ހުޅޫދޫ އާއި އަލިފުށި ޓާފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Advertisement

ހުޅޫދޫ އާއި އަލިފުށި ޓާފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

ޢަލީ ޝަހީމް

ސަރުކާރުގެ ވައުދާ އެއްގޮތަށް އަތޮޅު ތެރޭގެ ރަށްރަށުގައި ތަރައްގީކުރާ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން އައްޑޫ ސިޓީ ހުޅުދޫގައި ހަދާ ފުޓްބޯޅަ ދަނޑު އެއްވަރުކުރުމުގެ މަސައްކަތާއި، ރ. އަލިފުށި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ. ހުޅުދޫ ދަނޑު އެއްވަރުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމި ޓާފް އެޅުމުގެ ކުރިން ކުރަންޖެހޭ އިތުރު މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ކުންފުނި އެމްޓީސީސީ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ހުޅުދޫގެ ފުޓްބޯޅަ ދަނޑު އެއްވަރުކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ފެން ދައުރުވާ ނިޒާމް ގާއިމްކުރުމުގެ އިތުރުން ދަނޑު ވަށައިގެން ގާ ޖެހުމުގެ މަސައްކަތް ކަމަށެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ސަބްބޭސް މަސައްކަތަށް ދެ މިލިއަން ހަތަރު ލައްކައެއްހާ ރުފިޔާ ހަރަދުވާނެކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.

މި ސަރުކާރުގެ ކުޅިވަރު ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގައި ރަނގަޅު ފެންވަރުގެ 100 ޓާފް ދަނޑު އެޅުން ހިމެނެ އެވެ. ހުޅުދޫގެ އިތުރުން ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނައިރު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އަލިފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ނިމި މިހާރު ކުރިއަށް ދަނީ ޓާފް އެޅުމުގެ މަސައްކަތެވެ.

ދަނޑުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ނިންމާފައިވަނީ ނ. ހޮޅުދޫ އާއި ފ. ނިލަންދޫ އަދި ތ. ވިލުފުށި ފުޓްބޯޅަ ދަނޑެވެ. ދަނޑު ތަރައްގީކުރި ފަހުން ނ. ހޮޅުދޫގައި މިދިޔަ މަހު ވަނީ ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި، މިދިޔަ ދެ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ނިލަންދޫގައި ތަރައްގީކުރި ދަނޑު ހުޅުވުމުގެ ގޮތުން އެކުވެރިކަމުގެ މެޗެއް ދާދިފަހުން ވަނީ ކުޅެފަ އެވެ.

ސަރުކާރުން ބައެއް ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރަމުން އަންނައިރު އަމިއްލަ ވިޔަފާރިވެރިންގެ ދީލަތި އެހީ އާއި ރަށްރަށުގެ ޖަމިއްޔާތައް އިސްނަގައިގެން ބައެއް ރަށްތަކުގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުތަކެއް ވަނީ ތަރައްގީކޮށްފަ އެވެ. މިގޮތުން އަތޮޅު ފުޓްބޯޅައިގެ ނަން މަޝްހޫރު ރަށްތައް ކަމަށްވާ އދ. މަހިބަދޫ އާއި ބ. އޭދަފުށީގައި ރަނގަޅު ފެންވަރުގެ ދަނޑުތައް ތަރައްގީކޮށް ބޭނުންކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

އަތޮޅުތަކުގެ ދަނޑުތައް ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިހާރު މާލޭގައި ކުރިއަށްދާ އެއް ވަނަ ޑިވިޝަން ފުޅާކުރުމެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ނިންމާފައިވަނީ 2023 ވަނަ އަހަރުން ފެށިގެން ހޯމް އެންޑް އަވޭ އުސޫލަށް ދިވެހި ޕްރިމިއާ ލީގު ބަދަލުކުރާށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *