ބެންޗު ހޫނުކުރަން ބޭނުން ނުވިޔަސް އެހެން ދިމާލަކަށް ދެވޭކަށް ވެސް ނެތް
ކޮވިޑް-19 ގެ އުނދަގޫ ހާލަތުގެ ތެރެއިން ޔޫރަޕްގެ ބޮޑު ފުޓްބޯޅަ ހުރިހާ ލީގެއްގެ ކުޅުން މިހާރު ނިމިފައިވާއިރު ކުރިއަށް އޮތީ ޓްރާންސްފަރ ބާޒާރެވެ. ލީގުތަކުގެ ކުޅުމުގެ މައްޗަށް ކޮވިޑް ބަލި އަތްގަދަ ކުރިގޮތަށް ޓްރާންސްފަރ ބާޒާރަށްވެސް މިއޮތީ ކޮވިޑް ބަލި ޖެހިފަ އެވެ. ޓީމުތަކުގެ މާލީ ހާލަތަށް މި އައި ހީނަރުކަމާއެކު ކުޅުންތެރިން ގަނެ ވިއްކުމުގެ ވިޔަފާރިއަށް ވެސް މިފަހަރު ބޮޑު ލޮޅުމެއް މިވަނީ އައިސްފަ އެވެ. އެހެންކަމުން ކުރީ އަހަރުތަކުގެ ޓްރާންސްފަރ ބާޒާރުގެ ވިޔަފާރި އާއި އެއްފަދަ ވިޔަފާރިއެއް މިފަހަރު ފެނުމަކީ ވުން ވަރަށް ދުރުކަމެކެވެ. ވަކިން ޚާއްޞަކޮށް ބޮޑެތި އަދަދުތަކުން ޓްރާންސްފަރ ބާޒާރު ގުޑުވާލާ މަންޒަރު މިފަހަރު ފެނުން ނާދިރެވެ.
ޓްރާންސްފަރ ބާޒާރަށް މިފަހަރު ކުރިމަތިވާ ހީނަރުކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ މިވަގުތު ބޮޑެތި އަދަދުތަކުން ކޮންޓްރެކްޓް ހަދައިގެން ތިބި ކުޅުންތެރިންގެ ތެރެއިން ބެންޗުގައި އިންނަން ބޭނުންނުވާ ކުޅުންތެރިންނަށް ކަމަށް ގަބޫލުކުރެވެ އެވެ. އެ ކުޅުންތެރިންނަށް މިހާރު ލިބޭ ފަދަ މުސާރައެއް ދެން ބަދަލުވާ ކްލަބަކުން ލިބުމަކީ ވަރަށް ނާދިރުކަމެކެވެ. އަނެއްކޮޅުން ބޮޑު އަގުދީގެން ގަނެފައިވާ ކުޅުންތެރިން އެ ކުޅުންތެރިން ގަތް އަގާ ނުބައްދަލު އަގަކަށް އެހެން ކްލަބަކަށް ދޫކޮށްލަން ކްލަބުތަކުން ބޭނުންވާނެ ކަމަށް ގަބޫލު ނުކުރެވޭއިރު އެ ކްލަބުތަކުން ރުހޭފަދަ އަގެއް ދޭން އެހެން ކުލަބުތަކުން މިވަގުތު އެއްބަސްވާނެކަމަކަށް ވެސް ނުބެލެވެ އެވެ. މި ސަބަބުތަކާހުރެ މިހާރު ލިބޭ ބޮޑު މުސާރައާ އެކު ކުރިއަށް އޮތް ސީޒަނުގައި ވެސް މިހާރުގެ ކްލަބުގެ ބެންޗު ހޫނުކުރަންޖެހޭނެކަމަށް ލަފާކުރެވޭ ބައެއް ކުޅުންތެރިން އެބަތިއްބެވެ. ދެން މި ބަލާލަނީ އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަށެވެ.
ގަރެތު ބޭލް (ރެއާލް މެޑްރިޑް)
ރެއާލް މެޑްރިޑުން މިސީޒަނުގައި ދަނޑުމަތީގައި ދެއްކި ކުޅުމަށް ލިބުނު ސަމާލުކަމަށްވުރެ ބެންޗުގައި އިނދެގެން ބޭލް ދެއްކި ކުޅިވަރަށް ލިބުނު ސަމާލުކަން މިފަހަރު ކުޑައެއްނޫނެވެ. ފޯމު ގެއްލުމުގެ އިތުރުން ކޯޗު ޒިނެދިން ޒިދާންގެ ފޯކަސް އިން ގެއްލިފައިވާ ބޭލް ކޮވިޑް ބްރޭކަށް ފަހު ރެއާލްގެ ޖާޒީގައި ކުޅޭތަން ފެނުނީ އެންމެ ދެ މެޗުގަ އެވެ. ހަފްތާއަކު ހަ ލައްކަ ޕައުންޑުގެ މުސާރައެއް ރެއާލް މެޑްރިޑުން ދޭކަމަށް ބުނާ މި ކުޅުންތެރިޔާގެ މުސާރައިގެ ދެބައިކުޅަ އެއްބައި ރެއާލް އިން ދޭގޮތަށް އެހެންޓީމަކަށް ލޯން ޓްރާންސްފަރއެއް ހެދިޔަސް އެޓީމަކުން އޭނާ އަށް ހަފްތާއަކު ތިން ލައްކަ ޕައުންޑު ދޭންޖެހޭނެ އެވެ. އެހެންކަމުން އެފަދަ އަގެއް ބޭލް އަށް ދޭނެ ކްލަބެއް މިވަގުތު ނެތްކަމަށް ބުނެވިދާނެ އެވެ. ފަހަރެއްގައި ޗައިނާގެ ކްލަބަކަށް އެވަރު ދެވިދާނެ އެވެ. ނިމގެން ދިޔަ ސީޒަނުގެ ކުރިން ބޭލް ޗައިނާގެ ސުޕަރ ލީގަށް ބަދަލުވުމާއި ދާދި ގާތަށް ދިޔަ އެވެ. އެހެންނަމަވެސް ރެއާލުން އެންމެ ފަހު ވަގުތު އެކަން ވިޔަ ނުދިނެވެ. ބޭލްގެ އޭޖެންޓް ބުނަނީ ބޭލް އޭނާގެ ކޮންޓްރެކްޓް ހަމަވަންދެން މެޑްރިޑްގައި މަޑުކުރާނެކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނުގައި ވެސް ބޭލް ފެންނާނެ ކަމަށް ގަބޫލުކުރެވެނީ ހަފްތާއަކު ހަ ލައްކަ ޕައުންޑަށް މެޑްރިޑްގެ ބެންޗް ހޫނުކޮށްދޭ ތަނެވެ.
މެސުތު އޮޒިލް ( އާސެނަލް)
މިކޭލް އާޓެޓާ އާސެނަލްއާ ހަވާލުވުމުގެ ކުރިންނާއި އަދި ފަހުން ވެސް ފާހަގަވެފައި އޮތް އެއްކަމަކީ އާސެނަލްގެ ޕްލޭންގައި އޮޒިލް ނުހިމެނޭކަމެވެ. ކޮވިޑް-19އާ ހެދި ނަގަންޖެހުނު ބްރޭކަށް ފަހު އާސެނަލްގެ ސްކޮޑުން އޮޒިލް އަށް އެއްވެސް ފުރުސަތެއް ނުލިބެ އެވެ. އަދި އެފްއޭ ކަޕްގެ ތަށި ހޯދި ޓީމުގެ ބެންޗުގައި ވެސް އޮޒިލް ނުހިމެނެ އެވެ. އެހެންނަމަވެސް އާސެނަލްއިން އޮޒިލް އަށް ހަފްތާއަކު ދޭ ތިން ލައްކަ ޕައުންޑްގެ ފީއަކީ މަދު ކްލަބަކަށް ނޫނީ ދެވޭނެ އަދަދެއްކަމަށް ނުބެލެވެ އެވެ. އަދި އަމުދުން އެކުޅުންތެރިއެއްގެ އެންމެ ރަނގަޅު ދުވަސްތައް ފާއިތުވެފައިވާ ކަމަށް ބެލެވޭ ކުޅުންތެރިއަކަށް އެފަދަ އަގެއް ދޭން އެއްވެސް ކްލަބަކުން ގަބޫލު ވާނެކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން މުސާރަ ކުޑަކުރަން ބޭނުންނުވާނަމަ ގަބޫލުކުރެވެނީ ކޮންޓްރެކްޓް ހަމަވަންދެން އޮޒިލް ވެސް އާސެނަލްގެ ބެންޗުން އަންނަ ސީޒަނުގައި ވެސް ފެންނާނެކަމަށެވެ.
ފިލިއްޕޭ ކުޓީނިއޯ (ބާސެލޯނާ)
ލިވަޕޫލުން ޔޫރަޕް އަދި އޭގެފަހުން އިނގިރޭސި ޕްރިމިއަރ ލީގު ފަތަހަ ކުރުމުގެ ކުރިން ކުޓީނިއޯ ލިވަޕޫލުން 142 މިލިއަން ޕައުންޑަށް ބާސެލޯނާއަށް ބަދަލުވީ ވަރަށްބޮޑު އުއްމީދަކާއި އެކުގައި ކަން ޔަގީނެވެ. އެހެންނަމަވެސް މިހާރު އެއީ އެ ބަދަލަކާއި މެދު އޭނާ ހިތާމަކުރާނެ ބަދަލެއް ކަމުގައި ބެލެވެ އެވެ. ކުޓީނިއޯގެ ކުޅުން ދަށްވެ ބާސެލޯނާގެ ފުރަތަމަ 11 އިން ފުރުސަތު ގެއްލުމާ އެކު ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ބަދަލުވީ ބަޔާން މިޔުނިކަށެވެ. އެހެންނަމަވެސް ބަޔާން މިޔުނިކުގައި ވެސް ކުޓީނިއޯއަށް ލިވަޕޫލުގައި އޭނާ ދެއްކި ޖާދޫ ދެއްކޭ ގޮތެއް ނުވި އެވެ. އެހެންކަމުން ބަޔާނުން ވެސް ކުޓީނިއޯ ގަންނާކަށް ބޭނުމެއްނުވި އެވެ. މީގެ ނަތީޖާއަކަށް ވާނެ ކަމަށް ބެލެވެނީ ހަފްތާއަކަށް ލިބޭ ދެ ލައްކަ ފަންސާސް ހާސް ޕައުންޑްގެ މުސާރައާ އެކު ކުޓީނިއޯ އަންނަ ސީޒަނުގައި ބާސެލޯނާގެ ބެންޗުން ފެނުމެވެ.
ކެޕާ އަރިޒެބަލާގާ (ޗެލްސީ)
ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 2018/2019 ސީޒަނަށް 71.6 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ކެޕާ މިސީޒަނުގެ ފަހުކޮޅަށް ދިޔައިރު އިންނަން ޖެހުނީ ޗެލްސީގެ ބެންޗުގަ އެވެ. ޗެލްސީގެ މިހާރުގެ ކޯޗު ފްރޭންކް ލަމްޕާޑްގެ ފޯކަސް އިން ކެޕާ މިވަނީ ގެއްލިފަ އެވެ. އަންނަ ސީޒަނަށް އާ ކީޕަރަކަށް ލަމްޕާޑް ފާރަލާ ކަމުގައި ބައެއް ހަބަރުތައް ބުނެ އެވެ. އަނެއްކޮޅުން ޗެލްސީ އިން ކެޕާ އަށް ކުރި ހަރަދާއި ގާތްކުރާ އަގަކަށް އޭނާ ގަންނާނެ އެހެން ކްލަބެއް ވާނެހެނެއް ވެސް މިހާރު ހިއެއްނުވެ އެވެ. ކެޕާ ދޫކޮށްލާނަމަ ޗެލްސީއަށް ޖެހޭނީ އޭނާއަށް ކުރި ހަރަދާއި ނުބައްދަލު އަގަކަށް އެހެން ކްލަބަކަށް ވިއްކާލާށެވެ. އަދި އެހެން ވެއްޖެނަމަ ކެޕާއަށް ވެސް އޭނާގެ މުސާރައިން ބޮޑު ބައެއް ދޫކޮށްލަން ޖެހޭނެ އެވެ.
ޑޭވިޑް ޑެހެއާ (މެންޗެސްޓަރ ޔުނައިޓެޑް)
ކެޕާ އާއި ހިލާފަށް ޑެހެއާ ސީޒަނަށް ނިންމާލިއިރު ވެސް ހުރީ މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލުގަ އެވެ. އަދި އޭނާގެ ފަރާތުން ފެންނަމުންދިޔަ ގޯސްތައް ކޯޗު އޮލެ ގުނަ ސޯލްޝެއާ ދިޔައީ ދިފާއުކުރަމުންނެވެ. އެހެންނަމަވެސް އާ ސީޒަން ފެށޭއިރު ޑެހެއާ އަށް އޭނާގެ ޖާގަ ގެއްލޭނެ ކަމަށް ބުނާމީހުން މަދެއްނޫނެވެ. އަނެއްކޮޅުން ޑެހެއާ ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަފްތާއަކަށް ދެ ލައްކަ ޕައުންޑްގެ މުސާރައަކާ އެކު އާކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެހެންކަމުން އެފަދަ މުސާރައެއް އެހެން ކްލަބަކުން ދިނުމަކީ ފުޓްބޯޅައިގެ މިހާރުގެ ހާލަތާއި ޑެހެއާގެ ހާލަތަށް ބަލާއިރު ވުން ވަރަށް ދުރު ކަމެކެވެ. ދެން އޮތްގޮތަކީ ކެޕާއެކޭ އެއްގޮތަށް ޑެހެއާ ވެސް ބެންޗް ހޫނުކުރުމެވެ. ނޫންނަމަ އޭނާގެ ކުރީގެ ފޯމަށް އެނބުރި އައުމެވެ.
މީގެ އިތުރުންވެސް އަގުބޮޑުވުމުގެ ސަބަބުން ޓީމު ބަދަލުނުކުރެވޭނެ ހާލަތުގައި ބައެއް ކުޅުންތެރިން އެބަތިއްބެވެ. އޭގެތެރޭގައި ބާސެލޯނާ ދޫކޮށްލުމަށް ފަހު އެނބުރި އެޓީމަށް ނާދެވިގެން އުޅޭ ބްރެޒިލްގެ ތަރި ނޭމާ ފާހަގަކޮށްލެވެ އެވެ. އަދި ބާސެލޯނާ އަށް ނާދެވިގެން އުޅުނު އެހެންނަމަވެސް މިދިޔަ އަހަރު އެޓީމަށް ސޮއިކުރި އޮންޓުއަން ގްރީޒްމަން އަކީ ވެސް ބޮޑު އަގެއްގައި ބަނދެވިފައި ހުރި ކުޅުންތެރިއެކެވެ. ޓޮޓްންހަމް ހޮޓްސްޕާސްއާ އެކު ތަށްޓެއްގައި އަތްލުމުގެ ފުރުސަތު ކުޑަވުމާއެކު ހެރީ ކޭން ވެސް އެހެން ދިމާލަކަށް ދިއުމުގެ ވިސްނުން ހުރިކަމުގައި ބުނެވިދާނެ އެވެ. އެކަމަކު ސަހަލު އަގެއްގައި ޓޮޓްންހަމުން ކޭން ދޫކުރާނެކަމަށް ނުބެލެވޭތީ އޭނާއަށް ވެސް އެހެންދިމާއަކަށް ދިއުމުގެ ފުރުސަތު މިވަގުތު ނެތްކަމުގައި ބުނެވިދާނެ އެވެ.
ބޮޑު މުސާރައާ އެކު ބެންޗް ހޫނުކުރަމުންދިޔަ ކުޅުންތެރިންގެ ތެރެއިން ޓީމު ބަދަލުކުރުމުގެ ފުރުސަތު ހޯދި އެކަކީ ޗިލީގެ ތަރި އަލެސިސް ސަންޗޭޒް އެވެ. މެންޗެސްޓަރ ޔުނައިޓެޑުން އިންޓަރ މިލާނަށް ސަންޗޭޒް ދާއިމީކޮށް ބަދަލުވީ ބެލެވޭގޮތުގައި ފައިސާގެ ގޮތުން ބޮޑު އެއްޗެއް ދޫކޮށްލުމަށްފަހުގަ އެވެ.
Advertisement
Leave a Reply