ސިޓީ ކަޓުވާލުމަށް ފަހު އާސެނަލް ފައިނަލަށް

Advertisement

ސިޓީ ކަޓުވާލުމަށް ފަހު އާސެނަލް ފައިނަލަށް

ޢަލީ ޝަހީމް

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކަޓުވާލުމަށް ފަހު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލުން ހޯދައިފި އެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުން އާސެނަލް މޮޅުވީ 2-0 އިންނެވެ.

ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް އާސެނަލުން ކަށަވަރުކުރިއިރު މި މުބާރާތް އެންމެ ފަހުން އެޓީމުން ކާމިޔާބުކުރީ 2017 ވަނަ އަހަރު އެވެ. މިއީ މި މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކުރި 21 ވަނަ ފަހަރެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް އެޓީމަށް ލިބެނީ 13 ތައްޓާ އެކު އެވެ. އާސެނަލާ އެންމެ ގާތުން ވާދަކުރަނީ 12 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ. އާސެނަލް އަތުން މިރޭ ބަލިވި ސިޓީން ހަ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު ސެމީގައި މާދަމާ ރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ޗެލްސީން ވަނީ އަށް ފަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ސިޓީ ކޮޅަށް އާސެނަލްގެ ދެ ލަނޑު ވެސް ޖަހައިދިނީ ގޭބޮންގެ ހުނަރުވެރި ފޯވާޑް ޕިއޭ-އެމެރިކް އޮބާމިޔަން އެވެ. މެޗުގެ ކުރީކޮޅު އޮބާމިޔަން އަށް ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް 19 ވަނަ މިނެޓުގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި އޭނާ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހެއް އޮބާމިޔަން ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި އާސެނަލްގެ ޝޮރްޑަން މުސްތާފީ ސިޓީގެ ރަހީމް ސްޓާލިން އަށް ފައުލްކުރި ކަމަށް ބުނެ ޕެނަލްޓީއަކަށް ވަނީ އެޕީލްކޮށްފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމައިފަ އެވެ. އާސެނަލްގެ ދެ ވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި އޮބާމިޔަން ޖެހީ ކިއެރަން ޓިއާނީ ދިން ބޯޅަ ހޯދުމަށް ފަހު ހަމަޖެހިލާފައި ތިރިތިރިން ގޯލަށް ވައްދާލައިގެންނެވެ. މިއީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އާސެނަލަށް ބަދަލުވުމަށް ފަހު ހުރިހާ މުބާރާތެއްގައި އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން 66 ވަނަ ގޯލެވެ.

ސިޓީގެ މައްޗަށް އާސެނަލުން މިރޭ މޮޅު ހޯދިއިރު އޭގެ ކުރިން ކުޅުނު ހަތް މެޗުން ވެސް އާސެނަލް ވަނީ ސިޓީ އަތުން ބަލިވެފަ އެވެ. ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ބަލިވި މި ހަތް މެޗުގައި ސިޓީން 20 ލަނޑު ޖެހިއިރު އާސެނަލަށް ޖެހުނީ އެންމެ ދެ ލަނޑެވެ. އެކަމަކު ކުރިން ސިޓީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މިކޭލް އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން މިރޭ ވަނީ ސިޓީއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އާސެނަލާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޓީމެއް އެނގޭނީ މާދަމާ ރޭ ޔުނައިޓެޑާއި ޗެލްސީއާ ކުޅޭ ދެ ވަނަ ސެމީ މެޗުންނެވެ. މި ދެޓީމު ކުޅޭ މެޗު ފަށާނީ މާދަމާ ރޭ ރާއްޖެ ގަޑިން 10:00 ގަ އެވެ. އެފްއޭ ކަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *