މެސީގެ ހާޒިރުގައި ރާއްޖެ ހުޅުވާ ދުވަސް އިސްތިހާރުކޮށްފި

Advertisement

މެސީގެ ހާޒިރުގައި ރާއްޖެ ހުޅުވާ ދުވަސް އިސްތިހާރުކޮށްފި

ޢަލީ ޝަހީމް
ރޭގެ މެޗު ފެށުމުގެ ކުރިން ދަނޑުގެ މެދުގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާ ދުވަސް އިސްތިހާރު ކުރަނީ. ފޮޓޯ: ޓްވިޓާ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ހާޒިރުގައި ރާއްޖޭގެ ޓޫރިޒަމް އަލުން ފަށަން ހަމަޖައްސާފައިވާ ދުވަސް އިސްތިހާރުކޮށްފި އެވެ. ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ޕްރޮމޯޓް ކުރުމުގެ އިސްތިހާރު ދައްކާލީ ރޭ ސެލްޓާ ވީގޯ އިން އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިންނެވެ.

ސްޕެނިޝް ލީގުގެ ސެލްޓާ ވީގޯ އަކީ ރާއްޖޭން އިސްތިހާރުކޮށްފައިވާ ކްލަބެކެވެ. އެ ކްލަބާއެކު ރާއްޖޭން ހަދާފައިވާ އެއްބަސްވުމާއެކު ކްލަބުގެ ޖާޒީ އާއި ސޯޝަލް މީޑިއާ އަދި ދަނޑުގެ އެކި ތަންތަނުގައި ރާއްޖޭގެ ޓުރިޒަމް އިސްތިހާރު ކުރެ އެވެ. ދާދިފަހުން އެ ކްލަބުގެ ބައެއް ކުޅުންތެރިން ވަނީ “މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން” ގެ ނަމުގައި ވީޑިއޯ ޕްރޮމޯޝަނެއްގައި ބައިވެރިވެފަ އެވެ. މި ވީޑިއޯގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރި ކުޅުންތެރިންގެ ތެރޭގައި ކުރިން ލިވަޕޫލަށް ކުޅުނު ފޯވާޑް އިއާގޯ އަސްޕާސް އާއި ބާސެލޯނާގެ ލޯނެއްގެ ދަށުން މިހާރު ސެލްޓާ ވީގޯ އަށް ކުޅެމުން އަންނަ ރަފީނިއާ އަލްކަންޓަރާ އަދި މިދިޔަ ސީޒަނުގައި އާސެނަލުން ފެނުނު ޑެނިސް ސުއަރޭސް ހިމެނެ އެވެ. މިދިޔަ އަހަރު ހެދި މި އެއްބަސްވުމާއެކު ކޮންމެ އަހަރަކު ރާއްޖޭން ސެލްޓާ ވީގޯ އަށް 13 މިލިއަން ރުފިޔާ ދޭނެ އެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ސެލްޓާގެ އަބަންކާ ބެލައިޑޯސް ސްޓޭޑިއަމްގައި ރާއްޖޭގެ އިސްތިހާރު ވަނީ ދައްކައިފަ އެވެ. މިގޮތުން މެޗު ފެށުމުގެ ކުރިން ދަނޑުގެ މެދުގައި (ސެންޓަ ސާކަލްގައި) ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާނެކަމަށް ބުނެފައިވާ ބޮޑު ބެނާއެއް ދައްކާފައިވެ އެވެ. އަދި، މެޗު ކުޅެމުން ދިޔައިރު ދަނޑުގެ އެކި ހިސާބުތަކުގައި “ވިޒިޓް މޯލްޑިވްސް” ބެނާ ވަނީ އިސްތިހާރުކޮށްފަ އެވެ.

އެތައް ލައްކަ ބަޔަކު ވަގުތުން ބަލަމުންދިޔަ މި މެޗުގެ ކުޅުން ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ސެލްޓާ ވީގޯ އިން ވަރުގަދަ ބާސެލޯނާ ހުއްޓުވިއިރު މެޗު ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ރާއްޖޭން ސެލްޓާ ވީގޯއާ އެކު ހެދި އެއްބަސްވުމަށް ފަހު އެންމެ އިންތިޒާރުކުރީ ވެސް މި މެޗަށެވެ. ސެލްޓާ ވީގޯ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސަޕޯޓަރުން ނެތި ބާސެލޯނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހުމެވެ.

ލީގުގެ ކުރީކޮޅު ރެލިގޭޝަނުގައި އޮތް ނަމަވެސް ސެލްޓާ ވީގޯ މިހާރު ވަނީ ތާވަލުގެ 16 ވަނަ އަށް ކުރިއަށް ޖެހިލައި ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދު އާކޮށްފަ އެވެ. ރާއްޖޭގެ ޓޫރިޒަމް އެތައް މިލިއަން ބަޔަކަށް ރޭ ޕްރޮމޯޓްވެގެންދިޔައިރު ބާސެލޯނާގެ ޓީމުގައި މެސީގެ އިތުރުން މަޝްހޫރު އެތައް ކުޅުންތެރިންނެއް ހިމެނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *