ލިވަޕޫލްގެ ރެކޯޑަށް ބާންލީން ނިމުން ގެނެސްފި

Advertisement

ލިވަޕޫލްގެ ރެކޯޑަށް ބާންލީން ނިމުން ގެނެސްފި

ޢަލީ ޝަހީމް

މި ސީޒަނުގެ ލީގުގައި އަމިއްލަ ދަނޑުގައި ހުރިހާ ޓީމެއް ބަލިކުރަމުން އައި ޗެމްޕިއަން ލިވަޕޫލް މޮޅުވިޔަނުދީ ބާންލީ އިން ހިފަހައްޓައިފި އެވެ. މިރޭ ލިވަޕޫލްގެ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ލިވަޕޫލަށް މިހާރު ވަނީ އަމިއްލަ ދަނޑުގައި ސަތޭކަ އިންސައްތަ ރެކޯޑް ހަމަކޮށްގެން ލީގު ނިންމާލުމުގެ ފުރުސަތު ގެއްލިފަ އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި އެއް ސީޒަނެއްގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ޓީމުގެ ރެކޯޑް އޮތީ ސަންޑަލޭންޑް އަތުގަ އެވެ. އެޓީމުން ވަނީ 92-1991 ސީޒަނުގައި ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 13 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. މި ރެކޯޑާ އެންމެ ގާތަށް ޖެހިލި ޓީމަކީ މި ސީޒަނުގައި ލިވަޕޫލެވެ. އަމިއްލަ ދަނޑުގައި ހުރިހާ ޓީމެއް ބަލިކުރަމުން އައިސް މިރޭ ބާންލީއާ ދެކޮޅަށް ވެސް އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެކަމަކު އެޓީމަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށް ވަނީ ބާންލީގެ އިނގިރޭސި ގޯލްކީޕަރު ނިކް ޕޯޕް އެވެ.

މިރޭގެ މެޗުގެ ކުރިން ލީގުގައި ލިވަޕޫލަށް މޮޅެއް ނުލިބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެފަހުން ކުޅުނު 24 މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. ސަންޑަލޭންޑް ހެދި ރެކޯޑާ ލިވަޕޫލަށް ހަމަނުކުރެވުނީ އަމިއްލަ ދަނޑުގައި ބާކީ ދެ މެދު އޮއްވަ އެވެ. އެންފިލްޑް ސްޓޭޑިއަމްގައި އެޓީމުން މި ސީޒަނުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ ފުލްބެކް އެންޑީ ރޮބާޓްސަން އެވެ. މެދުތެރެއިން ފަބީނިއޯ ނަގައިދިން ބޯޅަ ރޮބާޓްސަން ގޯލުގެ މަތީ ކަނަށް ވައްދާލީ ބޮލުން ޖަހަ އެވެ. ދެ ވަނަ ހާފުގައި ބާންލީ އަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ ޖޭ ރޮޑްރީގޭޒް އެވެ. މެޗު އެއްވަރުވި ނަމަވެސް ލިވަޕޫލުން ވަނީ ބާންލީގެ ގޯލަށް 23 ހަމަލާ ފޮނުވާލައިފަ އެވެ. އޭގެތެރެއިން ކީޕަރު ޕޯޕް ވަނީ އަށް ހަމަލާ ހުއްޓުވައިފަ އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެޓީމުން ގިނަ ހަމަލާތަކެއް އުފެއްދި އިރު ބައެއް ވަގުތުތަކުގައި ފެނުނީ ލިވަޕޫލުން ބާންލީގެ ކީޕަރު ޕޯޕްއާ ދެކޮޅަށް ކުޅުނުތަން ކަމަށެވެ.

“ބައެއް ވަގުތަކުގައި ހީވި ލިވަޕޫލުން ކުޅުނީ ޕޯޕްއާ ދެކޮޅަށެވެ. އޭނަ ވަރަށް މޮޅު ކުޅުމެއް ދެއްކި. އެކަމަކު އަހަރެމެންނަށް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނީސް. ގިނަ ހަމަލާތަކެއް ޕޯޕް ހުއްޓުވި ނަމަވެސް އަހަރެމެންނަށް މި މެޗުގައި އިތުރަށް ގޯލު ޖެހެންޖެހޭ” 30 އަހަރަށް ފަހު ލިވަޕޫލަށް އިނގިރޭސި ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *