ފީފާ އިން ގަވައިދު ބަދަލުކޮށްފި ނަމަ ޗައިނާ އަށް ކުޅޭނަން: އޮސްކާ

Advertisement

ފީފާ އިން ގަވައިދު ބަދަލުކޮށްފި ނަމަ ޗައިނާ އަށް ކުޅޭނަން: އޮސްކާ

ޢަލީ ޝަހީމް

ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވެވޭ އުސޫލު ތަންދޭނަމަ ޗައިނާގެ ރަށްވެހިކަން ހޯދައި އެގައުމުގެ ފުޓްބޯޅަ ޓީމަށް ކުޅެން ތައްޔާރަށް ހުރިކަމަށް ޝަންހާއީ އެފްސީ އަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ ބުނެފި އެވެ.

ފީފާގެ ގަވައިދު ބުނާގޮތުން އަމިއްލަ ގައުމުގެ ސީނިއާ ޓީމަށް ވާދަވެރި މެޗެއް ކުޅެފައިވާނަމަ އެހެން ގައުމެއްގެ ރަށްވެހިކަން ހޯދިޔަސް އެގައުމުގެ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ޗައިނާގެ ސުޕަރ ލީގަށް 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަދަލުވުމަށް ފަހު 28 އަހަރުގެ އޮސްކާ އަންނަނީ އެ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޗައިނާގެ ރަށްވެއްސަކަށް ވާން ބޭނުންނަމަ އަންނަ އަހަރު އެ ފުރުސަތު އޮސްކާ އަށް ލިބޭނެ އެވެ.

“އަހަރެންނަށް އެ ފުރުސަތު ލިބިއްޖެ ނަމަ އެކަމާ ވިސްނާނަން. މިހާރު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުމަކީ އަހަރެންނަށް އުނދަގޫކަމެއް. އެއީ އަހަރެން މިހާރު މި އުޅެނީ ޗައިނާގަ. އަހަރެންގެ ކުޅުން ޗައިނާ މީހުންނަށް ފެންނާނެ” ބްރެޒިލްގެ ގައުމީ ޓީމުގައި ކުރިން މޮޅު ކުޅުމެއް ދެއްކި އޮސްކާ ބުންޏެވެ.

އޮސްކާ ވަނީ މީގެ ކުރިން ބްރެޒިލްގެ ގައުމީ ޓީމަށް 47 މެޗު ކުޅެފަ އެވެ. އަދި، 2013 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމާއެކު އޮސްކާ ވަނީ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް އޮސްކާ އެންމެ ފަހުން މެޗެއް ކުޅުނީ ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން ބްރެޒިލްގެ ގައުމީ ޓީމުން އޭނާ އަށް ޖާގައެއް ނުލިބެ އެވެ.

“ޗައިނާއިން މިޑްފީލްޑަރެއް ބޭނުންވާނަމަ އަހަރެން މިހުރީ ކުޅެން ތައްޔާރަށް. އަހަރެން މި ގައުމަށް ވަރަށް ގަޔާވޭ. އަނެއްކާ އެހެން ގައުމެއްގެ ކުޅުންތެރިއަކު މި ގައުމަށް ކުޅެން ފުރުސަތު ލިބިއްޖެ ނަމަ ޓީމު އިތުރަށް ރަނގަޅު ވާނެ” އޮސްކާ ބުންޏެވެ.

ސީނިއާ ގައުމީ ޓީމަށް ނުކުޅޭ ބައެއް ކުޅުންތެރިން އަންނަނީ އެހެން ގައުމުތަކުގެ ރަށްވެހިކަމަށް ބަދަލުވެ ގައުމީ ޓީމުގައި ތަމްސީލުކުރަމުންނެވެ. ޗައިނާގެ ސުޕަރ ލީގަކީ ދުނިޔޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ކުޅެމުން އަންނަ ލީގެކެވެ. ބޮޑު އަގުގައި ޗައިނާގެ ކްލަބްތަކުން ވަނީ ވަރަށް ޒުވާން އުމުރުގައި ވެސް ބައެއް ކުޅުންތެރިން ގެންގޮސްފަ އެވެ. ޒުވާން އުމުރުގައި ޗެލްސީ ދޫކޮށް 2016 ވަނަ އަހަރު ޗައިނާ ލީގަށް އޮސްކާ ބަދަލުވީ ގާތްގަނޑަކަށް 61 މިލިއަން ޔޫރޯއަށެވެ.

ޗައިނާގެ ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޮސްކާ އަށް އެ ފުރުސަތު ލިބޭނީ ފީފާ އިން މިހާރު ހަދާފައިވާ ގަވައިދަށް ބަދަލު ގެނެސްފިނަމަ އެވެ. އެކަމަކު ޗައިނާ ލީގުގެ ގުއަންޒޫ އަށް ކުޅޭ ބްރެޒިލަށް އުފަން ފޯވާޑް އެލްކެސަން އަކީ ޗައިނާ އަށް ރަށްވެހިކަން ބަދަލުކޮށް އެގައުމުގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ޓީމުން 2011 ވަނަ އަހަރު ފުރުސަތު ލިބުނު ނަމަވެސް ވާދަވެރި އެއްވެސް މެޗެއްގައި އެލްކެސަން ގައުމީ ޓީމަށް ކުޅެފައެއްނުވެ އެވެ. ޗައިނާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރުސަތު ލިބުނުފަހުން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި 31 އަހަރުގެ ފޯވާޑް ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *