ދަނޑުވެރިންގެ ލީގޭ ކިޔައި މަލާމާތްކުރާ މީހުންނަށް އެމްބާޕޭ ރައްދު ދީފި

Advertisement

ދަނޑުވެރިންގެ ލީގޭ ކިޔައި މަލާމާތްކުރާ މީހުންނަށް އެމްބާޕޭ ރައްދު ދީފި

ޢަބްދުﷲ އަޝްރަފް

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ރޭ މެންޗެސްޓަރ ސިޓީ އާއި އޮލިމްޕިކް ލިޔޯން ވާދަކުރި މެޗް ކާމިޔާބުކޮށް ލިޔޯން އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމުން ފްރެންޗް ލީގުގައި ކުޅެމުން އަންނަ ޕީއެސްޖީގެ ޒުވާން ފޯވާޑް އެމްބާޕޭ އުފާފާޅުކޮށް ފްރެންޗް ލީގަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދީފި އެވެ.

ރޭ ޕޯޗްގަލްގެ ލިސްބަންގައި ކުޅުނު މެޗު 1-3 އިން ކާމިޔާބުކޮށް ފްރާންސްގެ ލިޔޯން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި އިޓަލީގެ އެޓަލާންޓާ ގެ މައްޗަށް ކުރި ހޯދައިގެން ޕްރާންސްގެ ޗެމްޕިއަން ޕީއެސްޖީންވެސް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މިއާއެކު މިފަހަރުގެ މުބާރާތުގެ ފައިނަލަކީ ފްރާންސްގެ ދެ ކުލަބް ވާދަކުރާ ފައިނަލަކަށް ވުމުގެ ފުރުސަތުވެސް މިހާރު އޮތީ ހުޅުވިފަ އެވެ.

ފްރެންޗް ލީގުގެ ފެންވަރާ މެދު ފާޑުކިޔާ ބައެއް ފަރާތްތަކުން މަލާމާތުގެ ގޮތުގައި އެ ލީގަށް ނިސްބަތްކޮށް އެންމެ އާންމުކޮށް ބޭނުންކުރާ ނަމަކީ “ފާމާސް ލީގު” ނުވަތަ ދަނޑވެރިންގެ ލީގެވެ. ރޭގެ މެޗުގައި ހައިރާން ކުރުވަނިވި ގޮތަކަށް ސިޓީ ބަލިކޮށް ލިޔޯން އިން ސެމީ ފައިނަލަށް ދަތުރުކުރުމާއެކު ފާޑުކިޔާ ފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުން ފްރާންސްގެ 21 އަހަރުގެ ފޯވާޑް އެމްބާޕޭ ކުރީ ވަރަށް ކުރު އެހެނަސް މާނަ ފުން ޓްވީޓެކެވެ. މި ޓްވީޓްގައި ކްލޯން އެއްކަން ދޭހަކޮށްދޭ އިމޯޖީ އަކާ އެކު “ފާމާސް ލީގު” އިނގިރޭސި ބަހުން ލިޔުމަށްފަހު އެމްބާޕޭ ދެން ހިމަނައިފައިވަނީ ސާބަސްދިނުމުގެ ގޮތުން ލިޔޯން ޓެގުކުރުމާއެކު ކްލެޕް އިމޯޖީސް ތަކެކެވެ.

އެމްބާޕޭގެ ޓްވީޓްގެ ފަހުން ލިޔޯން އިންވެސް ވަނީ އެމީހުންގެ ޓްވިޓާ އެކައުންޓަކުން އެކަހަލަ ޓްވީޓެއް ކޮށްފަ އެވެ. ލިޔޯންގެ ދެކުޅުންތެރިޔަކު އުފާ ފާޅުކުރަމުންދާ މަންޒަރު ފެންނަ ފޮޓޯ އަކާއެކު ހިއްސާކޮށްފައިވާ މި ޓްވީޓްގައި ބުނެފައިވަނީ އެ ޓީމުގައި ދަނޑުވެރިއަކު ނެތް ކަމަށެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުގައި ލިޔޯން އިން ސިޓީ ބަލިކުރިއިރު ސިޓީ އަކީ ގަދަ 16 އިން މުބާރާތުގެ އެންމެ ކާމިޔާބު ކުލަބް ރެއާލް މެޑްރިޑް ކަޓުވާލި ޓީމެވެ. އަނެއްކޮޅުން ލިޔޯން މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ އެއް ކަށަވަރުކުރީ މުބާރާތުގެ އެއް ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ޔުވެންޓަސްގެ މައްޗަށް ގަދަ 16 ގައި ކުރި ހޯދައިގެންނެވެ. ކަން މިހެން އޮތަސް މިފަހަރު ފްރާންސްގެ ފުޓްބޯޅަ ސީޒަން ކޯވިޑް 19 އާ ގުޅިގެން މެދުކަނޑާލިއިރު ލިޔޯން އޮތީ ފްރެންޗް ލީގު ޓޭބަލްގެ ހަތް ވަނައިގައެވެ. ފްރެންޗް ލީގު ފަހުން ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

ފްރެންޗް ލީގުގައި މިފަހަކަށް އައިސް ރަސްކަން ކުރަމުން އަންނަ ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ކުއާޓަރ ފައިނަލުގެ މެޗުގައި އެޓަލާންޓާ އިން ލަނޑެއް ޖަހައި ކުރި ހޯދައިފައި ވަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ދެ ލަނޑު ޖަހައިގެންނެވެ. މި މެޗުން ޕީއެސްޖީ އަށް ކާމިޔާބު ހޯދައިދިނުމުގައި މެޗުގެ ފަހު ހާފުގައި ކުޅެން ނުކުތް އެމްބާޕޭ ގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީ ވާދަކުރާނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގާ އެވެ. ލިޔޯން ވާދަކުރަން ޖެހޭނީ ބަޔާން މިޔުނިކާ އެވެ. މި މެޗުތައް ކުޅޭނީ މި ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހުގެ ރެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *