ބިޑް ކާމިޔާބުކޮށް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖެ އަށް

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް އީގެ ބާކީ މެޗުތައް ކުޅެން ރާއްޖޭން ކުރި ބިޑް ކާމިޔާބުކޮށްފި އެވެ. ރާއްޖޭން ބިޑް ކާމިޔާބުކުރުމާއެކު އަންނަ އޮކްޓޫބަރު މަހު ގްރޫޕް އީގެ ހުރިހާ މެޗެއް ރާއްޖޭގައި ކުޅޭ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.
ކޮވިޑް-19 ގެ ހާލަތު އަދިވެސް ރަނގަޅުނުވާތީ ސެންޓްރަލައިޒްކޮށް މެޗުތައް އެއް ދަނޑެއްގައި ކުޅޭގޮތަށް އޭއެފްސީން ދާދިފަހުން ވަނީ ކަނޑައަޅައިފަ އެވެ. މެޗުތައް ހޯސްޓް ކުރަން ރާއްޖޭން ބިޑް ކުރިކަން ހާމަކުރީ މި މަހުގެ 17 ވަނަ ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބިޑް ހުށަހެޅިތާ ތިން ދުވަސް ފަހުން ބައްސާމް މިއަދު ވަނީ ރާއްޖޭގައި މެޗުތައް ކުޅެން ހަމަޖެހިފައިވާކަން އިއުލާންކުރައްވާފަ އެވެ. ބައްސާމް ވިދާޅުވީ ބިޑް ކާމިޔާބު ކުރެވުމުން ރާއްޖޭގެ ކްލަބްތަކަށް މި މުބާރާތުން ކާމިޔާބު ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ބިޑް ކާމިޔާބުވުމުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އެފްއޭއެމަށް މަރުހަބާ ވިދާޅުވެފަ އެވެ. މަހުލޫފް ވިދާޅުވީ އަލުން ބޯޑަރު ހުޅުމާއެކު ލިބުނު މި ފުރުސަތުގެ ބޭނުންހިފައި ރާއްޖެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ދައްކައިދެވިދާނެ ކަމަށެވެ.
އޭއެފްސީން މިހާރު އާއްމުކޮށްފައިވާ ޝެޑިއުލްގައި ވާގޮތުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 23 އިން ނޮވެމްބަރު 04 ވަނަ ދުވަހުގެ ނިޔަލަށެވެ. 13 ދުވަސްތެރޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލަން އަމާޒު ހިފާފައިވާއިރު ދެމެޗު ދޭތެރޭ ކޮންމެ ޓީމަކަށް ލިބޭނީ ފުޓްބޯޅައިގެ ގަވާއިދު ބުނާގޮތަށް ދެ ދުވަހުގެ ބްރޭކެކެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕްގައި މިފަހަރު ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް އަންނަނީ ވާދަކުރަމުންނެވެ. މި ދެޓީމުގެ އިތުރުން ގްރޫޕްގައި ހިމެނެނީ އިންޑިއާގެ ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ކޮވިޑް-19 ގެ ސަބަބުން މެޗުތައް މެދުކަނޑާލިއިރު ކޮންމެ ޓީމަކުން ވަނީ މެޗެއް ކުޅެފަ އެވެ. ބަޝުންދުރާ އަތުން ޓީސީ ރަށުން ބޭރުގައި 5-1 އިން ބަލިވިއިރު އަމިއްލަ ދަނޑުގައި ޗެންނާއީން ވަނީ މާޒިޔާއާ 2-2 އިން އެއްވަރުކޮށްފަ އެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ކުޅޭނީ އެއް ވަގުތެއްގަ އެވެ. ރާއްޖޭގައި ބައިނަލްއަގްވާމީ މެޗުތައް އާއްމުކޮށް ކުޅެނީ ގަލޮޅު ދަނޑުގަ އެވެ. އެނގިފައިވާ ގޮތުގައި އެއްވަގުތެއްގައި ކުޅެންޖެހޭ މެޗުތައް އޮންނާނީ ގަލޮޅު ދަނޑާއި އައްޑޫ ސިޓީގެ ފުޓްބޯޅަ ސްޓޭޑިއަމްގަ އެވެ. އައްޑޫ ސިޓީގެ ހިތަދޫގައި އޮންނަ ފުޓްބޯޅަ ދަނޑުގައި މީގެ ކުރިން ވެސް ވަނީ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތައް ބާއްވާފަ އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅެން ލިބުމަކީ ރާއްޖޭގެ ކްލަބްތަކަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. އަދި، އަހަރުތަކަކަށް ފަހު އޭއެފްސީ ކަޕްގެ އަނެއް ހަރުފަތަށް ރާއްޖޭގެ ކްލަބަކަށް ދިއުމަށް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ.
Advertisement


Leave a Reply