ފެން ދިނުމަށްފަހު ސެވިއްޔާ އިން ޔުނައިޓެޑްގެ އުއްމީދުތައް ކަތިލައިފި

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ސެވިއްޔާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. މިއާއެކު މި ސީޒަނުގައި ޓްރޮފީ އެއް ހޯދަން ޔުނައިޓެޑުން ކުރަމުން އައި އުއްމީދު ހަގީގަތަކަށް ނުވެ މިވަނީ ނިމިފަ އެވެ.
މިއީ މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުން ސެމީ ފައިނަލެއްގައި ވާދަކޮށް ބަލިވި ތިންވަނަ ފަހަރެވެ. މީގެ ކުރިން މި ސީޒަނުގެ އިނގިރޭސި ލީގު ކަޕާއި، އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ވާދަކޮށް އެ ޓީމު ވަނީ ބަލިވެފަ އެވެ.
ޖަރުމަނުގެ ކޮލޯނޭ ގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ އެ ޓީމަށް މެޗުގެ ނުވަ ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑަށް ސެވިއްޔާގެ ޑިފެންޑަރު ޑިއެގޯ ކާލޯސް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް އެވެ. މިއީ މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު 22 ވަނަ ޕެނަލްޓީ އެވެ.
މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ނެގި ލީޑު މާ ގިނަ އިރަކު އެ ޓީމަށް ހިފެހެއްޓޭ ގޮތެއް ނުވި އެވެ. މެޗުގެ 26 ވަނަ މިނެޓްގައި ސެވިއްޔާ އަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ކުރިން ލިވަޕޫލަށް ކުޅެފައިވާ ސްޕެއިންގެ ފޯވާޑް ސޫސޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް އިތުރު ލަނޑެއް ނުޖެހި އެވެ.
ޔުނައިޓެޑަށް ރޭގެ މެޗު ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކަށްވީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމަށް ލަނޑެއް ކާމިޔާބުކުރަން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. ދެވަނަ ހާފުގެ ކުރީކޮޅު، ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް ފޮނުވާލި ގިނަ ހަމަލާތަކެއް ސެވިއްޔާގެ ގޯލްކީޕަރު ޔަޝިން ބޯނޯ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.
ކުއާޓަރ ފައިނަލުގައި ޕްރިމިއަރ ލީގުގެ އެހެން ކުލަބެއް ކަމަށްވާ ވުލްވްސް ބަލިކޮށް ސެމީ ފައިނަލަށް އައި ސެވިއްޔާ އިން މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކުރި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން 12 މިނެޓަށް ވެފައި އޮއްވަ އެވެ. މި ލަނޑު ޔުނައިޓެޑްގެ ޑިފެންސް ލައިނުގައި ތިބި ކުޅުންތެރިން ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައިގެން ސެވިއްޔާ އަށް ކާމިޔާބުކޮށްދީފައިވަނީ ނެދަލޭންޑްސްގެ ފޯވާޑް ލޫކް ޑި ޔޮންގް އެވެ. ސެވިއްޔާގެ ދެވަނަ ގޯލަށް ފަހު މެޗުގެ ނަތީޖާ ހަމަހަމަކޮށް އިތުރު ވަގުތަށް ދާން ޔުނައިޓެޑަށް ވަގުތު އޮތް ނަމަވެސް ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަމެވެ. މެޗުގައި ޔުނައިޓެޑުން ގެނައި ހަތަރު ބަދަލުގެ ތެރެއިން ފުރަތަމަ ތިން ބަދަލުވެސް އައީ އެއް ފަހަރާ މެޗު ނިމެން އެންމެ ތިން މިނެޓަށް ވެފައި ވަނިކޮށެވެ.
މިއީ މެންޗެސްޓަރ ޔުނައިޓެޑަށް ތަށްޓެއް ނުހޯދި ޖެހިޖެހިގެން ނިންމާލަން ޖެހުނު ތިންވަނަ ސީޒަނެވެ. އެންމެ ފަހުން ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ސީޒަނުގެ ޔޫރޮޕާ ލީގު މުބާރާތެވެ. 2017 ވަނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު ކުޅުނު އެ މުބާރާތުގެ ފައިނަލުގައި ނެދަލޭންޑްސްގެ އަޔަކްސް އެމްސްޓެޑަމް އާ ވާދަކޮށް 0-2 އިން މޮޅުވެ ޔުނައިޓެޑުން މުބާރާތުގެ ތަށި ހޯދި އިރު އެއީ އެ ޓީމުން ޔޫރޮޕާ ލީގު މުބާރާތުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.
ސެވިއްޔާ އަކީ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. މިހާތަނަށް ސެވިއްޔާއިން މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާއިރު މިއީ މުބާރފާތުގެ ފައިނަލަށް އެ ޓީމު ދަތުރުކުރި ހަވަނަ ފަހަރެވެ. މިފަހަރުގެ ފައިނަލުގައި އެ ޓީމަށް ވާދަކުރަންޖެހޭނީ މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗުގައި އިންޓަރ މިލާނާއި ޝަކުތަރު ވާދަކޮށްގެން ކުރި ހޯދާ ޓީމަކާ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ.
Advertisement


Leave a Reply