ޔޫރަޕްގެ ރަން ބޫޓް އެންމެ ހާލުގައި ޖެހުނު އިޓަލީގެ ކުޅުންތެރިއަކަށް

Advertisement

ޔޫރަޕްގެ ރަން ބޫޓް އެންމެ ހާލުގައި ޖެހުނު އިޓަލީގެ ކުޅުންތެރިއަކަށް

ޢަބްދުﷲ އަޝްރަފް

އިޓާލިއަން ލީގުގައި މި ސީޒަންގައި 36 ގޯލް ކާމިޔާބުކޮށްގެން ޔޫރަޕްގެ ރަން ބޫޓް ލާޒީއޯ އަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް ސީރޯ އިމޯބިލޭ ހޯދައިފި އެވެ. އިޓާލިއަން ލީގުގައި 30 އަހަރުގެ އިމޯބިލޭ 36 ގޯލް ހަމަކޮށްފައިވަނީ ރޭ ލާޒިއޯ އިން ލީގުގައި ކުޅުނު އެންމެ ފަހު މެޗްގައި ނަޕޯލީ ކޮޅަށް އޭނާ ވައްދާލި ގޯލާ އެކު އެވެ. މި މެޗްގައި އިމޯބިލޭ ގޯލްޖެހި ނަމަވެސް މެޗް ނިމިފައިވަނީ 1-3 އިން ލާޒިއޯ ބަލިވެގެންނެވެ.

ޔޫރަޕްގެ ރަން ބޫޓް އިޓާލިއަން ލީގުގައި ކުޅޭ އިޓަލީގެ ކުޅުންތެރިއަކު ހޯދިއިރު ކޮރޯނާ ވައިރަސްގެ ސަބަބުން ޔޫރަޕުން އެންމެ ބޮޑަށް ހާލުގައި ޖެހުނު އެއް ގައުމަކީ އިޓަލީ އެވެ. އަދި ޔޫރަޕްގެ ލީގުތަކުގެ ތެރެއިން ކޮރޯނާވައިރަހުގެ ސަބަބުން މެޗްތައް ކެންސަލްކުރި ފުރަތަމަ ލީގަކީވެސް އިޓާލިއަން ލީގެވެ. މީގެ އިތުރުން، އިޓާލިއަން ލީގުގެ މަޝްހޫރު ބައެއް ކްލަބްތަކުގެ ކުޅުންތެރިން ބައްޔަށް ޕޮޒިޓިވް ވިއިރު އޭގެ ތެރޭގައި ލީގް ޗެމްޕިއަންކަން ހޯދި ޔުވެންޓަސްގެ ބައެއް ކުޅުންތެރިންވެސް ހިމެނެ އެވެ.

ޔޫރަޕްގެ ރަން ބޫޓަކީ ޔޫރަޕްގެ އެކި ގައުމުތަކުގައި ކުޅޭ ލީގުގެ ފެންވަރަށް ބަލައި ފާހަގަކޮށްލެވޭ ލީގުތަކުން އެ ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާ އަށްދޭ ޝަރަފެކެވެ. މި ސީޒަނުގައި ޔޫރަޕްގެ ރަން ބޫޓަށް އިމޯބިލޭ އާ އެންމެ ގާތުން ވާދަކޮށްފައިވަނީ ޖަރުމަނުގެ ބުންޑަސް ލީގާ ގައި މި ސީޒަނުގައި 34 ގޯލް ކާމިޔާބުކުރި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ. ތިން ވަނައިގައި މިފަހަރު ވާދަކޮށްފައި ވަނީ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިއީ 2006 ވަނަ އަހަރުގެ ސީޒަނުގެ ޔޫރަޕްގެ ރަން ބޫޓް ރޯމާގެ ފްރެންޗެސްކޯ ޓޮޓީ ހޯދިފަހުން ސްޕެނިޝް ލީގުގެ ކުޅުންތެރިއަކަށް މި ޝަރަފް ނުލިބިދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ތިން ސީޒަންގައި މި ޝަރަފް ބާސެލޯނާގެ ލިއޮނަލް މެސީ ހޯދިއިރު މިފަހަރު އޭނާ އަށް ލީގުގައި ކާމިޔާބުކުރެވޭ ވަރުވީ 25 ގޯލެވެ. އެކަމަކު ސްޕެނިޝް ލީގުގެ ރަން ބޫޓް ހޯދަން މެސީ އަށް އެ އަދަދު ފުދުނެވެ.

ޔޫރަޕްގެ ރަން ބޫޓް އިމޯބިލޭ އަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ވަނީ އިޓާލިއަން ލީގުގެ ޓޮޕް ސްކޯރަރ ގެ މަގާމް ހޯދައިފަ އެވެ. އެއީ 2013 ވަނަ އަހަރުގެ ސީޒަންގައި 22 ގޯލް އަދި 2016 ވަނަ އަހަރުގެ ސީޒަންގައި 29 ގޯލް ޖަހައިގެންނެވެ.

އިޓާލިއަން ލީގުގައި އެއް ސީޒަނެއްގައި މިހާތަނަށް އެއް ކުޅުންތެރިޔަކު އެންމެ ގިނައިން ޖެހި ގޯލްގެ އަދަދަކީވެސް 36 އެވެ. މިއަދަދަށް މީގެ ކުރިން ގޯލް ޖަހައިފައިވާ ހަމައެކަނި ކުޅުންތެރިއަކީ އާޖެންޓީނާގެ ގޮންޒާލޯ ހިގުއެން އެވެ. އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި މިފަހަރުގެ ސީޒަންގައި އިމޯބިލޭ އާ އެންމެ ގާތުން ވާދަކޮށްފައިވަނީ ރޮނާލްޑޯ އެވެ. ލީގުގައި 31 ގޯލް ޖަހައިފައިވާ ރޮނާލްޑޯ ލީގުގައި ޔުވެންޓަސްއިން ކުޅުނު އެންމެ ފަހު މެޗުން ފެނިފައެއް ނުވެ އެވެ. އިޓާލިއަން ލީގުގައި ތިން ވަނައަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރީ އިންޓަރ މިލާން އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމޭލޫ ލުކާކޫ އެވެ. ކުރިން ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑަށްވެސް ކުޅެފައިވާ ލުކާކޫ ވަނީ ލީގުގައި މިފަހަރު 23 ގޯލް ޖަހައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *