ސަސްޕަޓިސް: ނަމޫނާ މަސައްކަތަކާ އެކު ފޮނި ނަތީޖާއެއްގެ އިންތިޒާރުގައި!

Advertisement

ސަސްޕަޓިސް: ނަމޫނާ މަސައްކަތަކާ އެކު ފޮނި ނަތީޖާއެއްގެ އިންތިޒާރުގައި!

ޢަބްދުﷲ އަޝްރަފް
މިދިޔަ ހަފްތާ ސަސްޕަޓިސް އިން ހުޅުވި ސަސް ކޮފީ ކްލަބް. މިއީ ކްލަބްތަކަށް ނަމޫނާ މަސައްކަތެއް. ފޮޓޯ: އަވަސް

ޒުވާން ގްރޫޕަކުން މީގެ އަހަރުތަކެއް ކުރިން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓިސް) ވުޖޫދަށް ގެނައީ ފަހަރެއްގައިވެސް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުއްމީދުކޮށްގެނެއް ނޫނެވެ. އެކަމަކު ކްލަބް އުފައްދައި ފުޓްބޯޅައިގައި ވާދަކުރަން ފެށިތާ ގާތްގަނޑަކަށް ފަސް އަހަރުތެރޭ އެ ކްލަބުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދިއެވެ.

ސަސްޕަޓިސް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ މިއަހަރުގެ ކުރީކޮޅު އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ޓީމުގެ މަގާމް ހޯދައިގެންނެވެ. ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުމާއެކު އެ ކްލަބުން މިހާރު ވަނީ އަންނަ ސީޒަނަށް ތައްޔާރުވާން ފަށައިފަ އެވެ. އެކަމަކު އެޓީމުން ސީޒަނަށް ތައްޔާރުވާން ފެށީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ކްލަބަކުން މަދުން ނޫނީ ދައްކައިފައި ނުވާ ވަރުގެ މަންޒަރެއް ކުރަހައި ކުލަޖެއްސުމަށް ފަހުއެވެ.

Advertisement

ސަސް ކޮފީ ކްލަބް : ކްލަބް ކޮޅަށް ޖެހުމުގެ ފުރަތަމަ ފިޔަވަޅު

ރާއްޖޭގެ ފުޓްބޯޅައިގައި ވާދަކުރާ ގިނަ ކްލަބްތައް މިހާރު ވެސް އޮތީ މާލީ ގޮތުން ބޮޑު އަޑިގަނޑެއްގަ އެވެ. ކްލަބްތަކުގެ ކުޅުންތެރިންނަށް މުސާރަ ދެވެނީ ހަމަ ކިރިޔަ ކިރިޔާ އެވެ. މުސާރަ ނުދީގެން ކުޅުންތެރިން ކުރާ ޝަކުވާ އަމުދުން މަދެއްވެސް ނޫނެވެ. މިއޮތް ހުރިހާ ދުވަހު ކްލަބްތަކަށް ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލެވުނީ ފުޓްބޯޅަ އެސޯސިއޭޝަނާއި ސަރުކާރާއި އަދި ވިޔަފާރިވެރިންގެ އެހީ ލިބިގެންނެވެ. ކިރިޔާވެސް އަމިއްލަ ވިޔަފާރިއަށް ބަރޯސާވެގެން ހަރުދަނާ ކަމާއެކު ހިންގަމުން އަންނަނީ އެންމެ ކްލަބެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުމާއެކު ސަސްޕަޓިސް އިން އަމާޒު ހިފާފައިވަނީ އަމިއްލަ ވިޔަފާރީގެ ތެރެއިން ކްލަބް ހަރުދަނާކުރާށެވެ.

ޖުލައި 31 ވަނަ ދުވަހުގެ ރޭ ސަސް ކޮފީ ކްލަބް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ކުޑަ ހަފްލާގެ ތެރެއިން. – ފޮޓޯ: ސަސް ކޮފީ ކްލަބް

ސަސްޕަޓިސްގެ އަމާޒު ހަގީގަތަކަށް ހެދުމަށްޓަކައި އެ ކްލަބުން މިވަނީ ވަރުގަދަ ބިންގަލެއް އަޅައިފަ އެވެ. ކްލަބަށް ކާމިޔާބު ހޯދައިދޭނެ މޮޅު ކުޅުންތެރިން ހޯދުމުގެ ބަދަލުގައި އެ ކްލަބުން ފުރަތަމަ ވެސް ބެލީ އެ ކުޅުންތެރިން ގަންނާނެ ފައިސާ އަބުރުވެރިކަމާއެކު ހޯދޭނެ ގޮތެއް މަގުފަހިކުރާށެވެ. މި އަޒުމުގައި ފެށި ބުރަ މަސައްކަތާއެކު އެ ކްލަބުން މިހާރު ވަނީ މުހިއްމު އެއް ހަރުފަތް ގިރާކޮށްފަ އެވެ. މީގެ ދެދުވަސް ކުރިން އެ ކްލަބުން ހުޅުވި ސަސް ކޮފީ ކްލަބަކީ ކްލަބްގެ މާލީ ތަނަވަސްކަން އިތުރުކޮށް މުޅި ކްލަބް އެއްބައިވަންތަ ކުރުމުގެ މަގްސަދުގައި އެ ކްލަބުން ފެށި މަސައްކަތުގެ އެންމެ ފުރިހަމަ އެއް މިސާލެވެ. އަދި، އެއީ މާލީ ގޮތުން ރާއްޖޭގެ ކްލަބްތަކަށް މިހާތަނަށް ތަޖުރިބާކުރި ހިތްދަތިކަން އެ ކްލަބުން ތަހައްމަލުކުރަން ބޭނުންނުވާތީ އެޅި ވަރުގަދަ ފިޔަވަޅެކެވެ. އެކަމަކު، އެ ކްލަބުން ގަބޫލުކުރާ ގޮތުގައި ސަސް ކޮފީ ކްލަބަކީ މުޅި ކްލަބް ކޮޅަށް ޖެހޭ ވަރުގެ ވިޔަފާރިއެއް ނޫނެވެ.

“ސަސް ކެފޭ އަސްލު ހުޅުވީ ކްލަބަށް އިންކަމް ހޯދުމުގެ ގޮތުން ކްލަބް ކުރިއަރުވަން ބޭނުންވެގެން. މައިގަނޑު އަމާޒަކީ ކެފޭ އިން ލިބޭ އެއްޗެއް ކްލަބަށް ވެސް ލައިގެން ކްލަބް ކުރިއެރުވުން. ވިޔަފާރީގެ އިތުރުން ކްލަބް ކުރިއަށް ގެންދިއުމަށް ސްޕޮންސަރުންގެ އެހީވެސް ބޭނުންވާނެ” ސަސްޕަޓިސްގެ މެނޭޖަރު އިސްމާއީލް ތޯރިގު “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ.

ތޯރިގު ބުނީ ވިޔަފާރީގެ ތެރެއިން ކްލަބް ކުރިއަށް ގެންދެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށާއި، އެ ކްލަބުން މަސައްކަތް ކުރާނީ ކެތްތެރިކަމާއެކު ފަހަރަކު ހަރުފަތެއް ގިރާކުރުމަށް ކަމަށެވެ.

ފުރަތަމަ ޓާގެޓް: އެއް ވަނަ ޑިވިޝަނުގައި ހިފަހައްޓާލުން

ފަހަކަށް އައިސް މި ވޭތުވެދިޔަ އަހަރުތަކުގައި ދެ ވަނަ ޑިވިޝަނުން އެއް ވަނަ ޑިވިޝަނަށް ކޮލިފައިވި ޓީމުތަކުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެ ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ފައިތިލަ ސާބިތުކޮށްފަ އެވެ. ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބުން މިދިޔަ ފަސްވަރަކަށް އަހަރުދުވަހުގެ ތެރޭ ދައްކައިފައިވަނީ އެ މިސާލެވެ. ސަސްޕަޓިސްގެ ފުރަތަމަ ޓާގެޓަކީ އެއް ވަނަ ޑިވިޝަނުގައި ހިފަހައްޓާލުމެވެ.  ލީގުގެ އެންމެ އުހަށް އެރުމަކީ އަދި އެޓީމުގެ ވިސްނުމެއް ނޫނެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބަށް ވުމުގެ އުއްމީދު އެ ކްލަބުން ކުރެ އެވެ.

ދަގަނޑޭގެ އެކި ދުވަސްވަރުގެ ހާއްސަ ފޮޓޯތައް ކޮފީ ކްލަބްގެ ފާރުގައި ހަރުކޮށްފައި. މިއީ ކްލަބްގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ހުޅުވި ކެފޭ އެވެ. ފޮޓޯ: އަވަސް

“ފުރަތަމަ ޓާގެޓަކަށްވީ މިތަން ހުޅުވުން. އެއަށްފަހު ދެން އޮތީ ކޯޗުންނާ އަދި ކުޅުންތެރިންނާ ވާހަކަދެއްކުން. އަންނަ ސީޒަނުގެ ޓާގެޓަކީ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުން. އެއަށްފަހު ދެން އަންނަ އަހަރެއްގަ ރަނގަޅުކޮށް ދެވުނު އެންމެ މައްޗަކަށް ދާން ބޭނުންވަނީ. ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން މި ކްލަބުން ފެނުމަކީ ކުރާ އުއްމީދެއް” ކްލަބުގެ މެނޭޖަރު ބުންޏެވެ.

އާ ސީޒަނަށް ތައްޔާރުވަމުން އަންނައިރު އެ ކްލަބުން މިހާރު އަންނަނީ ބައެއް ކުޅުންތެރިންނާ ވާހަކަދައްކަމުންނެވެ. ކްލަބުން ބުނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނަށް އަންނަ ސީޒަނުގައި ވެސް ޓީމުން ފުރުސަތު ދޭނެކަމަށެވެ. މީގެ އިތުރުން ކްލަބުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް އިތުރު ކުޅުންތެރިންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރާނެކަމަށް ކްލަބުން ބުނެފައިވެ އެވެ.

ފެންނަ މަންޒަރުގެ ފަހަތުގައި ދަގަނޑޭ

ސަސް ކޮފީ ކްލަބް ހުޅުވުމުގެ ކުރިން ސަސްޕަޓިސް އިން އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓަކުން ފެނުނު އެއް މަންޒަރަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކެފޭ ތަރައްގީކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ޝާމިލްވެގެން އުޅުނުތަނެވެ. ކޮފީ ކްލަބްގެ އެއް ބިތުގައި ހުރީ ދަގަނޑޭގެ އެކި ދުވަސްވަރުގެ ފޮޓޯތަކެވެ. މުޅި ކެފޭއިންވެސް ސިފަކޮށްދެނީ ދަގަނޑޭއާ ކްލަބާ ގުޅުން އޮތް މިންވަރެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ސަސް ކޮފީ ކްލަބް ހުޅުއްވައި ދެއްވިއިރު އެންމެ ގާތުގައި ހުރީ ވެސް ދަގަނޑޭ އެވެ. ސަސްޕަޓިސް އިން ބުނީ ދަގަނޑޭ އަކީ އެ ކްލަބުގެ އެންމެ މުހިއްމު މެމްބަރު ކަމަށެވެ. އަދި، ދަގަނޑޭއާއެކު ކްލަބްގެ ބިންގާއަޅައި ކުރިއަށް ދިއުމަކީ އެ ކްލަބުގެ މެމްބަރުންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބްރޭންޑް ސަސްޕަޓިސްގެ މުގުލުގައި ހުރުމުން އުފެދުނު އެއް ސުވާލަކީ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި އެޓީމުން ދަގަނޑޭ ފެނިދާނެތޯ އެވެ. ސަސްޕަޓިސް އިން ބުނީ އެކަމާމެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށާއި، މަޝްހޫރު ކުޅުންތެރިން އެ ކްލަބުން ފެނުމަކީ އުއްމީދެއް ކަމަށެވެ. ދަގަނޑޭ މިހާރު ކުޅެމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބުން ވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި އެޓީމަށް ކުޅޭ ކުޅުންތެރިންގެ ލިސްޓުގައި ދަގަނޑޭގެ ނަން ހިމަނާނެކަމަށް ބުނެފަ އެވެ. އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ޓީސީ އަށް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ނުލިބިއްޖެ ނަމަ ދަގަނޑޭ ކްލަބް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ. ދިވެހި ފުޓްބޯޅައިގެ އާ ސީޒަން ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހު އެވެ.

ސަސް ކޮފީ ކްލަބް ހުޅުވުމުގެ ހަފްލާގައި ދަގަނޑޭ. ފޮޓޯ: ސަސް ކޮފީ ކްލަބް

ސަސްޕަޓިސް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި އަހަރުތަކެއް ހޭދަކުރުމަށް ފަހު އެވެ. ތިން ވަނަ ޑިވިޝަނުގައި ތިން އަހަރު ކުޅުނުއިރު މިއަހަރު އޮތް ދެ ވަނަ ޑިވިޝަން މުބާރާތުން ފުރުސަތު ހޯދީ ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދައިގެންނެވެ. ފުރަތަމަ ފަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ފައިނަލުގައި މަޝްހޫރު ކްލަބް ވެލެންސިއާ އަތުން ބަލިވި ނަމަވެސް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުމުން އެޓީމުގެ އުއްމީދު ހާސިލްވި އެވެ.

ދެން އޮތީ ސަސްޕަޓިސްގެ ފުޓްބޯޅަ ހަޔާތުގައި ކުރިމަތިވާނެ އެންމެ އުނދަގޫ އެއް އިމްތިހާނެވެ. އަލަށް ޕްރޮމޯޓްވާ ޓީމަކަށް އެއް ވަނަ ޑިވިޝަނުގައި ހިފަހައްޓާލެވޭނީ ލައްކަ މަސައްކަތްކޮށްގެންކަން އެ ކްލަބަށް ވެސް އޮޅިފައެއް ނެތެވެ. އެކަމަށް ސަސްޕަޓިސް އިން މިހާރުވެސް އެވަނީ ތައްޔާރުވާން ފަށައިފަ އެވެ. ދެން އޮތީ އެގޮތުގައި ހިފަހައްޓައި ނަތީޖާ އަށް އިންތިޒާރުކުރުމެވެ. “ފަހުމިނެޓް” އިން ސަސްޕަޓިސްގެ މަސައްކަތަށް އެދެނީ ކާމިޔާބެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *