ލިވަޕޫލް ވަރުގެ ޗެލެންޖަކާ އަދި އަހަރެން ކުރިމައްޗެއް ނުލަން: ގާޑިއޯލާ

Advertisement

ލިވަޕޫލް ވަރުގެ ޗެލެންޖަކާ އަދި އަހަރެން ކުރިމައްޗެއް ނުލަން: ގާޑިއޯލާ

ޢަލީ ޝަހީމް

ކޯޗިން ކެރިއަރުގައި މިހާރުގެ ލިވަޕޫލް ޓީމުވަރުގެ ޗެލެންޖަކާ ކުރިމަތިނުލާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ގާޑިއޯލާ ސިޓީއާ ހަވާލުވިފަހުން އެޓީމާ އެންމެ ރަނގަޅު ވާދައެއް ކުރަމުން އަންނަ ޓީމަކީ ލިވަޕޫލެވެ. ޖަރުމަނަށް އުފަން ޔާގެން ކްލޮޕްގެ ކޯޗުކަމުގައި މިދިޔަ ދެ އަހަރު ލިވަޕޫލް ވެފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބަށެވެ. ސިޓީން 2019 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރީ ލިވަޕޫލަށް ވުރެ އިތުރަށް ޕޮއިންޓެއް ހޯދައިގެންނެވެ. އެކަމަކު މިދިޔަ ސީޒަނުގައި ލިވަޕޫލުން ވަނީ ސިޓީ ފަހަތަށް ޖައްސާލައި 18 ޕޮއިންޓުގެ ލީޑަކާއެކު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.

“އަހަރެން ވާދަކުރި އެންމެ އުނދަގޫ ޓީމަކީ ލިވަޕޫލްގެ މިހާރު ޓީމް. އިންގްލެންޑަށް އަހަރެން އައި ފުރަތަމަ އަހަރުތަކުގައި ލިވަޕޫލް ފެނުނީ ތަންކޮޅެއް ބަލިކަށިކޮށް. އޭރު އެންމެ މޮޅީ ރެއާލް މެޑްރިޑް. އެކަމަކު މިހާރު އަހަރެން ބުނާނީ ކޯޗިން ކެރިއަރުގައި ކުރިމަތިލި އެންމެ ޗެލެންޖިން ޓީމަކީ ލިވަޕޫލޭ” ކުޅިވަރުގެ ސްޓްރީމިން ވެބްސައިޓަކަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ބަލިކުރަން އެންމެ އުނދަގޫ ޓީމަކަށް ލިވަޕޫލް ވިނަމަވެސް ރެއާލް މެޑްރިޑްގައި މަނުއެލް ޕެލެގްރީނީ އާއި ހޯސޭ މޮރީނިއޯ ކޯޗުކޮށްދިން ދުވަސްވަރު ކުޅުނު މެޗުތަކުން ކޯޗެއްގެ ގޮތުގައި ބޮޑެތި ކުރިއެރުންތަކެއް އޭނާ އަށް ލިބުނު ކަމަށެވެ.

“އަހަރެން އަބަދުވެސް ބުނަމުން އައީ ރެއާލް މެޑްރިޑަކީ ކެރިއަރުގައި ތަޖުރިބާކުރި ވަރަށް ވަރުގަދަ ޓީމެކޭ. މޮރީނިއޯ އާއި ޕެލެގްރީނީ އަދި ދެން އެޓީމަށް އިރުޝާދުދިން ކޯޗުންނާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗުތަކާއި ވާދަވެރި މުބާރާތްތަކުން ކޯޗެއްގެ ގޮތުގައި އަހަރެންނަށް ކުރިއެރުން ލިބުނު” ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ މި ސީޒަނުގައި ސިޓީއަށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްދީފައެވެ. އެޓީމު މިހާރު ތައްޔާރުވަމުން އަންނަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގްގައި ސްޕެއިންގެ ރެއާލްއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށެވެ. އެއް އިރެއްގައި ގާޑިއޯލާގެ އެންމެ ވާދަވެރި ޓީމުގެ ގޮތުގައި އޮތް ރެއާލާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގްގެ މެޗު ސިޓީން ވަނީ 2-1 އިން ކާމިޔާބުކޮށްފައެވެ. ރެއާލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *