ބަޔާން މިއުނިކުން 20 ވަނަ ފަހަރަށް ޖަރުމަނު ކަޕް ކާމިޔާބުކޮށްފި

Advertisement

ބަޔާން މިއުނިކުން 20 ވަނަ ފަހަރަށް ޖަރުމަނު ކަޕް ކާމިޔާބުކޮށްފި

ޢަލީ ޝަހީމް

ފައިނަލުގައި 4-2 އިން ބަޔާން ލެވަކޫސަން ބަލިކޮށް ޖަރުމަނުގެ ކަޕްގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ބަޔާން މިއުނިކުން ހޯދައިފި އެވެ. ޖަރުމަނު ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ހޯދުމަށް ފަހު ރޭ ހޯދި ކާމިޔާބީއާއެކު އެޓީމުން މިހާރު ވަނީ ޑޮމެސްޓިކް ޑަބަލް 13 ސީޒަނުގައި ހޯދައިފަ އެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ކުރީކޮޅު ބަޔާނުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ލިބުނު ހިލޭޖެހުމަކުން ޑޭވިޑް އަލާބާ ކާމިޔާބުކޮށްދިންއިރު ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޒުވާޑް ފޯވާޑް ސާޖް ގްނެބްރީ އެވެ. ރޭގެ ގޯލާއެކު ގްނެބްރީ ވަނީ މި ސީޒަނުގައި މިހާތަނަށް 20 ގޯލު ހަމަކޮށްފަ އެވެ. ބަޔާނުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ކުޅަދާނަ ފޯވާޑް ރޮބާޓް ލެވޮންޑޮސްކީ އެވެ. މެޗުގެ ތިން ވަނަ ގޯލު ލެވޮންޑޮސްކީ ޖަހާފައި ވަނިކޮށް ސްވެން ބެންޑާ ބޮލުން ޖެހި ގޯލުން ލެވަކޫސަނުން ވަނީ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު ލެވޮންޑޮސްކީ ވަނީ މެޗުގައި އިތުރު ގޯލެއް ޖަހައި ނަތީޖާ 4-1 އަށް ބަދަލުކޮށްލާފަ އެވެ. ލެވަކޫސަންގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒުވާން ހުނަރުވެރި މިޑްފީލްޑަރު ކާއި ހާވަޓްޒް އެވެ.

ރޭ ޖެހި ދެ ގޯލާއެކު ލެވޮންޑޮސްކީ ވަނީ މި ސީޒަނުގައި ބަޔާނަށް ކުޅުނު 44 މެޗުގައި 51 ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި ޖަރުމަނު ލީގުގެ ރަން ބޫޓު ލެވޮންޑޮސްކީ ހޯދިއިރު އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޭގެ މެޗާއެކު ބަޔާނުން މިހާރު ވަނީ ޖެހިޖެހިގެން 26 މެޗުން ބަލިނުވެ ކްލަބް ރެކޯޑެއް ހަދައިފަ އެވެ. މިދިޔަ 26 މެޗުގެ ތެރެއިން އެޓީމުން ވަނީ 25 މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފަ އެވެ. އަނެއްކޮޅުން ރޭގެ މެޗަކީ ޖެހިޖެހިގެން އެޓީމުން ހޯދި 17 ވަނަ މޮޅެވެ.

ފައިނަލުން ބަލިވި ލެވަކޫސަނުން ތައްޓެއްގައި އަތްލަން ކުރާ އިންތިޒާރު އަނެއްކާ މިވަނީ ދިގުވެފަ އެވެ. 1988 ވަނަ އަހަރު ހޯދި ޔޫއެފާ ކަޕާއި 1993 ވަނަ އަހަރު ޖަރުމަނު ކަޕް ކާމިޔާބު ކުރިފަހުން ލެވަކޫސް ވަނީ ފަސް ފައިނަލެއްގައި ކުޅެ ނާކާމިޔާބުވެފަ އެވެ. އޭގެތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަކާއި ޖަރުމަނު ކަޕްގެ ތިން ފައިނަލް ހިމެނެ އެވެ. އަދި، މި މުއްދަތުގައި އެޓީމުން ވަނީ ޖަރުމަނު ލީގުގެ ދެ ވަނައިގައި ފަސް ސީޒަނުގައި ހިމެނިފަ އެވެ.

ޖަރުމަނު ކަޕްގެ ފައިނަލަށް ފަހު ބަޔާން އާއި ލެވަކޫސަނަށް ޔޫރަޕްގެ މުބާރާތްތައް އަދި އެބައޮތެވެ. ބަޔާނުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި ރަށުން ބޭރުގައި ވަނީ 3-0 އިން ޗެލްސީ ބަލިކޮށްފަ އެވެ. އެހެންވެ އަމިއްލަ ދަނޑުގައި ނަތީޖާ ނެރެގެން އެޓީމުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރާނެކަމަށް ބެލެވެ އެވެ. ޔޫއެފާ ޔޫރޮޕާ ލީގުގައި ކުޅޭ ލެވަކޫސަނުން ވަނީ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގްގައި 3-1 އިން ރޭންޖާސް ބަލިކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *