފާތަކުން ބަލިކޮށް އަދި ސެމީގައި ސާޖް ގެނެބްރީ ޖެހި 2 ގޯލާއެކު ފުރާންސްގެ އޮލިމްޕިކް ލިޔޯން 3-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލަށް ރޭ ބަޔާން ދަތުރުކޮށްފައިވާއިރު އެޓީމުގެ ފެންވަރާމެދު ސުވާލެއް އުފައްދާނެ މީހަކު ހުންނާނެ ހެނެއް ހިޔެއްނުވެއެވެ. އެކަމަކު މިފަހަރު ކުޅުންތެރިންގެ ކުޅުމާމެދު ވާހަކަދެއްކުމުގެ ބަދަލުގައި އެކުޅުންތެރިންގެ އަގާއި މެދު އެއްޗެއް ބުނެލާނަމެވެ. އެއީ އެޓީމުގެ ފުރަތަމަ 11 ގެ ޖުމްލަ ޓްރާންސްފަރ އަގަކީ ބޮޑު އަގުގައި ކުލަބުތަކުން ގަނެފައިވާ ވަކިވަކި ކުޅުންތެރިންގެ އަގުތަކާއި އަޅާ ބަލާއިރު ހައިރާންވެ އަންތަރީސްވާންޖެހޭފަދަ އަގަކަށް ވުމުންނެވެ.
ޓްރާންސްފަރ ބާޒާރުގެ އަގުތަކަށް ބަލާލާއިރު ބުދަ ދުވަހުގެ ރޭ އޮތް ސެމީ ފައިނަލް މެޗުގައި ބަޔާން މިއުނިކުން ލިޔޯންއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 ގެ ޖުމްލަ އަގަކީ 90 މިލިއަން ޕައުންޑެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އަގެއް ދީގެން ގެނެސްފައި ހުރި ކުޅުންތެރިއަކީ 29 މިލިއަން ޕައުންޑް ހޭދަކޮށްގެން ގެނައި ގޯލްކީޕަރ މެނުއަލް ނޯޔާ އެވެ. ތިއާގޯ އަލްކަންޓާރާގެ އަގަކީ 22.5 މިލިއަން ޕައުންޑެވެ. އެއް ސީޒަނެއްގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލް ޖަހައިގެން ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ 17 ގޯލްގެ ރެކޯޑާއި ދާދި ގާތުގައި ހުރި ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޮސްކީ އާއި ޓީމުގެ އަނެއް ފޯވާޑް ތޯމަސް މުލާ ބަޔާން އާ ގުޅިފައިވަނީ ފްރީ ޓްރާންސްފަރގައެވެ. ބާސެލޯނާ މެޗްގައި އާދާޔާ ޚިލާފު މޮޅު ކުޅުމެއް ދެއްކި ޒުވާން ޑިފެންޑަރ އަލްފޮންސޯ ޑޭވީސްގެ އަގަކީ އެންމެ 9 މިލިއަން ޕައުންޑެވެ. ލިޔޯން ކޮޅަށް ރޭ ޖެހި ދެ ގޯލާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ނުވަ ގޯލް ޖަހައިފައިވާ އުމުރުން 25 އަހަރުގެ ގެނެބްރީގެ އަގަކީ އެންމެ 7.2 މިލިއަން ޕައުންޑެވެ.
ލިޔޯން އާ ދެކޮޅަށް ބަޔާން އިން ނެރުނު 11 ކުޅުންތެރިންގެ ޖުމްލަ އަގު 90 މިލިއަން ގައި ހުރި އިރު އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން އިނގިރޭސި ޑިފެންޑަރ ހެރީ މެގުއާ ގެނައީ ލެސްޓަރ ސިޓީއަށް 80 މިލިއަން ޕައުންޑް ދީފައެވެ. އެކަމަކު މެގުއާ ގެނައިފަހުން ކުޅުނު ސީޒަން މެންޗެސްޓަރ ޔުނައިޓެޑް ނިންމާލީ ހުސްއަތާ އެވެ.
ބަޔާން މިޔުނިކުން އެންމެ 90 މިލިއަން ޕައުންޑްގެ އަގުހުރި ފުރަތަމަ 11 އެއް ނެރެގެން ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު އެއަށްވުރެ ބޮޑު ހަރަދުކޮށްގެން ނެރުނު ޓީމުތައް އަމިއްލަ ގައުމުގެ ލީގުގައި ހިފަހައްޓާ ނުލެވި މި ސީޒަނުގައި ރެލިގޭޓްވެފައި ވެސް އެބަހުއްޓެވެ. އަނެއްކާވެސް ކުޅުންތެރިން ބޮޑު އަގުގައި ގެންނަ ޕްރިމިއާ ލީގުން މިސާލެއް ނަގާނަމެވެ. މިފަހަރުގެ ސީޒަނުގައި ޕްރިމިއަރ ލީގުން ރެލިގޭޓްވި ޓީމްތަކުގެ ތެރޭގައި ހިމެނޭ ވަޓްފޯޑުން ލީގުގެ އެންމެ ފަހު މެޗުގައި އާސެނަލް އާ ދެކޮޅަށް ނެރުނު ފުރަތަމަ 11 ގެ ޖުމްލަ އަގަކީ 103 މިލިއަން ޕައުންޑެވެ. މެޗުން މޮޅުވެގެން ނޫން ގޮތަކަށް އަމިއްލަ ބާރުގައި ރެލިގޭޝަނުން ސަލާމަތްވެވެން ނެތް ހާލަތުގައި ވަޓްފޯޑުން އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވީ 2-3 އިންނެވެ.
ބަޔާން މިއުނިކްގެ ފުރަތަމަ 11 ގެ އަގު އެހާބޮޑު ނޫނަސް އެޓީމުގެ ބެންޗުގައި ބުދަ ދުވަހުގެ ރޭ ތިބި ކުޅުންތެރިންގެ އަގު އަގު ފުރަތަމަ 11 ގެ އަގަށްވުރެ ބޮޑުކަން ފާހަގަކުރެވެއެވެ. ބެންޗުގަ ތިބި ކުޅުންތެރިންގެ ތެރޭގައި އެޓީމުން އެންމެ ބޮޑު ޚަރަދެއްކޮށްގެން ގެނައި ހަތަރު ކުޅުންތެރިން ހިމެނެއެވެ. އެއީ ލޫކަސް ހެނާންޑޭޒް (72 މިލިއަން)، ބެންޔަމިން ޕަވާޑް (31 މިލިއަން)، ހަވިއޭ މާޓިނޭޒް (36 މިލިއަން) އަދި ކޮރިންޓެން ޓޮލީސޯ (37.35 މިލިއަން) އެވެ. މި ހަތަރު ކުޅުންތެރިންގެ އަގުވެސް އެޓީމުގެ ފުރަތަމަ 11 ގެ އަގަށްވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑެވެ.
ބަޔާންގެ ބެންޗާއިއެކު އެޓީމުގައި ހިމެނޭ 23 ކުޅުންތެރިންގެ މުޅި ސްކޮޑްގެ އަގު އުޅެނީ 330 މިލިއަން ޕައުންޑްގައެވެ. މި ޖުމްލަ އަގަކީ އާދިއްތަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަޔާންއާ ދެކޮޅަށް ނިކުންނަ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ އެންމެ އަގުބޮޑު ދެ ކުޅުންތެރިންކަމަށްވާ ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ކިލިއަން އެމްބާޕޭގެ ޖުމްލަ އަގަށްވުރެ ކުޑައަގެއްކަން ފާހަގަކޮށްލެވެއެވެ. ނޭމާ އާއި އެމްބާޕޭ ހޯދުމަށް ޕީއެސްޖީއިން ވަނީ 331 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.
ޕީއެސްޖީއިން އެތައް މިލިއަނެއް ޚަރަދުކޮށްގެން ޓީމު ވަރުގަދަ ކުރުމުގެ މައިގަނޑު މަގުސަދަކީވެސް ޗެމްޕިއަންސް ލީގު ހޯދުމެވެ. އެކަން ހާސިލްކުރުމަށް ޕީއެސްޖީއިން އެވަނީ ފިޔަވަޅަކާއި ގާތަށް ޖެހިލައިފައެވެ. އެޓީމުގެ ތާރީހު ގައިވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރާއިރު އެޓީމާއި ތަށްޓާއި ދެމެދު ހުރަސް އަޅަން ނިކުންނަ 11 އަކީ އަގުގެ ގޮތުން ޕީއެސްޖީއަށްވުރެ އެތައް ގުނައެއް ކުޑަ އެހެންނަމަވެސް މިފަހަރުގެ މުބާރާތުގެ ހޮޓް ފޭވަރިޓުންގެ ގޮތުގައި އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ ޓީމެވެ. ވާގޮތެއް ބަލަން އިންތިޒާރުގައި ތިބެމާ ހިނގާށެވެ.
Advertisement
Leave a Reply