ރޮނާލްޑޯގެ ލަނޑާއެކު ޔުވެންޓަސް އިން ލީގު ޗެމްޕިއަންކަން ހޯދައިފި
ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ގޯލާ އެކު އިޓާލިއަން ލީގުގައި ރޭ ސަމްޕްޑޯރިއާގެ މައްޗަށް ކުރި ހޯދައި ޔުވެންޓަސް އިން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި އެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ސަމްޕްޑޯރިއާ އަތުން އެ ޓީމް މޮޅުވީ 1-2 އިންނެވެ.
ރޭގެ މެޗްގައި ޔުވެންޓަސް އަށް ލީޑް ނަގައިދިން ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވަނީ މެޗްގެ ފުރަތަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މިއީ މި ފަހަރުގެ ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި 31 ވަނަ ގޯލެވެ. އަދި، މިއީ ކޮރޯނާވައިރަހާ ގުޅިގެން ސީޒަން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށި ފަހުން ލީގުގައި އޭނާ ކާމިޔާބުކުރި ދިހަ ވަނަ ގޯލެވެ. މެޗްގައި ޔުވެންޓަސް އިން ޖެހި ދެވަނަ ގޯލް މެޗްގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިޓަލީގެ މިޑްފީލްޑަރު ފެޑެރީކޯ ބަނާޑޭޝީ އެވެ.
މައުރީސިއޯ ސާރީގެ އިރުޝާދުގެ ދަށުން މިފަހަރުގެ ލީގު ކާމިޔާބުކުރި ޔުވެންޓަސް ހިމެނިފައިވަނީ ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގައި ހިމެނޭ ޓީމްތަކުގެ ތެރެއިންވެސް ޖެހިޖެހިގެން ނުވަ ފަހަރު ލީގު ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. މި ރޭހުގައި ޔުވެންޓަސް އާ އެންމެ ގާތުން ވާދަކުރާ ޓީމަކީ މި ސީޒަންގައި ހޯދި ތަށްޓާއެކު ޖެހިޖެހިގެން އަށް ފަހަރު ލީގު ކާމިޔާބުކޮށްފައިވާ ބެޔާން މިޔުނިކެވެ. އެކަމަކު ޖެހިޖެހިގެން ނުވަ ފަހަރު ލީގު ކާމިޔާބުކޮށްފައިވާ ޔޫރަޕްގެ އެހެން ދެ ޓީމެއް އެބަ އޮތެވެ. އެއީ ސްކޮޓްލެންޑްގެ ސެލްޓިކާއި ބަލްގޭރިއާގެ ލުޑޮގޯރެޓްސް ރަޒްގްރާޑް އެވެ. ޖެހިޖެހިގެން އެންމެ ގިނަ ފަހަރު ލީގު ހޯދައިގެން ދުނިޔޭގެ ރެކޯޑް ހަދައިފައިވަނީ 15 ފަހަރު ވަނުއާޓޫގެ ލީގު ކާމިޔާބުކުރި ޓަފިއާ އެވެ.
މިއީ އިޓާލިއަން ލީގު ޔުވެންޓަސް އިން ކާމިޔާބުކުރި 36 ވަނަ ފަހަރެވެ. ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގައި ހިމެނޭ ޓީމްތަކަށް ބެލިއަސް މިއީވެސް ރެކޯޑެކެވެ. ޔުވެންޓަސް އަށްފަހު ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގައި ހިމެނޭ ޓީމްތަކުގެ ތެރެއިން އެންމެ ގިނަ ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފައިވާ ޓީމަކީ 34 ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑެވެ.
އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޔުވެންޓަސް އިން ރޭ ހޯދިއިރު ލީގުގައި އަދި ބާކީ ދެ މެޗް އެބަ އޮތެވެ. ޓޭބަލްގެ ދެވަނައިގައި އޮތް އިންޓަމިލާން އޮތީ ޔުވެންޓަސް އަށްވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ.
Advertisement
Leave a Reply