މުލަކުގައި ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

Advertisement

މުލަކުގައި ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

ޢަލީ ޝަހީމް
މުލަކު ވޮލީކޯޓު. - ފޮޓޯ: މުލަކު ސެލް ޖަމިއްޔާ

މ. މުލަކަށް ނިސްބަތްވާ ކޮމިއުނިޓީ އެންޕަވަރމެންޓް ލިންކޭޖް (ސެލް) އިން މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން “ސެލް ވޮލީބޯލް ޗެލެންޖް-2020” ގެ ނަމުގައި ވޮލީ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ފިރިހެން ކުޅުންތެރިންނަށް އަމާޒުކޮށްގެން އެރަށުގައި ބާއްވާ މި މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މިނިވަން ދުވަހުގެ ބަންދާއި ގުޅުވައިގެން އެރަށުގެ ވޮލީ ކޯޓުގައި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 24 އިން ޖުލައި 29 ގެ ނިޔަލަށެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓު ތައްޔާރުކޮށްފައިވަނީ މުލަކު ކައުންސިލުގެ އެހީތެރިކަމާއެކު މުލަކު ވޮލީ ކްލަބުންނެވެ. ސެލް ޖަމިއްޔާއިން ބުނީ ޓާފް އަޅައިގެން މުލަކު ކައުންސިލާއި ވޮލީބޯލް ކްލަބުން ތަރައްގީކުރި ކޯޓު ރަސްމީކޮށް ހުޅުވުން މުބާރާތް ފެށުމުގެ ކުރިން އޮންނާނެ ކަމަށެވެ.

މުލަކު ވޮލީ ކޯޓުގައި އެރަށުގެ ޒުވާނުންތަކެއް ކުޅެނީ. މިނިވަން ދުވަހާ ގުޅުވައިގެން ވޮލީ މުބާރާތެއް ބާއްވާނެ. ފޮޓޯ: ސެލް ޖަމިއްޔާ

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ޓީމަށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެ ވަނަ އަދި ތިން ވަނަ ޓީމުގެ ދެމެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުލަކު ކައުންސިލާ ގުޅިގެން ސެލް ޖަމިއްޔާއިން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މަގްސަދަކީ އެރަށުގައި ވޮލީގެ ފޯރި އިތުރުކޮށް ވޮލީއަށް ލޯބިކުރާ ޒުވާން ޖީލެއް އުފެއްދުން ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އާއްމު ފަރާތްތަކުގެ ދީލަތި އެހީއާއެކު މި މުބާރާތް އެރަށުގައި ކުރިއަށް ގެންދަނީ ކައުންސިލްގެ އިތުރުން އެރަށުގެ ވިމެންސް ވޮލީ ކްލަބާއި އަންހެން ކަނބަލުންގެ ހޭންޑްބޯލް ކޮމިއުނިޓީގެ އެއްބާރުލުމާއެކު އެވެ.

މި މުބާރާތުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ “ގެވެށި ގުޅުން” ކެމްޕޭނެވެ. ސެލް ޖަމިއްޔާގެ އޮފިޝަލަކު ބުނީ އެ ކެމްޕޭނުގެ ދަށުން ކޮންމެ ޓީމެއްގެ ޖާޒީގައި “ގެވެށި ގުޅުން” ބެޖު ހަރުކުރުމުގެ އިތުރުން މެޗުތައް ކުރިއަށްދާއިރު ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.

މުބާރާތް އިންތިޒާމުކުރާ ސެލް ޖަމިއްޔާ އަކީ އެރަށުގައި ގިނަ ހަރަކާތްތަކެއް އިންތިޒާމުކުރާ ޓީމް ރެހެންދީގެ ޒުވާނުން އެކުވެގެން އުފައްދަން މަސައްކަތްކުރަމުން އަންނަ އާ ޖަމިއްޔާއެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *