ޗެލްސީ އިތުބާރާއެކު ތިންވަނަ އަށް، ލެސްޓަރ ފިރުކެނީ

Advertisement

ޗެލްސީ އިތުބާރާއެކު ތިންވަނަ އަށް، ލެސްޓަރ ފިރުކެނީ

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައިގެން  ޗެލްސީން ޓޭބަލްގެ ތިންވަނަ އަށް އެރި އިރު ޓޭބަލްގެ ތިންިގައި ކުރިން އޮތް ލެސްޓަރ ސިޓީން އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެ އެވެ. ކްރިސްޓަލް ޕެލަސް ގެ ދަނޑުގައި ޗެލްސީން ކުޅުނު މެޗް 2-3 އިން އެ ޓީމް ކާމިޔާބުކުރި އިރު ލެސްޓަރ އާއި އާސެނަލް އެމިރޭޓްސް ސްޓޭޑިއަމްގައި ވާދަކުރި މެޗް އެއްވަރު ވީ 1-1 އިންނެވެ.

ރޭގެ ނަތީޖާ ތަކާއެކު ގިނަ ދުވަސްތަކެއް ވަންދެން ޓޭބަލްގެ ތިން ވަނައިގައި ހިފަހައްޓަމުން އައި ލެސްޓަރ އަށް މަގާމް ގެއްލުނު އިރު އެ ޓީމަށް ގަދަ ހަތަރެއްގައި ސީޒަން ނިންމާލެވޭނެ ކަމާމެދުވެސް މިހާރު އޮތީ ސުވާލު އުފެދިފަ އެވެ. މިހާތަނަށް 34 މެޗް ކުޅެގެން 59 ޕޮއިންޓް ލެސްޓަރ އަށް ލިބިފައި ވާއިރު އެ ޓީމްގެ ފަހަތުން ފަސް ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑު ބުރާސްފަތި ދުވަހުގެރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ ދެ ޓީމްގެ ދެމެދުގައި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ. މިވަގުތު ވަރަށް ރަގަޅު ފޯމެއްގައި އޮތް ޔުނައިޓެޑާއި، ފޯމް ގެއްލިފައި އޮތް ލެސްޓަރ އިން ގަދަ ހަތަރެއްގެ ޖާގަ އެއް ކަށަވަރުކުރުމުގެ ރޭހުގައި ވަރުގަދަ ހަނގުރާމަ އެއް ކުރަމުން އަންނަ އިރު އެންމެ ޝައުގުވެރި އެއްކަމަކީ ލީގުގެ އެންމެ ފަހު މެޗްގައި މި ދެޓީމަށް ވާދަކުރަން ޖެހިފައި އޮތުމެވެ. މި މަހުގެ 28 ވަނަ ދުވަހު މި މެޗް ކުޅޭނީ ލެސްޓަރ ސިޓީގެ ދަނޑުގަ އެވެ.

ލީގުގައި ބާކީ ހަތަރު މެޗް ޗެލްސީ އަށް އޮއްވައި އަމިއްލަ ބާރުގައި ތިން ވަނައިގައި އޮވެ ނިންމާލަން ފުރުސަތު ލިބުމަކީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. 60 ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ޗެލްސީ އަށް ދެން ލީގުގައި ބާކީ އޮތީ ޝެފީލްޑް ޔުނައިޓެޑާއި، ނޯވިޗް ސިޓީގެ އިތުރުން ލިވަޕޫލް އަދި ވޮލްވްސް އާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

ރޭ ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗްގައި ޗެލްސީ އަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އޮލިވިއޭ ޖިރޫޑް، ކްރިސްޓިއަން ޕުލިސިޗް އަދި ޓޯނީ އަބްރަހަމް އެވެ. ކްރިސްޓަލް ޕެލަސްގެ ގޯލްތައް ކާމިޔާބުކޮށްފައިވަނީ ވިލްފްރީޑް ޒަހާ އާއި ކްރިސްޓިއަން ބެންޓެކޭ އެވެ.

ލެސްޓަރ އާއި އާސެނަލް ބައްދަލުކޮށް އެއްވަރުވި މެޗްގައި އާސެނަލްގެ އެމެރިކް އައުބަމަޔަންގް ލަނޑެއް ޖަހައި އާސެނަލް އަށް ކުރި ހޯދައިދީފައިވަނިކޮށް ލެސްޓަރ އަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދީފައިވަނީ މެޗް ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޖޭމްސް ވާޑީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *