ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި އެންމެ ކާމިޔާބު 6 މީހުން

Advertisement

ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި އެންމެ ކާމިޔާބު 6 މީހުން

އައްބާސް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޔުވެންޓަސް ކެޓުމާއެކުހެން އެއްކަމެއް ޔަގީންވި އެވެ. އެއީ ކޯޗު މައުރީޒިއޯ ސާރީގެ މަގާމް ގެއްލޭނޭކަމެވެ. އޭރު ޔަގީންނުވީ އޭނާގެ ބަދަލުގައި ދެން އަންނާނީ ކާކު ކަމެވެ. އެހެންނަމަވެސް ޔުވެންޓަސް ކެޓިތާ 24 ގަޑިއިރުވެސް ނުވަނީސް އެޓީމުންވަނީ ސާރީގެ ބަދަލުގައި އިޓަލީ އާއި ޔުވެންޓަސްގެ ލެޖެންޑް އަންދްރޭ ޕިރްލޯ އެމަގާމަށް ގެނެސް ކޯޗުގެ ބަހުސަށް ވަގުތުން ނިމުމެއް ގެނުވާފަ އެވެ. ޕިރްލޯ ވަނީ ޔުވެންޓަސް އަށް 4 އަހަރު ކުޅެ 4 ފަހަރު ލީގު ހޯދައިދީފަ އެވެ. މަޝްހޫރު ޓީމުތަކަށް މޮޅަށް ކުޅެ ކާމިޔާބު ހޯދައިފައިވާ ކުޅުންތެރިން ފަހުން ކޯޗުންގެ ގޮތުގައި އެޓީމުތަކަށް އެނބުރި އައުމަކީ އާއްމުކަމެކެވެ. މީގެތެރެއިން ބައެއް ކޯޗުން އެދެމެދުގައި މާގިނަ ދުވަހެއް ނުނަގަ އެވެ. ޒިނެދިން ޒިދާން އާއި ޕެޕް ގާޑިއޯލާ އާއި ލުއިސް އެންރިކޭ އާއި ފިލިއްޕޯ އިންޒާގީ ފަދައިން ޕިރްލޯ އަކީވެސް އެފަދަ ކޯޗެކެވެ. އެއީ އޭނާ އެނބުރި އައިއިރު އޭނާއާއި އެއްކޮށް ކުޅުނު އޭނާއަށް ވުރެ ދޮށީ ޖިއަންލުއީޖީ ބުފޮން އަކީ މިހާރުވެސް ޔުވެންޓަސްގެ ކުޅުންތެރިއެކެވެ.

މޮޅަށްކުޅެ ގިނަ ތަށިތަކެއް ހޯދުމަކީ ކޮންމެހެން މޮޅު ކޯޗެއްގެ ގޮތުގައި ކާމިޔާބު ހޯދުމަށް އޮތް ޝަރުތެއްނޫނެވެ. އެހެންނޫންނަމަ ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ އާއި ސްކޮޓްލެންޑަށް ނިސްބަތްވާ ސަރ އެލެކްސް ފާގަސަން އަކީ ފުޓްބޯޅައިގައި މަޝްހޫރު ނަންނަމަކަށް ނުވީހެވެ. އަނެއްކޮޅުން މޮޅަށް ކުޅުމަކީ ކޯޗެއްގެ ގޮތުގައި ކާމިޔާބުވުން ގެރަންޓީ ކޮށްދޭ ކަމެއްވެސް ނޫނެވެ. އެހެންނޫންނަމަ ޑިއެގޯ މެރެޑޯނާއަށް ވުރެ މޮޅު ކޯޗެއް ނުހުރީހެވެ. ތިއެރީ އޮންރީ މޮނާކޯގައި ފްލޮޕެއް ނުވީހެވެ. މިހާހިސާބުން މިބަލާލަނީ ފުޓްބޯޅައިގެ ތާރީހުގައި މޮޅަށް ކުޅުމަށްފަހު ބެންޗުގައި އިށީނދެ އެންމެ ގިނަ ކާމިޔާބުތައް ހޯދި 6 ކޯޗުންނަށެވެ.

ވިސެންޓޭ ޑެލް ބޮސްކޭ (ސްޕެއިން)

ޑެލް ބޮސްކޭ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1970ގެ އަހަރުތަކުގައި ރެއާލް މެޑްރިޑާ އެކު 5 ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށް އަދި އިތުރު 4 ޑޮމެސްޓިކް ތަށި އުފުލާލާފަ އެވެ. އެއަށްފަހު މެނޭޖަރެއްގެ ގޮތުގައި ރެއާލާއެކު ޗެމްޕިއަންސް ލީގު 2 ފަހަރު ލަލީގާ އެއްފަހަރު އަދި  ޑޮމެސްޓިކް 2 ތަށި ހޯދާފަ އެވެ. އޭގެއިތުރުން ޔޫއެފާ ސުޕަރ ކަޕް 1 ފަހަރު އަދި އިންޓަކޮންޓިނެންޓަލްކަޕް 1 ފަހަރު ހޯދާފަ އެވެ. އެހެންނަމަވެސް ކޯޗެއްގެ ގޮތުން ޑެލް ބޮސްކޭ ހޯދި އެންމެ ބޮޑު ކާމިޔާބަކީ ފުޓްބޯޅައިގެ ދުނިޔޭގައި ގަދަ ބާރެއްގެ ގޮތުގައި އޮތް ސްޕެއިނަށް އެތައް ޒަމާނެއް ވަންދެން އަތުނުޖެހި އޮތް ފީފާ ވޯލްޑް ކަޕް ހޯދައިދިނުމެވެ. 2010ގެ ސައުތު އެފްރިކާ ވޯލްޑް ކަޕް ޑެލް ބޮސްކޭއާ އެކު ސްޕެއިން ކާމިޔާބުކުރީ ފައިނަލުގައި ނެދަލެންޑްސް ބަލިކޮށްފަ އެވެ. މީގެ އިތުރުން 2012 ގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ސްޕެއިނަށް ހޯދައިދިނުމަކީވެސް ޑެލް ބޮސްކޭގެ ކޯޗިން ކެރިއަރުގެ ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.

ޖިއޮވާނީ ޓްރަޕަތޯނީ (އިޓަލީ)

1960ގެ އަހަރުތަކުގެ ތެރޭގައި ޓްރަޕަތޯނީ ވަނީ އިޓަލީގެ އޭސީ މިލާނަށް ކުޅެ ގިނަ ކާމިޔާބުތަކެއް ހޯދާފަ އެވެ. އޭގެތެރޭގައި އިޓާލިއަން ސެރީއޭ 2 ފަހަރު، ކޮޕަ އިޓަލިއާ 1 ފަހަރު، ޔޫރަޕިއަން ކަޕް 2 ފަހަރު، ޔޫރަޕިއަން ކަޕް ވިނާސް ކަޕް 1 ފަހަރު ހިމެނެ އެވެ. އެއަށްފަހު މެނޭޖަރެއްގެ ގޮތުގައި ނިކުމެ ޓްރަޕަތޯނީ ވަނީ ގިނަޓީމުތަކަކާއެކު މަސައްކަތްކޮށް ގިނަކާމިޔާބުތަކެއް ހޯދާފަ އެވެ. އޭގެތެރޭގައި ސެރީއޭ 7 ފަހަރު (ޔުވެންޓަސްއާ އެކު 6 ފަހަރު އަދި އޭސީ މިލާނާއެކު 1 ފަހަރު)، ޔޫރަޕިއަން ކަޕް 1ފަހަރު، ކަޕްވިނާސް ކަޕް 1 ފަހަރު، ޔޫއެފާ ކަޕް 3 ފަހަރު ހިމެނެ އެވެ. މީގެ އިތުރުން ޖަރުމަނު ބުންޑަސް ލީގާއި ، ޕޯޗްގީޒް ލީގާއި އޮސްޓްރިއަން ލީގުވެސް ކާމިޔާބުކޮށްފައިވެ އެވެ. އަދި  ޑޮމެސްޓިކް 5 ތަށްޓާއި، ޔޫއެފާ ސުޕަރ ކަޕާއި އިންޓަކޮންޓިނެންޓަލް ކަޕް 1 ފަހަރު ހޯދާފައިވެ އެވެ. އަޔަލެންޑްގެ ގައުމީޓީމާއެކު ހޭދަކުރި ދުވަސްތައް ފިޔަވައި ޓްރަޕަތޯނީގެ ކޯޗިން ކެރިއަރު ފުރިފައި މިވަނީ ހުސް ތަށިންނެވެ. ޓްރަޕަތޯނީ އަކީ ކުރިން ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި ކުޅެވުނު ތިން މުބާރާތް ކަމުގައިވާ ޔޫރަޕިއަން ކަޕާއި، ކަޕް ވިނާސް ކަޕާއި ޔޫއެފާ ކަޕް އެއް ޓީމަކަށް ކާމިޔާބުކޮށްދީފައިވާ ހަމައެކަނި ކޯޗެވެ. ޔުވެންޓަސްއާއެކު އޭނާ މިރެކޯޑް ހެދީ 1992/93 ގެ ސީޒަންގަ އެވެ.

ޕެޕް ގާޑިއޯލާ (ސްޕެއިން)

ކުޅުންތެރިއެއްގެ ގޮތުގައި ގާޑިއޯލާ ހުރިހާ ކާމިޔާބެއްވެސް ހޯދީ ސްޕެންގެ ބާސެލޯނާއާއި އެކުގަ އެވެ. އެ ކްލަބާއެކު ލަލީގާ 6 ފަހަރު، ޔޫރަޕިއަން ކަޕް 1 ފަހަރު، ކަޕް ވިނާސް ކަޕް 1 ފަހަރު ހޯދާފައިވެ އެވެ. އަދި ޑޮމެސްޓިކް 5 ތަށްޓާއެކު ޔޫއެފާ ސުޕަރ ކަޕް 1 ފަހަރު ހޯދާފައިވެ އެވެ. މީގެއިތުރުން ސްޕެއިންގެ ގައުމީ ޓީމާ އެކު 1992 ގެ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދާފައިވެ އެވެ.

މެނޭޖަރެއްގެ ގޮތުގައި ނުކުމެ 14 ވަނަ އަހަރު ނިންމާލާއިރު މިހާރު ކުރިއަށްދާ ޗެމްޕިއަންސް ލީގު ހޯދައިފިނަމަ ގާޑިއޯލާ އަށް 30 ތަށި ހަމަކުރެވޭނެ އެވެ. ގާޑިއޯލާ ވަނީ ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި މެންޗެސްޓަރ ސިޓީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާ ވަނީ ލަލީގާ 3 ފަހަރު، ބުންޑަސްލީގާ 3 ފަހަރު އަދި ޕްރިމިއަރ ލީގު 2 ފަހަރު ހޯދާފަ އެވެ. އަދި ސްޕެއިން އާއި. ޖަރުމަނާއި އިނގިރޭސި ވިލާތުގައި ޑޮމެސްޓިކް އިތުރު 13 ތަށި ހޯދާފަ އެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގު 2 ފަހަރު ހޯދާފައިވާއިރު ޔޫއެފާ ސުޕަރ ކަޕް 3 ފަހަރު އަދި ކްލަބް ވޯލްޑް ކަޕް 3 ފަހަރު ހޯދާފައި ވެއެވެ. ގާޑިއޯލާގެ މިވަގުތު އަމާޒު ހުރީ ބާސެލޯނާއާ އެކު މީގެ 9 އަހަރު ކުރިން ހޯދި ޗެމްޕިއަންސް ލީގު ޓްރޮފީ މެންޗެސްޓަރ ސިޓީއާ އެކު މިމަހު އުފުލާލުމަށެވެ. އެ އަޒުމުގައި ގާޑިއޯލާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ނިކުންނާނީ ފްރާންސްގެ އޮލިމްޕިކް ލިއޯންއާ ދެކޮޅަށެވެ.

މާރިއޯ ޒަގަލޯ (ބުރެޒިލް)

މާރިއާ ޒަގަލޯ މިލިސްޓުން ޖާގަ ހޯދީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕް ބްރެޒިލް އަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ހިއްސާ ބޮޑުކަމުންނެވެ. ޒަގަލޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 2 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ 1958 އަދި 1962 ގަ އެވެ. އަދި މީގެ އިތުރުން ބްރެޒިލް ސްޓޭޓް ޗެމްޕިއަންޝިޕް 8 ފަހަރު ހޯދާފައިވެ އެވެ. މެނޭޖަރެއްގެ ގޮތުގައި ނިކުމެ ޒަގަލޯ ވަނީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި އޭގެ އިތުރުން 1994 ގައި ޕެނަލްޓީ ޖަހައިގެން އިޓަލީ ބަލިކޮށް ބްރެޒިލް ވޯލްޑް ކަޕް އުފުލާލިއިރު އެސިސްޓެންޓެ ކޯޗެއްގެ ގޮތުގައި ބެންޗުގައި އިނީވެސް މާރިއޯ ޒަގަލޯ އެވެ. ވޯލްޑް ކަޕް ގެ އިތުރުން ޒަލަގޯ ވަނީ ބްރެޒިލަށް ކޮންފެޑެރޭޝަންސް ކަޕް 1 ފަހަރު އަދި ކޮޕާ އެމެރިކާ 1 ފަހަރު ހޯދައިދީފަ އެވެ.

 

ކާލޯ އަންޗެލޮޓީ (އިޓަލީ)

ކުޅުންތެރިއެއްގެ ގޮތުން 1980 ގެ އަހަރުތަކުގެ ތެރޭގައި އަންޗެލޮޓީ ކާމިޔާބުތައް ހޯދީ އިޓަލީގެ ރޯމާ އަދި އޭސީ މިލާންގަ އެވެ. މި ދެ ޓީމާ އެކު ސެރީއޭ 3 ފަހަރު ހޯދިއިރު ޑޮމެސްޓިކް އިތުރު 5 ތަށި އުފުލާލި އެވެ. އަދި އޭސީ މިލާނާ އެކު ޔޫރަޕިއަން ކަޕް 2 ފަހަރު ޔޫއެފާ ސުޕަރ ކަޕް 2 ފަހަރު އަދި އިންޓަކޮންޓިނެންޓަލް ކަޕް 2 ފަހަރު ހޯދި އެވެ. އަދި 1990ގައި އަމިއްލަ ގައުމުގައި ބޭއްވުނު ވޯލްޑް ކަޕްގައި އިޓަލީން 3 ވަނަ ހޯދި ޓީމުގައި އަންޗެލޮޓީ ހިމެނުނެވެ.

އަންޗެލޮޓީ ކޯޗެއްގެ ގޮތުގައި ނިކުތީ 1995 ގައި އިޓަލީގެ ރެޖީނާއިންނެވެ. އޭގެ ފަހުން އަންޗެލޮޓީ ވަނީ ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކެއްގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެތެރޭގައި ޔުވެންޓަސް އާއި އޭސީ މިލާން، ޗެލްސީ އާއި ޕީއެސްޖީ އަދި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ފާހަގަކޮށްލެވެ އެވެ. ހޯދާފައިވާ ތަށިތަކުގެ ތެރޭގައި ސެރީއޭ 1 ފަހަރު ، ޕްރިމިއަރ ލީގު 1 ފަހަރު، ފްރެންޗް ލީގު 1 ފަހަރު އަދި ބުންޑަސްލީގާ 1 ފަހަރު ހިމެނެ އެވެ. މީގެ އިތުރުން ސްޕެއިން، އިޓަލީ، ޖަރުމަން އިނގިރޭސި ވިލާތް މިގައުމުތަކަށް ނިސްބަތްވާ ޑޮމެސްޓިކް 5 ތަށި ހޯދާފައިވެ އެވެ. ރެއާލް މެޑްރިޑާ އެކު ލަލީގާ ހޯދިފައި ނުވިޔަސް އެޓިމާއެކު ޗެމްޕިއަންސް ލީގު ހޯދާފައިވެ އެވެ. އަދި އޭގެކުރިން އޭސީ މިލާނާ އެކު ވަނީ މިތަށި 2 ފަހަރަށް ހޯދާފަ އެވެ. އަންޗެލޮޓީ ކޯޗިން ކެރިއަރުގެ އިތުރު ކާމިޔާބުތަކުގެ ތެރޭގައި ޔޫއެފާ ސުޕަރ ކަޕް 3 ފަހަރު ހޯދުމާއި، ފިފާ ކްލަބް ވޯލްޑް ކަޕް 2 ފަހަރު ހޯދުމާއި އިންޓަ ޓޯޓޯ ކަޕް ކާމިޔާބުކުރުން ހިމެނެ އެވެ. ކާލޯ އަންޗެލޮޓީ މިހާރު ކޯޗުކޮށްދެނީ ޕްރިމިއަރ ލީގުގެ އެވަޓަން އަށެވެ. އެވަޓަންއާ ހަވާލުވީ ސީޒަނުގެ މެދުތެރެއިން އެވަޓަން އަށް ރެލިގޭޝަންގެ ބިރު ކުރިމަތިވެފައި އޮއްވަ އެވެ. އެހެންނަމަވެސް އެޓީމު މިފަހަރު ސީޒަން ނިންމާލީ ތާވަލުގެ 12 ވަނައިގަ އެވެ.

 

ޔޯހަން ކްރައިފް (ނެދަލެންޑްސް)

ޔޯހަން ކްރައިފަކީ 1970 ގެ އަހަރުތަކުގައި ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ. ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް އޭރު ދެވުނު ބެލެންޑިއޯ ކްރައިފް 3 ފަހަރު ހޯދާފައިވެ އެވެ.  ކުޅުންތެރިއެއްގެ ގޮތުގައި ކްރައިފް ވަނީ އަޔަކްސްއާ އެކު ޑަޗްލީގު 9 ފަހަރު ހޯދާފަ އެވެ. އަދި ބާސެލޯނާއާ އެކު ލަލީގާ 1 ފަހަރު ހޯދާފަ އެވެ. އަދި އެ ދެ ލީގު ނިސްބަތްވާ ދެގައުމުގައި ޑޮމެސްޓިކް އިތުރު 7 ތަށި ހޯދާފަ އެވެ. ކްރައިފާ އެކު އަޔަކްސް އަކީ އޭރު ދުނިޔޭގެ ބޮޑުބާރެކެވެ. އެޓީމާ އެކު ކްރައިފް ވަނީ ޔޫރަޕްގެ ޗެމްޕިއަންކަން 3 ފަހަރު ހޯދާފަ އެވެ. މީގެ އިތުރުން ޔޫއެފާ ސުޕަރ ކަޕް 1 ފަހަރު އިންޓަ ޓޯޓޯ ކަޕް 2 ފަހަރު އަދި އިންޓަކޮންޓިނެންޓަލް ކަޕް 1 ފަހަރު ހޯދާފަ އެވެ. ކްރައިފް ވަނީ ޑަޗް ގައުމީ ޓީމާއެކު 1974 ގެ ވޯލްޑް ކަޕް ފައިނަލް ކުޅެ މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަދި 1976ގެ ޔޫރޯގެ ތިންވަނަ މަގާމް ޑަޗް ޓީމު ހޯދީ ކްރައިފާ އެކުގަ އެވެ.

ކްރައިފް އޭނާގެ ކޯޗިން ކެރިއަރު ފެށީ 1985 ގައި އަޔަކްސް އިންނެވެ. އެއަށް ފަހު އެންމެ ގިނަދުވަހު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރީ ބާސެލޯނާގަ އެވެ. ކްރައިފް ކޯޗެއްގެ ގޮތުގައި ލަލީގާ 4 ފަހަރު ހޯދިއިރު އިތުރަށް ޑޮމެސްޓިކް 5 ތަށި ހޯދާފަ އެވެ. އަދި ޔޫރަޕިއަން ކަޕް 2 ފަހަރު ހޯދާފައިވާއިރު ކަޕް ވިނާސް ކަޕް ވެސް 2 ފަހަރު ހޯދާފައިވެ އެވެ. މީގެއިތުރުން ޔޫއެފާ ސުޕަރ ކަޕް 1 ފަހަރު ހޯދާފައިވެ އެވެ.

މޮޅުކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބުތަކެއް ހޯދުމަށް ފަހު މޮޅު ކޯޗެއްގެ ގޮތުގައި އެ ކާމިޔާބުތައް ތަކުރާރު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އެހެންނަމަވެސް މި ލިސްޓުން މިފެންނަނީ އެކަމުގެ މާސްޓަރުންނެވެ. މީގެއިތުރުންވެސް މި ލިސްޓުން ޖާގަ ދޭން ޖެހޭނެ އިތުރު ކޯޗުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު މިވަގުތަށް މިވަރުން ފުއްދާލަމާ ހިނގާށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *