މި އަހަރު ބެލޮންޑިއޯ ނުދޭން ނިންމައިފި

Advertisement

މި އަހަރު ބެލޮންޑިއޯ ނުދޭން ނިންމައިފި

ޢަލީ ޝަހީމް

ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މިއަހަރު ނުދޭން، ބެލޮންޑިއޯ އިންތިޒާމުކުރާ ފްރާންސްގެ ފުޓްބޯޅަ މެގަޒިނުން ނިންމައިފި އެވެ.

ބެލޮންޑިއޯ އެވޯޑަކީ 1956 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ޝަރަފްވެރި އެވޯޑެކެވެ. ބެލޮންޑިއޯ ނުދޭން ނިންމީ ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅަ ގިނަ ދުވަސްތަކެއްވަންދެން މެދުކެނޑިފައި އޮތުމުން މިއީ އެވޯޑް ކުރިއަށްގެންދަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ފްރާންސް ފުޓްބޯޅަ މެގަޒިންގެ އިސް ފަރާތްތަކުން ގަބޫލުކުރުމުންނެވެ. އެވޯޑް ނުދޭން ނިންމުމުގެ މަޝްވަރާތައް ކުރުމަށް ފަހު މިއަހަރު ބެލޮންޑިއޯ ނުދޭނެކަން ހާމަކުރީ މިއަދު އެވެ.

1956 ވަނަ އަހަރު ދޭންފެށި އެވޯޑް 1995 ވަނަ އަހަރާއި ހަމައަށް ދިނީ ހަމައެކަނި ޔޫރަޕްގެ ކުޅުންތެރިންނަށެވެ. އެކަމަކު 1996 ވަނަ އަހަރުން ފެށިގެން ޔޫރަޕްގައި ކުޅޭ ކޮންމެ ގައުމެއްގެ ކުޅުންތެރިއަކަށް ވެސް ބެލޮންޑިއޯ ލިބޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. މުޅި ދުނިޔެއަށް މި އެވޯޑް ހުޅުވާލީ 2007 ވަނަ އަހަރު އެވެ. އެއަށްފަހު 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ބެލޮންޑިއޯ ދިނީ ފީފާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން “ފީފާ ބެލޮންޑިއޯ” ނަމުގަ އެވެ. އެކަމަކު އެއްބަސްވުން އުވާލުމަށް ފަހު ފީފާ އިން ވަނީ 2016 ވަނަ އަހަރު ފެށިގެން “ދި ބެސްޓް ފީފާ މެންސް އެވޯޑް” ތައާރަފްކޮށްފަ އެވެ. ބެލޮންޑިއޯ މިއަހަރު ނުދޭން ނިންމިއިރު ފީފާގެ އެވޯޑް ދިނުން ވެސް އެ އިދާރާއިން ވަނީ ފަސްކޮށްފަ އެވެ. ފީފާ އިން ކުރިން ނިންމީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އިޓަލީގެ މިލާނުގައި އެވޯޑް ދިނުމުގެ ހަފްލާ ބާއްވާށެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ގިނަ ބަޔަކު އެއްވެ އުޅޭ އިވެންޓްތައް ނުބޭއްވުމަށް ގައުމުތަކުން ނިންމާފައިވާތީ އެ ހަފްލާ ފަސްކުރީ އެވެ.

އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކުރީ އާޖެންޓީނާ އާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެވެ. މިދިޔަ އަހަރުގެ އެވޯޑާއެކު މެސީ ވަނީ ބެލޮންޑިއޯ ހަ ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. މެސީގެ ފަހަތުން ބެލޮންޑިއޯގައި އެންމެ ކާމިޔާބީ ފަސް ފަހަރު އެވޯޑް ހާސިލްކޮށްފައިވާ ޔުވެންޓަސް އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެސީ އާއި ރޮނާލްޑޯ ވެސް ވަނީ 12 ފަހަރު ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.

މިއަހަރުގެ ބެލޮންޑިއޯ ހޯދާނެކަމަށް ގިނަ ބަޔަކު ބުނަމުން އައީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވޮންޑޮސްކީ އެވެ. ޔޫރަޕްގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ލެވޮންޑޮސްކީ ވަނީ މި ސީޒަނުގައި މިހާތަނަށް 51 ގޯލު ބަޔާން މިއުނިކަށް ޖަހައިދީފަ އެވެ. އަދި، ބަޔާނުން ކާމިޔާބުކުރި ލީގުގައި އޭނާ ޖެހި 34 ގޯލާއެކު މިވަގުތު އޮތީ ޔޫރަޕްގެ ލަނޑު ލިސްޓުގެ އެއް ވަނައިގަ އެވެ. ޖަރުމަނު ކަޕާއި، ޖަރުމަނު ލީގު ބަޔާންއާއެކު ކާމިޔާބު ކުރުމަށް ފަހު އެޓީމަށް ބާކީ އޮތީ ޔޫއެފާ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި ބަޔާނުން ވަނީ 3-0 އިން ޗެލްސީ ބަލިކޮށްފަ އެވެ.

ލެވޮންޑޮސްކީގެ އިތުރުން މެސީ ވަނީ ސްޕެނިޝް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑާއި އެންމެ ގިނަ އެސިސްޓް ވީ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މެސީއާ ވާދަވެރި ރޮނާލްޑޯ އޮތީ އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގަ އެވެ. މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑުގެ ކުރީގައި އުޅުނު ކިލިއަން އެމްބާޕޭ އަށް ލީގުގައި ގިނަ ގޯލުތަކެއް ޖެހުމުގެ ފުރުސަތު ގެއްލުނީ ކޮވިޑް-19 ގެ ސަބަބުން ފްރާންސްގެ ލީގު ކެންސަލް ކުރުމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *