38 އަހަރުގައިވެސް އިބްރަހިމޮވިޗް ލަނޑުޖެހުމުގެ އާ ރެކޯޑެއް ހަދައިފި

Advertisement

38 އަހަރުގައިވެސް އިބްރަހިމޮވިޗް ލަނޑުޖެހުމުގެ އާ ރެކޯޑެއް ހަދައިފި

ޢަބްދުﷲ އަޝްރަފް

އިޓާލިއަން ލީގުގައި އޭސީ މިލާނުން ރޭ ކުޅުނު މެޗްގައި ދެ ގޯލް ޖަހައިގެން ސްވިޑުންގެ ފުޓްބޯޅަ ލެޖެންޑް ޒަލަޓަން އިބްރަހިމޮވިޗް އާ ރެކޯޑެއް ހަދައިފި އެވެ.

ރަށުން ބޭރުގައި ސަމްޕްޑޯރިއާގެ މައްޗަށް 1-4 އިން އޭސީ މިލާން ކުރި ހޯދި މެޗްގައި 38 އަހަރުގެ އިބްރަހިމޮވިޗް ޖެހި ދެ ގޯލާއެކު އޭސީ މިލާނަށް އޭނާ ކާމިޔާބުކޮށްދިން ގޯލްގެ އަދަދު 50 އަށް ވަނީ އަތައިފަ އެވެ. މިއާއި އެކު އިބްރަހިމޮވިޗް ހިމެނިފައިވަނީ މިލާންގެ އެންމެ ބޮޑު ދެ ކްލަބުގެ ޖޯޒީގައި 50 ގޯލް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ހިލޭ ޓްރާންސްފަރ އެއްގައި މިއަހަރުގެ ޖެނުއަރީ މަހު ސްވިޑުންގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އިބްރަހިމޮވިޗް އޭސީ މިލާނަށް ބަދަލުވި އިރު މިއީ އޭނާ އެ ޓީމަށް ކުޅޭ ދެވަނަ ފަހަރެވެ. އޭސީ މިލާނުގެ ޖޯޒީގައި މިފަހަރު ކުޅެން ފެށި ފަހުން މިހާތަނަށް 8 ގޯލް އިބްރަހިމޮވިޗް  ކާމިޔާބުކޮށްފައިވާއިރު މީގެ ކުރިން 2010 ވަނަ އަހަރާއި 2012 އަހަރާއި ދެމެދު އޭސީ މިލާނަށް ކުޅެދިން 61 މެޗްގައި އޭނާ ވަނީ 42 ގޯލް ޖަހައިފަ އެވެ.

އޭސީ މިލާނަށް ކުޅުމުގެ ކުރިން އިބްރަހިމޮވިޗް ވަނީ އިންޓަރ މިލާންގައިވެސް ވިދާލައިފަ އެވެ. 2006 ވަނަ އަހަރާއި 2009 ވަނަ އަހަރާއި ދެމެދު މިލާނުގެ ނޫ ޓީމަށް އިބްރަހިމޮވިޗް ކުޅެފައިވާއިރު އޭނާ ވަނީ އެ ޓީމަށް 57 ގޯލް ކާމިޔާބުކޮށްދީފަ އެވެ.

އޭސީ މިލާނަށް އިބްރަހިމޮވިޗް ބަދަލުވި ފަހުން އެ ޓީމަށް ލީގުގައި ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ. ޖެނުއަރީ މަހު އޭސީ މިލާނަށް އޭނާ ބަދަލުވި އިރު ޓޭބަލްގެ 11 ވަނައިގައި އެ ޓީމް އޮތް ނަމަވެސް މިހާރު އެ ޓީމް ވަނީ ޓޭބަލްގެ ހަވަނަ އަށް އަރައި ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އޭސީ މިލާނަށް މިފަހަރު އިބްރަހިމޮވިޗް ބަދަލުވި ފަހުން މިހާތަނަށް ލީގުގައި އެ ޓީމު ބަލިވެފައި ވަނީ އެންމެ ދެ ފަހަރު އެވެ.

ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި، ބާސެކޯނާގެ އިތުރުން ޕީއެސްޖީ އަށްވެސް ކުޅެފައިވާ އިބްރަހިމޮވިޗް ވަނީ މިހާތަނަށް ކްލަބް ފެންވަރުގަ އާއި ގައުމީ ޓީމުގައި ކުޅެގެން ޖުމްލަ 552 ގޯލް ކާމިޔާބުކޮށްފަ އެވެ. މި ރޭހުގައި އޭނާ އަށްވުރެ ކުރި ހޯދައިފައިވާ ހަމައެކަނި ދެ ކުޅުންތެރިންނަކީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *