މި ވެއްޓުނީ ވަރަށް އަޑިއަށް، ޓީމަށް ބަދަލު އަންނަންޖެހޭ: ޕީކޭ

Advertisement

މި ވެއްޓުނީ ވަރަށް އަޑިއަށް، ޓީމަށް ބަދަލު އަންނަންޖެހޭ: ޕީކޭ

ޢަބްދުﷲ އަޝްރަފް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ރޭ ބަޔާން މިޔުނިކު އަތުން 2-8 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ބާސެލޯނާ ބަލިވުމުން ޓީމު ވަރަށް އަޑިއަށް ހިނގައްޖެ ކަމަށާއި، މި ހާލަތުން އަރައިގަތުމަށްޓަކައި ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބާސެލޯނާގެ ތަޖްރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.

މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ބާސެލޯނާ އާއެކު 20 ތަށި ހޯދައިފައިވާ އުމުރުން 33 އަހަރުގެ ޕީކޭ ބުނެފައިވަނީ ކުލަބުން އެދިއްޖެ ނަމަ އެހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށްޓަކައި ޓީމު ދޫކޮށްލާ ފުރަތަމަ ކުޅުންތެރިއަކަށް އޭނާ ވާނެ ކަމަށެވެ. ރޭ ބަޔާން މިޔުނިކު އަތުން ބާސެލޯނާ ބަލިވި ބަލިވުމަކީ މިހާތަނަށް ޔޫރަޕްގެ މުބާރާތެއްގައި ބާސެލޯނާ އެންމެ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވި ބަލިވުމެވެ. މިއާއެކު ބާސެލޯނާ އަށް މި ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ އެވެ.

Advertisement

“މި ވެއްޓުނީ އެންމެ އަޑިއަށް. މިއީ މިކަން މިގޮތަށް ދިމާވި ފުރަތަމަ ނުވަތަ ދެވަނަ ނުވަތަ ތިންވަނަ ފަހަރެއް ނޫން. އަހަރެމެން ގައިމުވެސް މި ތިބީ ރަގަޅު ހިސާބެއްގައެއް ނޫން. ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ސްޕެއިންގެ ގައުމީ ޓީމުގައިވެސް ހިމެނޭ ޕީކޭ ބުނެފައި ވެއެވެ.

“ކޯޗުންނާއި، ކުޅުންތެރިން އެކަކަށްފަހު އަނެކަކު އައިސް ގޮސްފައިވޭ. އެކަމަކު މިހާރު ކިތަންމެ އަހަރެއް ވެއްޖެ ޔޫރަޕްގައި އަހަރެމެން ރަގަޅު ވާދައެއް ކުރަންޖެހިފައި އޮންނަތާ. ކުލަބުގައި ހިމެނޭ އަހަރެމެން އެންމެންވެސް އެބަޖެހޭ ކުލަބަށް އެންމެ ރަގަޅު ގޮތަކީ ކޮބައިތޯ ވިސްނައި ގޮތްތަކެއް ނިންމަން. މިރޭގެ ނަތީޖާ އަކީ ބާސެލޯނާ އަށް ބަލައިގަނެވޭނެ ނަތީޖާ އެއް ނޫން.” ޕީކޭ ބުނެފައިވެ އެވެ.

“މިއީ ވަރަށް ގަބޫލުކުރަން އުނދަގޫ ނަތީޖާ އެއް. އެކަމަކު އަހަރެން އުއްމީދުކުރަން މިއީ ކުރިމަގާއި މެދު ވިސްނައި ގޮތެއް ނިންމަން ބޭނުން ހިފޭނެ ނަތީޖާ އަކަށް ވާނެ ކަމަށް. މި ކުލަބަށް ބަދަލުތަކެއް އެބަ ބޭނުންވޭ. އަހަރެން ވާހަކަ މި ދައްކަނީ ކުޅުންތެރިން ނުވަތަ ކޯޗުންގެ ފެންވަރާ ބެހޭ ގޮތުންނެއް ނޫން. އެކަމަކު އަހަރެން މި ބުނާ ވާހަކަ އަކީ ކުލަބުގެ ސްޓްރަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް އެކި ލެވަލްގަ އެބަ އަންނަންޖެހެއޭ.” ޕީކޭ ބުނެފައިވެ އެވެ.

“މިހާލަތު ބަދަލުކުރުމަށްޓަކައި އާ ކުޅުންތެރިން ޓީމަށް އެބަ ގެންނަންޖެހޭ. އެކަމަށްޓަކައި އަހަރެން ކުލަބުން ދުރަށް ދާންޖެހިއްޖެ ނަމަ ފުރަތަމަ މީހާގެ ގޮތުގައި އަހަރެން އެކަން ކުރާނަން.” ޕީކޭ އިތުރަށް ބުނެފައިވެއެވެ.

ރޭގެ ބައްޔާއެކު ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއަން އަށްވެސް ބޮޑު ޕްރެޝަރަކާ ކުރިމަތިވާނެ ކަމަށް ޔަގީންކުރެވެ އެވެ. ކުލަބުގެ މުސްތަގްބަލާއި މެދުގައާއި ރޭގެ ބައްޔާއި ގުޅިގެން ކުލަބަށް ބަދަލުތަކެއް ބޭނުންވާ ކަމަށް ބުނެ ޕީކޭ ދެއްކި ވާހަކަތަކާއި ގުޅިގެން ސެޓިއެން ބުނަނީ ކީކޭތޯ ނޫސްވެރިއަކު އެހުމުން އޭނާ ބުނެފައިވަނީ އޭނާ ކުލަބުގައި ހޭދަކޮށްފައިވަނީ މަދު ދުވަސްތަކެއް ކަމަށާއި އެހެންވުމާއެކު ކުލަބްގެ މުސްތަގްބަލާއި މެދު އެއްޗެއް ބުނަން އޭނާ ބޭނުން ނުވާ ކަމަށެވެ.

“ޖެރާޑް އެހެން ބުނެފި ނަމަ އޭގެ މާނައަކީ މިއީ ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ވަގުތެކޭ. އޭނާ ދައްކާ ވާހަކައިގައި ބުރަދަނެއް ހުންނާނެ. މިއީ މާޒީގައި ހިނގާދިޔަ ކަންކަން މުރާޖައާކޮށް ކުލަބަށް ރަގަޅުވާނެ ގޮތަކަށް ކަންކަން ނިންމަން އަހަރެމެން އެންމެންވެސް އުޅެންވީ ވަގުތު.” މިއަހަރުގެ ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗުކަމުގެ މަގާމާއި ހަވާލުވި ސެޓިއެން ބުނެފައިވެ އެވެ.

ބާސެލޯނާގައި ސެޓިއެންގެ މުސްތަގުބަލު އޮތީ ކިހިނެއް ކަމަށް ގަބޫލުކުރަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެކަމާއި ގުޅޭ ގޮތުން އެއްޗެއް ބުނަން އަދި ތަންކޮޅެއް އަވަސް ކަމަށާއި، ހަގީގަތަކީ އެކަމަކީ މިހާރު އޭނާގެ އަތްމަތީގައި އޮތްކަމެއް ނޫންކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *