ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

Advertisement

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

ޢަބްދުﷲ އަޝްރަފް

ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ މިއަހަރު ބާއްވަން ހަމަޖެހިފައިވާ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި އެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތް މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މުބާރާތް އަންނަ އަހަރަށް ފަސްކުރީ ބަންގްލަދޭޝްގައި ކޯވިޑް 19 ގެ ހާލަތު ގޯސްވެފައި އޮތުމާއި ގުޅިގެންނެވެ.

ކޯވިޑް 19 އާ ގުޅިގެން ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ އީދު ފަސްކޮށްފައިވާއިރު މި ބައްޔާ ގުޅިގެން، ދުނިޔޭގައި ބޭއްވޭ ބޮޑެތި ވަރަށް ގިނަ މުބާރާތްތައްވެސް މިއަހަރު ނުބާއްވަން ނިންމައި އަންނަ އަހަރަށް ވަނީ ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި އޮލިމްޕިކްސް އާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް ހިމެނެ އެވެ.

Advertisement

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 އިން 30 އަށް ބާއްވަން ކުރިން ހަމަޖައްސައިފައި އޮތް ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފައި މިވަނީ މުބާރާތުގައި ބައިވެރިވާ ހަތް ގައުމުގެ ފުޓްބޯޅަ އެސޯޝިއޭޝަންތަކުގެ ޖެނެރަލް ސެކެޓްރީން ހިމެނިވަޑައިގަންނަވާ ގޮތަށް އިއްޔެ ބޭއްވި އޮންލައިން ބައްދަލުވުމަކަށް ފަހު އެވެ. ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮކޮށްފައިވީ ނަމަވެސް މުބާރާތް އަލުން ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ސާފް ސުޒުކީ ކަޕްގެ ނަމުގައި މިހާރު ކުރިއަށްގެންދާ މުބާރާތް އެންމެ ފުރަތަމަ ބާއްވައިފައިވަނީ ސާކް ގޯލްޑްކަޕްގެ ނަމުގައި 1993 ވަނަ އަހަރު އެވެ. މި މުބާރާތް އެންމެ ފަހުން ބާއްވައިފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު އެ މުބާރާތް ކާމިޔާބުކޮށްފައިވަނީ ރާއްޖެ އިންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަތް ފަހަރު ޗެމްޕިއަންކަން ހޯދައިފައިވާ އިންޑިއާ އެވެ. ރާއްޖެއިން ވަނީ މުބާރާތުގެ ތަށި ދެފަހަރު އުފުލާލައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *