ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

Advertisement

ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ޢަލީ ޝަހީމް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތަކުން ކާމިޔާބު ހޯދައި ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ބާސެލޯނާ ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ މިރޭ އަމިއްލަ ދަނޑުގައި 3-1 އިން ނަޕޯލީ ބަލިކޮށް 4-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. މިރޭ އަމިއްލަ ދަނޑުގައި ޗެލްސީ 4-1 އިން ބަލިކޮށް ބަޔާނުން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ 7-1 ގެ އެގްރިގޭޓުން މޮޅުވެގެންނެވެ.

މިރޭގެ މެޗުތަކާއެކު ދެ ވަނަ ބުރުގެ ކުޅުން ނިމި ކުއާޓާގެ ހަތަރު މެޗުގައި ވާދަކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފަ އެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުޅޭނީ އިޓަލީގެ އެޓަލާންޓާ އާއި ޕީއެސްޖީ އެވެ. ކުއާޓާގެ ދެ ވަނަ މެޗުގައި 13 ވަނަ ދުވަހުގެ ރޭ ރެޑްބުލް ލައިޕްޒިގް ނުކުންނާނީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ކުއާޓާގެ ތިން ވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ވާދަކުރާނީ ބާސެލޯނާ އާއި ބަޔާން އެވެ. ކުއާޓާގެ ފަހު މެޗުގައި އޮގަސްޓް 15 ވަނަ ދުވަހުގެ ރޭ ލިޔޯން ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ބާސެލޯނާ އާއި ނަޕޯލީ އިޓަލީގައި ވާދަކުރި ލެގްގެ ކުޅުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިދެޓީމު ބާސެލޯނާގެ ދަނޑުގައި މިރޭ ވާދަކުރި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ބާސެލޯނާ އިން ވަނީ 3-1 އިން ލީޑު ނަގައިފަ އެވެ. މެޗުގެ ކުރީކޮޅު ބާސެލޯނާއިން ނެގި ކޯނަރެއްގައި ލީޑު ނަގައިދިން ލަނޑު ބޮލުން ޖަހައިދިނީ ޑިފެންޑަރު ކްލެމެންޓް ލެންގްލޭ އެވެ. އޭގެ އިރުކޮޅެއް ފަހުން ލިއޮނަލް މެސީ ވަނީ ބާސެލޯނާ އަށް ދެ ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މިއީ ނަޕޯލީގެ ހަތަރު ވަރަކަށް ކުޅުންތެރިން މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރި ވަގުތު ގޯލުގެ ތިރީ ކަނަށް މެސީ ވައްދާލި މޮޅު ލަނޑެކެވެ. ދެ ލަނޑުގެ ލީޑެއްގައި އޮވެ މެސީ ޖެހި އިތުރު ލަނޑެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ރެފްރީ ނިންމުން ބަދަލުކުރީ ބޯޅަށް ގޯލަށް ވައްދާލުމުގެ ކުރިން މެސީގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ލުއިސް ސުއަރޭޒް އެވެ. މިއީ ނަޕޯލީގެ ކަލިދޫ ކުލިބާލީ މެސީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ތިން ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލަން މަސައްކަތްކުރި ބާސެލޯނާ ކޮޅަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނަޕޯލީން ވަނީ ލަނޑެއް ޖަހައިފަ އެވެ. މިއީ، ޑްރައިސް މާޓެންސް އަށް އިވާން ރަކިޓިޗް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ލޮރެންޒޯ އިންސީނިއޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑަށް ފަހު ނަޕޯލީން އުފެއްދި އިތުރު ހަމަލާއެއްގައި ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ނަޕޯލީން މޮޅަށް ކުޅުނުއިރު ބާސެލޯނާ އިން ދިޔައީ ކައުންޓަ އެޓޭކުގައި ނަޕޯލީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަޕޯލީން ވަނީ ދެ ވަނަ ހާފުގައި އިތުރު ލަނޑެއް ޖަހައި ބާސެލޯނާ ހާސްކޮށްލަން ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. މިގޮތުން މެޗުގެ ފަހުކޮޅު އެޓީމުގެ ބަދަލު ކުޅުންތެރިޔާ އަކާޑިއުސް މިލިކް ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް އެވަގުތު އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ގޯލެއް ގޮތުގައި ނުބަލަ އެވެ. މެޗުގެ ފަހުކޮޅު ނަޕޯލީން ހަމަލާތައް އުފެއްދި ނަމަވެސް ހުރަހަކަށް ވީ ބާސެލޯނާގެ ގޯލްކީޕަރު މާކް-އެންދްރޭ ޓާ ސްޓޭގަން އެވެ.

ބަޔާނުން ފަސޭހަކަމާއެކު ޗެލްސީގެ މައްޗަށް ކުރިހޯދި މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ރޮބާޓް ލެވޮންޑޮސްކީ އެވެ. މި ހާފުގައި ބަޔާންގެ ދެ ވަނަ ލަނޑު ލެވޮންޑޮސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ އިވާން ޕެރިސިޗެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޓަމީ އަބްރަހަމް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބަޔާނުން ވަނީ އިތުރު ދެ ލަނޑު ޖަހައި ފަރަގު ބޮޑުކޮށްފަ އެވެ. އެޓީމުގެ ތިން ވަނަ ލަނޑު ކޮރެންޓިން ޓޮލީސޯ ޖެހިއިރު ފަހު ލަނޑު ޖެހީ ލެވޮންޑޮސްކީ އެވެ. މިއީ މި ސީޒަނުގައި ލެވޮންޑޮސްކީ ޖެހި 53 ވަނަ ލަނޑެވެ.

ކުއާޓާއިން ފެށިގެން ޗެމްޕިއަންސް ލީގު ކުޅޭނީ މިނީ މުބާރާތެއްގެ ގޮތުގައި ޕޯޗުގަލްގަ އެވެ. ގަދަ އަށް ޓީމުގެ މެދުގައި ނޮކްއައުޓް އުސޫލުން މެޗުތައް ކުޅުމަށް ފަހު ފައިނަލް މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *