އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު މިރޭ

އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ބްރެންޓްފޯޑާއި ފުލަމް މިރޭ ޗެމްޕިއަންޝިޕްގެ ޕްލޭއޮފް ފައިނަލުގައި ވާދަކުރާނެ އެވެ. އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭއޮފް ފައިނަލަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ އަގުބޮޑު މެޗެވެ.
ޗެމްޕިއަންޝިޕުން ތިން ޓީމަކަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމުގެ ފުރުސަތު ލިބޭއިރު ފުރަތަމަ ދެ ޖާގަ ކަށަވަރުކޮށްފައިވަނީ ޗެމްޕިއަން ލީޑްސް ޔުނައިޓެޑާއި ދެ ވަނަ ހޯދި ވެސްޓް ބްރޮމް އެވެ. ތިން ވަނަ ޖާގަ އަށް ބްރެންޓްފޯޑާއި ފުލަމް ވާދަކުރާއިރު މި މެޗުން މޮޅުވާ ޓީމަކަށް ލިބޭ އާމްދަނީ ގާތްގަނޑަކަށް 170 މިލިއަން ޕައުންޑަށް އަރާނެ އެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ އެހެން އެއްވެސް މެޗެއްގައި ލިބޭ އަދަދެއް ނޫނެވެ. 170 މިލިއަން ޕައުންޑް ނުވަތަ 216 މިލިއަން ޑޮލަރު މޮޅުވާޓީމަކަށް ލިބެނީ ޓީވީ ރައިޓްސް އާއި ޕްރިމިއާ ލީގުގެ ބޯނަސް އާއި ފައިސާގެ އިނާމް އަދި ކޮމާޝަލް ބޯނަހުގެ އިތުރުން ބެޓިން ފައިސާ ހިމެނޭ ގޮތަށެވެ.
ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުން ބްރެންޓްފޯޑް ފުރުސަތު ހޯދީ ސްވާންސީ ސިޓީގެ މައްޗަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. ފުލަމް ފައިނަލަށް ހޮވުނީ ޕްލޭއޮފްގައި ދެ ލެގްގެ އެގްރިގޭޓުން ކާޑިފް ސިޓީ ބަލިކޮށްގެންނެވެ. ޗެމްޕިއަންޝިޕްގައި ބްރެންޓްފޯޑާއި ފުލަމް އަށް އެއްވަރަށް ޕޮއިންޓް ލިބުނުއިރު ލަނޑުގެ ތަފާތުން ބްރެންޓްފޯޑް ވަނީ ތިން ވަނަ ހޯދައިފަ އެވެ. ޗެމްޕިއަންޝިޕްގައި ފުލަމްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ބްރެންޓްފޯޑް ވަނީ މޮޅުވެފަ އެވެ.
މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ ބްރެންޓްފޯޑަށް 73 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި ލީގުން ފުރުސަތު ލިބޭނެ އެވެ. އެޓީމުން ޗެމްޕިއަންޝިޕްގެ ތިން ވަނަ މަގާމް ހޯދީ ލޮކްޑައުނަށް ފަހު ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެންނެވެ. އޭގެފަހުން ކުޅުނު އަށް މެޗުން މޮޅުވިއިރު އޮޓަމެޓިކުން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމުގެ ފުރުސަތު އެޓީމަށް ގެއްލުނީ ފަހު ދެ މެޗުން ބަލިވުމުންނެވެ. މެޗުގެ ކުރިން ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ބުނީ ފައިނަލުގައި ބޮޑު ޓީމަކަށް ވާނީ ފުލަމް ކަމަށާއި، ހަގީގަތަކީ އެއީ ކަމަށެވެ. ފައިސާ އާއި އެހެން ގޮތްގޮތުން ބެލިޔަސް ބްރެންޓްފޯޑަށް ވުރެ ފުލަމް އޮންނާނީ ކުރީގައި ކަމަށް ކޯޗު ބުންޏެވެ.
ބްރެންޓްފޯޑުން ވަނީ ކުރިއަށް އޮތް ސީޒަނަށް 17500 މީހުންގެ ޖާގައިގެ އާ ސްޓޭޑިއަމެއް ބިނާކޮށްފަ އެވެ. މި ސީޒަނުގެ ޗެމްޕިއަންޝިޕަށް ފަހު 115 އަހަރުވީ ސްޓޭޑިއަމް ދޫކޮށް އެޓީމުގެ އަމާޒަކީ ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށް އާ ސްޓޭޑިއަމަށް ދިއުމެވެ. 47-1946 ވަނަ ސީޒަނުގައި އިނގިރޭސި ފުޓްބޯޅައިން ރެލިގޭޓްވިފަހުން އެޓީމަށް އެންމެ މަތީ ޑިވިޝަނަށް އެރިފައެއްނުވެ އެވެ. މިދިޔަ މުއްދަތުގައި އެޓީމު ވަނީ ޕްލޭއޮފް ބުރުގައި 08 ފަހަރު ކުޅެ ތިން ފައިނަލުން ބަލިވެފަ އެވެ.
މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކައި ޖެހިޖެހިގެން 13 ސީޒަނުގައި ލީގުގައި ވާދަކުރި ފުލަމް އަކީ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ވެސް ކުޅެފައިވާ ޓީމެކެވެ. 13 ސީޒަނަށް ފަހު އެޓީމު އިނގިރޭސި ލީގުން ރެލިގޭޓްވީ 2014 ވަނަ އަހަރު އެވެ. އެކަމަކު މީގެ ދެ އަހަރު ކުރިން އަލުން ލީގަށް ކޮލިފައިވުމަށް ފަހު 2019 ވަނަ އަހަރު އެޓީމު އަނެއްކާ ރެލިގޭޓްވި އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިދެޓީމު ވަރުގަދަ ފައިނަލަކަށް ނުކުންނައިރު ފުލަމް އިން ވަނީ ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުގައި 2018 ވަނަ އަހަރު 1-0 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. އެހެންވެ ވެމްބްލީގެ ތަޖުރިބާ އަށް ބަލާއިރު ފުލަމް އަށް ފަސޭހަތަކެއް އެބަހުރި ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ.
ފުލަމްގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ސްކޮޓް ޕާކާ ބުނީ ލީގުން ރެލިގޭޓްވުމުން ކްލަބް އަލުން ކޮޅަށް ޖަހަން ކުރާ މަސައްކަތުގައި ފައިނަލް މެޗު ކާމިޔާބުކުރުން މުހިއްމު ކަމަށެވެ. ޕާކާ ބުނީ މިއީ އުނދަގޫ ސީޒަނަކަށް ވާނެކަން އޭނާ އަށް މާކުރިން ވެސް އެނގޭ ކަމަށާއި، އެކަމަކު ފުލަމްގެ ފަރާތުން ބޮޑު ކުރިއެރުމެއް ފެނިފައިވާކަމަށެވެ.
އިނގިރޭސި ޗެމްޕިއަންޝިޕް ފައިނަލުގައި ބްރެންޓްފޯޑާއި ފުލަމް ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.
Advertisement


Leave a Reply